ވާހަކަ

ބުނެދޭށޭރުހެމޭ

(1 ނޮވެމްބަރ 2018 އާ ގުޅޭ) -- "ހޭ ލިޓްލްވަން، ބޮޑުކަމެއް ޖެހިގެން މިއައީ" ޒިވަން ބުނެލިއެވެ.

"ކިހާވަރެއްގެ ކަމެއް" ނިމްރާ އަހާލިއެވެ.

"މައި މަމް، ވިވިއަން... ނިމްއާ ވާހަކަދައްކަން ބޭނުންވަނީ، ނިމްގެ ވެޑިންގަ ބައިވެރިވާން ބޭނުންވެގެން" ޒިވަން ބުންޏެވެ.

"އެއީ އެހާ ބޮޑުކަމެއްތަ؟... ޒިވަންއާއި ފެމެލީއަށް ވެސް އިންވައިޓް ކުރަން ނިންމާފައި އޮންނާނީ" ނިމްރާ ބުންޏެވެ.

"ކާޑުތައް ނިމިފައި ހުރީ" އަރްސަލް ބުނެލިއެވެ.

"އަތަށް އެރިހާ އަވަހަކަށް ޒިވަންއަށް ދޭނަން ކާޑެއް، ވިވިއަންގެ މެއިލް އަހަރެން އަތުގައި އޮންނާނެ، އައި ވިލް މެއިލް ހާ" ނިމްރާ ބުންޏެވެ.

"ނިމް، ވިވިއަންއާ ވާހަކަދައްކާލަންވީނު، އިޓްސް ރިއަލީ އިމްޕޯޓެންޓް ފޯ ހާ" ޒިވަންގެ ވާހަކަތަކުގެ މުރާދަކީ ކޮބައިކަމެއް ނިމްރާއަކަށް ނުވިސްނުނެވެ. އަރްސަލްއަށް ބަލާލީ އޭނާއަށް ޒިވަން އެ ދައްކާ ވާހަކައެއް އެނގިދާނެއޭ ހިތަށް އަރައެވެ. އެވަގުތު އަރްސަލް ބޯޖަހާލީ ޒިވަންގެ އެދުން ޤަބޫލުކުރާށޭ ބުނާ ފަދައިންނެވެ.

"އޯކޭ" ވިވިއަންއާ މެދު ވިސްނަން އިނދެ ނިމްރާ ބުނެލީ އަމިއްލަ ނަފްސަށް ވެސް ޔަގީންނުވެފައި އިން ކަހަލަ ގޮތަކަށެވެ. އަރްސަލް އެއްބާރުލުން ދިނީތީ އެކަމާ ނިމްރާ ދެކޮޅު ހަދައި ސުވާލު އުފެއްދުމުގެ ބޭނުމެއްނެތްކަމުގައި އޭނާއަށް ވިސްނުނެވެ.

ސޯފާގައި އިށީންނަމުން ކޮފީ މޭޒުމަތީ ޒިވަން ބޭއްވި ޓެބްލެޓް އޭނާ ނެގިއެވެ. އަދި ވިވިއަންއަށް ވީޑިއޯކޯލު ކުރަނީ ކަމުގައި ޒިވަން ބުނެލީ އަދިވެސް އެއްފަހަރު ނިމްރާގެ ޚިޔާލު ހުރިގޮތެއް ޔަގީންކޮށްލާށެވެ. ނިމްރާ ބޯޖަހާލުމުން ވިވިއަންއަށް ޒިވަން ގުޅިއެވެ. ވިވިއަންގެ އަޑު ނިމްރާއަށް އިވުނެވެ. އޭނާއާ ފުރަތަމަ ވާހަކަދެއްކީ ޒިވަންއެވެ. ނިމްރާއާއި އަރްސަލްއާއެކު ކަމަށް ހުރީ ވިވިއަންއަށް ޒިވަން އޮޅުންފިލުވައި ދިނެވެ. ވިވިއަން އެދުނު ފަދައިން ނިމްރާއާ ވާހަކަދެއްކި ކަމާއި ވިވިއަން ބުނަން ބޭނުންވާ އެއްޗެއް ނިމްރާގެ ގާތުގައި ބުނުމަށް ޒިވަން އެދުނެވެ. އަދި ޓެބްލެޓް ނިމްރާގެ އަތަށް ދިއްކޮށްލިއެވެ. ޓެބްލެޓްގެ އިސްކުރީނުން ވިވިއަން ފެނުމުން ނިމްރާ ނިކަން އަވަހަށް ހިނިތުންވެލިއެވެ. އޭނާގެ ހަރަކާތްތަކަށް ޒިވަންއާއި އަރްސަލް ބަލަން އިނެވެ.

