ލިވަޕޫލް

ނަތީޖާ ރަނގަޅު މެޗެއް، ރެފްރީ ނިންމުން ރަނގަޅެއް ނޫން

އާސެނަލްގެ އެމިރޭޓްސް ސުޓޭޑިއަމްގައި، އެ ޓީމާ ދެކޮޅަށް އެއްވަރު ކޮށްލެވުންވެސް އެއީ ލިވަޕޫލަށް ހިތްހަމަޖެހޭ ނަތީޖާއެއް ކަމަށާއި، ނަމަވެސް ލިވަޕޫލުން ޖެހި ފުރަތަމަ ގޯލަކީ ލަނޑެއް ނޫން ކަމަށް ނިންމުމުން ހިތްހަމަ ނުޖެހޭ ކަމަށް، އެ ޓީމުގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

އާސެނެލް އާއި ލިވަޕޫލް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލިވަޕޫލް އެއް ވަނައިގައި އޮތީ 27 ޕޮއިންޓާ އެކު އެވެ. މިރޭ ސައުތު ހެމްޓަން އާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅޭ މެޗުން މޮޅުވެ އެ ޓީމަށް، ލިވަޕޫލްގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ނަގައި، ތާވަލުގެ ކުރިއަށް ޖެހިލެވޭނެ އެވެ. އަދި ޗެލްސީ، ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ވެއްޖެނަމަ، ލަނޑުގެ ތަފާތުން އެ ޓީމަށް ތާވަލުގެ ދެ ވަނަ ލިބޭނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ބަލި ނުވެ ލިވަޕޫލުން ދަމަހައްޓަމުން އަންނަ ޓްރެކް އެ ޓީމުން ވަނީ ދަމަހައްޓާފަ އެވެ. ކްލޮޕް ބުނީ އަވޭ މެޗެއްގައި އާސެނަލް އަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުންވެސް އެއީ ރަނގަޅު ނަތީޖާއެއް ކަމަށެވެ.

މެޗު ފުރަތަމަ ލީޑް ނެގީވެސް ލިވަޕޫލުންނެވެ. މެޗުގެ 61 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޖޭމްސް މިލްނާ އެވެ. އާސެނަލްއިން ނަތީޖާ ހަމަހަމަ ކުރީ، 82 ވަނަ މިނެޓްގައި އެލެކްޒެންޑާ ލަކެޒެޓް ކާމިޔާބު ކުރި ލަނޑުންނެވެ.

ނަތީޖާއާ މެދު ހިތްހަމަ ޖެހުނު ނަމަވެސް، ކްލޮޕް ހިތްހަމަ ނުޖެހުނީ، އާސެނަލްއިން އެންމެ ފުރަތަމަ ޖެހި ލަނޑު ގޯލެއް ނޫން ކަމަށް ނިންމުމުންނެވެ. މެޗުގެ 18 ވަނަ މިނެޓްގައި، ރޮބާޓޯ ފިރުމީނޯ، ފޮނުވާލި ބޯޅަ ދަނޑިގައި ޖެހިފައި ނިކުތުމުން، ސާޑިއޯ މާނޭ ވަނީ އެ ބޯޅަ ގޯލްގެ ތަރެއަށް ވައްދާލާފަ އެވެ. ނަމަވެސް މެޗުގެ ރެފްރީ، އަންޑްރޭ މަރިނޭ ނިންމީ ބޯޅަ ފޮނުވާލިރު، މާނޭ އޮފްސައިޑްގައި ހުރި ކަމަށެވެ.

"އަހަންނަށް ހީވަނީ އެއީ ލަނޑެއް ހެން،" މެޗަށް ފަހު، މާނޭ ފޮނުވާލި ބޯޅައަށް އިޝާރާތްކޮށް ކްލޮޕް ވާހަކަ ދެއްކި އެވެ.

"އަހަންނަށް ހީވަނީ (އެއީ) ބޭއިންސާފުހެން، އަހަންނަކަށް ނޭނގެ، މިއީ ފުޓްބޯޅަ، ހަގީގަތުގައި އެއީ ވަރަށް މޮޅު ހަމަލާއެއް، މިއީ ޓްރެއިނިން ގުރައުންޑްގައި އަހަރެމެން ކުރާ ކަމެއް.. އެއް ކުޅުންތެރިޔަކު ސެންޓާ ހާފު ތެރޭގައި ބައިންދާފައި އެދެމެދުގައި އެހެން ކުޅުންތެރިޔަކު ބަހައްޓައިގެން އަހަރެމެން މިގޮތަށް މަސައްކަތް ކުރަން، ނަމަވެސް އެއީ އޮފްސައިޑް ކަމަށް ނިންމީމަ އެއީ ދެރަ ކަމެއް."

އާސެނަލްގެ ކޯޗު އުނައި އެމްރީ ބުނީ، މެންޗެސްޓާ ސިޓީ އާއި ޗެލްސީއާ ދެކޮޅަށް، ރޭގެ މެޗުގައި ފެނުނު ކުޅުން ދެއްކިނަމަ، އެ ދެ މެޗުން ބަލި ނުވެ ސަލާމަތްވީސް ކަމަށެވެ.

ރޭ، ބޯންމައުތާ ދެކޮޅަށް، އެ ޓީމުގެ ދަނޑުގައި ކުޅުނު މެންޗެސްޓާ ޔުނައިޓަޑުން ވަނީ މެޗުގެ އެންމެ ފަހު ވަގުތު މޮޅުވެފަ އެވެ. ބޯންމައުތަށް، ކެލަމް ވިލްސަން ލީޑް ނަގައި ދީފައި ވަނިކޮށް، ޔުނައިޓަޑްގެ ދެ ލަނޑު ކާމިޔާބު ކުރީ ޒުވާން ދެ ފޯވަޑުން ކަމަށްވާ، އެންތޮނީ މާޝިއަލް އާއި މާކަސް ރެޝްފާޑް އެވެ.

ޔުނައިޓަޑް މޮޅު ކޮށްދިން ލަނޑު، ރަޝްފާޑް ކާމިޔާބު ކުރީ، މެޗުގެ 92 ވަނަ މިނެޓްގަ އެވެ.