ވިވިއަން ބޭނުންވީ ނިމްރާ ކައިވެނި ކުރާއިރު ލާ ހެދުމަކީ އޭނާގެ ފަރާތުން ދޭ ހަދިޔާއެއްގެ ގޮތުގައި ޤަބޫލުކުރުމަށެވެ. ހެދުން އޮތީ ތައްޔާރުވެފައިކަން ނިމްރާ ބުނެލީ އަލުން ހެދުމެއް ހޯދުން އިސްރާފަކަށް ވާނޭތީއެވެ. އެވަގުތު ނިމްރާއަށް އަރްސަލް ގޮވާލިއެވެ.

"ނިމް، އެ ހެދުން އޮތަށް ވިވިއަން ދޭ ހެދުން ޤަބޫލުކުރުމުގައި މައްސަލައެއްނެތެއްނު، ހަދިޔާއެއްވީމަ ޤަބޫލުކުރަން ފެނޭ، ނިމްގެ ފެމެލީއާ ވިވިއަން ވަރަށް ކްލޯޒްއޭ ބުނީމެންނު... ޝީ އިޒް ފެމެލީ ނައު" އަރްސަލް ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.

"ނިމްރާ... ނިމްރާގެ ފަރާތުން ކައިވެނީގައި ބައިވެރިވާނޭ ޢާއިލާއެއްނެތޭ ހީނުކުރައްޗޭ، ތީ އަހަރެންގެ ދަރިއެއް... ދަރިއެއްގެ ގޮތުގައި ޤަބޫލުކުރަނީ، ކައިވެންޏަށް ދަރިފުޅު ނަލަ ހެއްދުމަކީ މަންމައަކަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް، އަހަރެން ހަޤީޤަތުގައި ބޭނުންވަނީ އެ ފުރުޞަތު... އަހަންނަށް އެ ފުރުޞަތު ދޭނަންތަ؟" ވިވިއަންގެ ވާހަކައިން ނިމްރާއަށް ތަފާތު އިޙްސާސެއް ކުރެވިގެންދިޔައެވެ. އޭނާގެ މައިންބަފައިންނަކީ ކޮންބައެއްކަން ވިވިއަންއަށް އެނގެއެވެ. އަދި އެ މީހުން ނިމްރާގެ ގާތުގައި ނެތްކަން ވެސް ވިވިއަންއަށް އެނގެއެވެ. އޭނާއަށް ޓަކައި އެފަދަ ގާތްކަމެއް ފާޅުކުރާނޭ މީހަކު މިއަދު ނެތެވެ. ބިލާލުއާއި ޝަރުމީނަކީ އަރްސަލްގެ ޢާއިލާއެވެ. އެ ޢާއިލާއާ އޭނާ ހަވާލުކުރާނޭ މީހަކު ހަޔާތުގައިނެތްކަން ހިތަށް ވަނުމުން ނިމްރާ މާޔޫސްވާގޮތްވިއެވެ. އެ ހިތްދަތި އިޙްސާސުން ނިމްރާ ހަޤީޤަތުގެ ތެރެއަށް ގެނައީ ވިވިއަންއެވެ. އޭނާ ނިމްރާއަށް ގޮވާލީ އަނގައިން ނުބުނެ ނިމްރާ އިންނަތާ އިރުކޮޅެއްވުމުންނެވެ.

"ވިވިއަންއަށް ބުރަކަމަށް ނުވާނެތަ؟" މަޑުމަޑުން ނިމްރާ އަހާލިއެވެ. އެއާއެކު ވިވިއަން އެތައް ވާހަކައެއް އެއްފަހަރާ ދައްކާ ނިންމާލިއެވެ. ދަރިއަކަށް ޓަކައި އެންމެ ފަހަރަކު މަންމައަކު ކުރާ ޚަރަދު ބަލަން ހުންނަން ވިވިއަން އެދުނެވެ. ކައިވެންޏަށް ޓަކައި ނިމްރާ ތައްޔާރުކުރާނީ ވިވިއަން ކަމުގައި ބުނެ އޭނާ ދެއްކި ވާހަކަތަކުން ނިމްރާއަށް ބަޔާންކުރަން ދަތި އުފަލަކާއި ހިތްހަމަޖެހުމެއް ލިބުނެވެ.

ވީޑިއޯކޯލު ނިންމާލީ ނިމްރާއަށް ކައިވެނި ހެދުމުގެ ތަފާތު ފަރުމާތަކުގެ ފޮޓޯތައް ފޮނުވާނަންކަމަށް ވިވިއަން ބުނެފައެވެ. އަދި ކައިވެނި ކުރަން ހަމަޖެހިފައި އޮތް ދުވަހުގެ ކުރިން އޭނާއާއި ފިރިމީހާ ރާއްޖެ އަންނާނަންކަމަށް ބުންޏެވެ. އެހެންވީމަ އެ ދުވަސް ޖެހެންދެން އެ ދެމެދުގައި އީމެއިލްއާއި ވީޑިއޯ ކޯލުގެ ޒަރިއްޔާއިން ހުރިހާ ކަމެއް ހަމަޖައްސަމުން ދާނީ ކަމުގައި ވިވިއަން ލަފާދިނެވެ. ހުރިހާކަމެއް ހަމަޖެހުނު ގޮތުން ޒިވަން އިނީ ހިތްހަމަޖެހިފައެވެ. ލޯތްބާއި އޯގާތެރިކަމާއެކު އޭނާގެ ހުރި ހަމައެކަނި ކޮއްކޮގެ ގާތުން ކައިވެންޏަށް ބޭނުންވަނީ ކޮންކަހަލަ ހަދިޔާއެއްތޯ އެއްސެވެ.

"އައި ރިއަލީ ޑޯންޓް ނޯ... ވިވިއަން އޯލްރެޑީ ހެލްޕްވަނީނު، އެވެސް ކުޑަ ހަދިޔާއެއްނޫނެއްނު" ނިމްރާ ބުނެލިއެވެ.

"މިކަހަލަ ފުރުޞަތެއް ލިބޭނީ ޒޭވިއާ އަތުން އެއްޗެއް ހޯދަން، އަވަހަށް ބުނޭ... އޭނާ ގާތު ބުނެގެން ނުވާނެކަމެއްނޯންނާނެ" ހިނިއައިސްފައި އިން އަރްސަލް ބުނެލިއެވެ.

ރޭގަނޑުގެ ކެއުން ނިމްރާ ތައްޔާރުކޮށް އޭނާއާއި އަރްސަލްގެ އިތުރުން ޒިވަން ކެއުމުގައި ބައިވެރިވިއެވެ. އަރްސަލްއަށް ދާން ޖެހުނީ ބިލާލު ގުޅުމުންނެވެ. ކައިވެނީގެ ކާޑުތައް ހިފައިގެން ކައިވެނީގެ ޙަފުލާގެ ކަންކަން އިންތިޒާމުކުރާ ފަރާތުން އައިސްތިބިކަން ބިލާލު ބުންޏެވެ. އަރްސަލް އެޕާޓްމެންޓުން ނުކުތީ ފަހުން ނިމްރާއަށް ގުޅާނަން ކަމަށް ބުނެ ޒިވަން ގޮވައިގެންނެވެ.

"ތޭންކްސް މޭން" ޕްރައިވެޓް އެލެވޭޓާ ތެރޭ ހުރެ ޒިވަން ބުނެލިއެވެ.

"ޒޭވިއާ އަހަންނަށް ކޮށްދިން ކަންތައްތައް މަދެއްނޫނެއްނު، އަހަރެން ވެސް ބޭނުން ނިމްއަށް ނޭނގުނަސް އޭނާގެ ގާތުގައި ވިވިއަން ހުންނަން، ކޮންމެ ގޮތެއްވިޔަސް އެއީ ނިމްގެ މަންމަ... ކައިވެނީގެ ކަންތައްތަކުގައި ނިމްއަށް އެހީވެދޭން ވަށައިގެން އެތައްބަޔަކު ތިބޭނެ، އެކަމަކު އެމީހުންނާ ޚިލާފަށް ވިވިއަންގެ ހިތުގައި ނިމްގެ މައްޗަށް ކުލުންވެރިކަންވާނެ، ނިމްއަށް އުފާވެރި ދިރިއުޅުމެއް ލިބެން އެދޭނެ.... ވިވިއަން އެކަނި އަހަރެން ގާތުގައި އެދުނީ ނިމްރާ އުފަލުގައި ބަހައްޓައިދިނުމަށް، އޭނާގެ މައްޗަށް ރައްކާތެރިވުމަށް، އޭނާއަށް އިޙްތިރާމުކުރަން.... މަންމައަކު އޭނާގެ ދަރިފުޅު ރައްޓެހިވެގެން އުޅޭ މީހާއަށް ބުނާނޭ ފަދަ ވާހަކަތައް ވިވިއަން ދެއްކި، ނޭނގުމުގެ ތެރޭ ހުރެ ވެސް އަހަންނަށް ބުނެވުނު އެއީ ނިމްގެ މަންމަހޭ" ވިވިއަންއާ ބައްދަލުވެ ކުރެވުނު ތަޖުރިބާގެ ހަނދާންތައް އާކުރަމުން އަރްސަލް ވާހަކަދެއްކިއެވެ.

"އަރްސަލް އެއްބާރުލުން ދިނީމަ ނިމް އެހާ ފަސޭހައިން އެއްބަސްވީ، އަރްސަލް އަހަރެންގެ ކޮއްކޮއަށް ބަލާނޭކަން އަހަންނަށް ޔަގީންވޭ... ތޭންކްސް އިނގޭ މޭން، ކީޕް ހާ ހެޕީ އޯލްވޭޒް... ބިގް ބްރޯގެ ބްލެސިންގް މި ދިނީ އިނގޭ" އަރްސަލްގެ ކޮނޑުގައި ޖަހާލަމުން ޒިވަން ހީނލިއެވެ. އެއާއެކު އަރްސަލް ވެސް ސަކަ ހިނިގަނޑެއް ޖަހާލިއެވެ.

* * * * *

ވިޔަފާރީގެ ކަންކަން ބެލެހެއްޓުމަށް އަރްސަލްއާއި ރާދިންއަށް އިތުބާރުކުރެވޭ އެ މީހުންގެ ދަށަށް އެންމެ އިސްކޮށް ހުންނަ މުވައްޒަފާއި ހަވާލުކުރުމަށް ފަހު ދެ މީހުން ވެސް ޗުއްޓީނެގީއެވެ. އޭރު ނިމްރާ ވެސް ހުރީ ޗުއްޓީގައެވެ. ނިމްރާގެ ކަންކަމާ ޝަރުމީނު ހަވާލުވާން އުޅުމުން އެކަން ހުއްޓުވީ އަރްސަލްއެވެ. ނިމްރާގެ ޢާއިލާ ފަރާތުން ރާއްޖޭން ބޭރުގައި ހުންނަ އެމީހުންގެ ތިމާގެ މީހަކު ނިމްރާގެ ކައިވެންޏަށް ވާންވާއިރަށް ރާއްޖެ އަންނާނޭކަން އަރްސަލް އިޢުލާން ކުރިއެވެ. އަދި ނިމްރާގެ އެއްވެސް ކަމަކާ ކަންބޮޑުނުވުމަށް އަރްސަލް އެދުނެވެ.

ކައިވެނި ޙަފުލާއަށް ދަޢުދޭ ފަރާތްތަކުގެ ތެރެއިން ނިމްރާއާއި އަރްސަލްގެ ގާތް ރަޙުމަތްތެރިންނަށް ދަޢުވަތު ދިނުމަށް ދިޔައީ ދެ ޒުވާނުން އެކުގައެވެ. ހެދުމުގެ ކަންތަކުގައި ނިމްރާ ވިޝާންއާ ބައްދަލުކޮށް ކަންތައްވީގޮތް ކިޔައިދިނެވެ. ވިޝާންގެ ބުރަ މަސައްކަތަށް ފައިސާ ދޭން ނިމްރާ ހުށަހެޅުމުން އޭނާ އެކަން ޤަބޫލެއްނުކުރިއެވެ. ނިމްރާއަކީ އޭނާގެ އާދައިގެ ކަސްޓަމަރެއްނޫންކަމަށް ވިޝާން ބުނެ އެތައް ސަބަބުތަކަކާ ހުރެ އޭނާ އުޒުރުވެރިވީއެވެ. ހަމައެއާއެކު އޭނާގެ ނަޒަރު އެއީ ގެއްލުމެއްކަމަށް ޤަބޫލުނުކުރީ ކައިވެނީގައި ބައިވެރިވާ ޢާއިލާގެ އެހެން މެންބަރުންގެ ހެދުންތައް ފަހަނީ އޭނާކަމަށްވާތީއެވެ. އެކަމުން ވިޝާންގެ މައްޗަށް އޮންނަ އިތުބާރު ނިމްރާގެ އިތުރުވިއެވެ. އޭނާއާ ވަކިވީ ކައިވެނީގެ ދަޢުވަތު ކާޑު ހަވާލުކޮށްފައެވެ.

ވިވިއަން މާލެ އައިސް މަޑުކުރީ ސްކާލެޓް ގޮމަ ހޮޓެލްގައެވެ. ނިމްރާއާއެކު ޕެންޓްހައުސްގައި ހުރުމަށް އޭނާ ދަޢުވަތު ދިނުމުން ވިވިއަން ޤަބޫލުނުކުރީ އޭނާގެ ފިރިމީހާ ނޯލެންއާއެއްކޮށް އައިސް ހުރުމުންނެވެ. ނިމްރާ އިޚްތިޔާރުކުރި ކައިވެނި ހެދުމާއި އެއާއެކު ބޭނުންވާނޭ ސާމަނު ވެސް އޭނާ އައީ ހިފައިގެންނެވެ. ކައިވެނި ހެދުން އެހާ ގޮތްބޮޑުވުމަކީ އަރްސަލްއަށް މާ ކަމުދާނޭ ގޮތެއްނޫންކަން ނިމްރާއަށް ކުރިންވަނީ ދެނަގަނެވިފައެވެ. ނިމްރާ ވިސްނީ ޙަފުލާގައި ލައިގެން އުޅެން ފަސޭހަވާނޭ ރީތި ހެދުމެއް ޚިޔާރުކުރާށެވެ.

ވިވިއަންއާއެކު ޕެންޓްހައުސްއަށް ނޯލެން ވެސް އައެވެ. ރޭގަނޑުގެ ކެއުމަށް ނިމްރާ ކުރި ދަޢުވަތަށެވެ. އެރޭ އެމީހުންނާއެކު އަރްސަލްއާއި ޒިވަން ވެސް ބައިވެރިވިއެވެ. ޒިވަންއަށް ލިބިފައިވާ ދިގު އިސްކޮޅާއި ރާއްޖޭން ނުފެންނަ ފަދަ ދޮންކަމަކީ ކާކުގެ ފަރާތުން ވާރުތަކޮށްފައިވާ ކަމެއްކަން ބުނަން ނިމްރާއަށް އެނގުނީ ނޯލެން ފެނުނީނަމައެވެ. ވިވިއަންއާއި ނޯލެންއަކީ އެމީހުންގެ އުމުރަށްވުރެ ޅަކޮށް ފެންނަ ދެމަފިރިންނެވެ. ދެ މީހުންގެ ރީތިކަން ފުރިހަމަވެފައި އެއްވަރެވެ. އެ ދެމެދުގައި އޮތް ލޯބި ސިއްރެއްނުވެއެވެ. ޢާއިލާއެއްގެ އިޙްސާސް އެ މީހުންގެ ތެރޭގައި ނިމްރާއަށް ކުރެވުނެވެ.

* * * * *

ސްކާލެޓް ގޮމަ ހޮޓެލްގެ އެންމެ ބޮޑު ހޯލް ކަމަށްވާ ބޯލްރޫމު ތައްޔާރުވެފައި އޮތީ އަރްސަލްއާއި ނިމްރާގެ ކައިވެންޏަށް ޓަކައެވެ. ރޭގަނޑު އަށްގަޑި ބައިގައި ކައިވެނި ކުރެވުމަށްފަހު ދަޢުވަތު ދިން ފަރާތްތަކާއެކު ޙަފުލާ ފެށިގެން ދާގޮތް ހަމަޖެހިފައި އޮތީ ނުވައެއް ޖަހާއިރުއެވެ. ތިންގަޑިއިރަށް ހަމަޖައްސާފައި އޮތް ޙަފުލާ ނިންމާލުމަށް އޮތީ ބާރަ ޖަހާއިރުއެވެ. ގާތް މީހުންނާއި ޢައިލާގެ މެންބަރުންނޫން ފަރާތްތަކަށް ޙަފުލާ ނިންމާލުމަށް ހަމަޖައްސާފައި އޮތް ގަޑިއަކީ އެގާރަގަޑި ބައެވެ.

އަރްސަލްއާއެކު ޢާއިލާގެ ދެންތިބި ފިރިހެނުން އައިސް ބޯލްރޫމަށް ވަނެވެ. މުޅިތަން އޮތީ ނުލާއި ރަންކުލައިން ޒީނަތްތެރިކުރެވިފައެވެ. ދެފަރާތަށް ވާގޮތަށް މޭޒުތައް ބަހާލެވިފައިވާއިރު އަރްސަލްއާއި ނިމްރާ މަޑުކޮށްލައިގެން ތިބޭ ބެކްޑްރޮޕް ހުރީ އެންމެންނަށް ފެންނާނޭ ހިސާބެއްގައި ބެހެއްޓިފައެވެ. މެދުގައި ހުސްކޮށް އޮތް ބައިގައި ޙަފުލާ އިންތިޒާމުކުރާ ފަރާތުގެ ސްޓާފުން ދިގު މޭޒެއް ބަހައްޓައި މޭޒުމަތި ތައްޔާރުކުރުމުގައި އުޅެއެވެ. އެއީ ކައިވެނި ކުރެވޭ ވަގުތު އެންމެން ތިބުމަށް ހަމަޖެހިފައިވާ މޭޒުކަން އަރްސަލް ދެނެގަތެވެ. ވިވިއަންގެ ޒީލަ ގަދަކަމުން އަރްސަލްއަށް ނިމްރާއާ ބައްދަލުވިޔަކަ ނުދިނެވެ. ނިމްރާ ލަނީ ކޮންކަހަލަ ހެދުމެއްކަމެއް ވެސް އަރްސަލް ގާތުގައި ނުބުންޏެވެ. ނިމްރާއާ އިންނަން ޚިޔާލުކުރީއްސުރެ އޭނާ ސިކުނޑީގައި އަބަދުމެ އެނބުރޭ ޚިޔާލަށް ކައިވެނި ހެދުމުގައި ނިމްރާ ހުންނާނޭ ގޮތް ވެއެވެ. އެ މަންޒަރު ސިފަކުރަން އުޅެއުޅެ އަރްސަލްއަށް އެކަން ވާގޮތެއް ނުވިއެވެ. އޭނާގެ ގާތުގައި ހުރި ރާދިން ލިބުނު ފުރުޞަތުގައި އަރްސަލްއާ ދިމާކޮށްލިއެވެ. ނިމްރާގެ ގާތަށް ގޮސްފައި ޒިވަން އޭނާގެ ކޮއްކޮގެ ރީތިކަމާއި ފުރިހަމަކަމަށް އަރްސަލްގެ ގާތުގައި ތާރީފުކުރިއެވެ. އިތުރަށް އަރްސަލްގެ ހިތް އަވަސްވާގޮތް ވީ އެހެންވެއެވެ. އަތުރުކުރީ އޮތް ގަޑިއަށް އޭނާއަށް އިރުއިރުކޮޅާ ބަލާލެވެއެވެ. ނިމްރާ އެތަނަށް އަންނާނޭ އިރެއްގެ އިންތިޒާރުގައެވެ.

އަންހެނުންގެ ހުނުމުގެ އަޑާއި ވާހަކައިގެ އަޑުފަށްގަނޑާއެކު ދެފަރާތަށް ހުޅުވޭގޮތަށް ހުރި ބޯލްރޫމުގެ ދޮރުފަތް ހުޅުވިގެން ދިޔައެވެ. އެއާއެކު އަރްސަލްގެ ފުރިހަމަ ސަމާލުކަން އެ ދިމާއަށް ހުއްޓިގެންދިޔައެވެ. އޭނާއެކޭ އެއްގޮތަށް އެތަނުގައި ތިބި ރާދިންއާއި ޒިވަންގެ އިތުރުން ހަލަފްގެ ނަޒަރު ވެސް ހުރީ ދޮރާ ދިމާއަށް ހުއްޓިފައެވެ. ބިލާލު އާއި މުއްޠަލިބު ތިބީ ނޯލެންއާ ވާހަކަދައްކަން އެއްފަރާތުގައެވެ. އެމީހުންގެ ސަމާލުކަން ވެސް ބޯލްރޫމުގެ ދޮރުން ވަންނަ ބަޔަކަށް އެވަގުތު ހުއްޓުނެވެ. ޝިހާނާއާއި އޭނާގެ އަންހެން ކޮއްކޮ ޝިފްނާ އެންމެންގެ ކުރިއަށް ތިބެ ވަނެވެ. އެ ދެބެންނާއެކު އެ މީހުންގެ މަންމަ އަފީފާ ވެސް ހުއްޓެވެ. އެ މީހުންގެ ފަހަތުގައި ހުދުކުލައިގެ "މާމެއިޑް" ކައިވެނި ހެދުމުގައި ނިމްރާ ހުރިއިރު އޭނާގެ ކަނާއަތް ފަރާތުގައި ވިވިއަންއާއި ޝަރުމީނު ހުއްޓެވެ. ނޭވާ ހިފަހައްޓާލައިގެން ކަހަލަ ގޮތަށް ހުރެ އެތެރެއަށް ވަދެގެން އައި ނިމްރާގެ ލޯ ހޯދާލީ އަރްސަލްއެވެ. އެއާއެކު "މިޑްނައިޓް ބްލޫ" ކުލައިގެ ޓަކްސީޑޯގައި ހުރި އަރްސަލްގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިތަން ފެނުނެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތުގައިވިއެވެ. އެ ހިނިތުންވުން ނިމްރާގެ ހާސްކަން ކުޑަކުރުވިއެވެ. އަދި ލޯބިވެތި ހިނިތުންވުމެއް އަރްސަލްއާ ބަދަލުކޮށްލިއެވެ. ކާކީކުލައިގެ ސޫޓުގައި ނޫކުލައިގެ ޓައީއެއް އަޅައިގެން ފިރިހެނުން ތިބިއިރު އަންހެނުންތައް ތިބީ ނޫކުލައިގެ ދިގުކޮށް ފަހާފައި ހުރި ހެދުމުގައެވެ. އެމީހެއްގެ އުމުރާ ގުޅޭ ގޮތުން އަމިއްލަ ރަހައެއް އެކުލެވޭ ގޮތަށް ފަރުމާކޮށްފައި ހުރި ހެދުންތަކުގައެވެ. އެންމެން ބައްދަލުވި ހިނދު ތާރީފުގެ ބަސްތައް ނިމްރާއަށް އޮހިގެންދިޔައެވެ. އެހެނަސް ނިމްރާގެ ގާތަށް ދިއުމަށް އަރްސަލްއަކަށް ފުރުޞަތެއް ނުދިނެވެ. ވިވިއަންގެ އަތުގައި އަޅުވާލައިފައި ނިމްރާގެ ހެދުމުގެ މުހިންމު ބައެއް އޮތެވެ. ޙަފުލާ ފެށުމުން އެބައި ހެދުމުގައި ހަރުކުރާނީ ކަމުގައި އެންމެންގެ ގާތުގައި ވިވިއަން ބުންޏެވެ. ނިމްރާގެ މުޅި ހެދުން ފަރުމާކުރުމުގައި ބޭނުންކޮށްފައި ހުރީ އެކިވަރުގެ ހުދު މިނަލެވެ. ހޯލުގައި ހަރުކޮށްފައި ހުރި ބޮކިތަކުގެ އަލީގައި ހެދުމުގައި ދަޅައެއް ހުރީ އެހެންވެއެވެ. އަލި އެޅޭ ގޮތަކުން ބައެއް ފަހަރު އެ ވިދުން ގަދަވެއެވެ. އަރާފައި ހުރި ބޫޓުގެ ސަބަބުން އާންމުކޮށް ހުންނަ ވަރަށް ވުރެ ނިމްރާ ފެންނަނީ އިސްކޮޅުން ދިގުކޮށެވެ.

ބިލާލުގެ ލޮލުގައި ނިމްރާއަށް އަރްސަލް ބަލަން ހުރި ގޮތް އަޅައިގަތެވެ. އެންމެންގެ ތެރޭގައި ވެސް އެ ދެ ޒުވާނުން ބަހެއް ނުބުނެ އެކަކު އަނެކަކާ ވާހަކަ ދައްކާ ގޮތް ފެނި ބޭއިޚްތިޔާރުގައި ބިލާލަށް ހީނލެވުނެވެ. އޭނާއާއެކު ހުރި މުއްޠަލިބުގެ ސަމާލުކަން ބިލާލުގެ އެ ހަރަކާތަށް ހުއްޓުނެވެ.

"އަރްސަލްއަށް އެމަންޖެ ވަރަށް ކަމުދޭ ދޯ" މުއްޠަލިބު ވެސް އަރްސަލްއާއި ނިމްރާއަށް ބަލަން ހުރެ ބުނެލިއެވެ.

"އޭނާގެ ކޮންމެ އިޝާރާތަކަށް އަހަރެންގެ އަރްސަލް ކިޔަމަންވާނެކަން ޔަގީން، މުއްޠަލިބު... އަހަންނަށް އަދިވެސް ހީވަނީ ހުވަފެނެއްގައި އުޅެވޭހެން، އަރްސަލްއަށް އައިސްފައިވާ ބަދަލާ މެދު ވަރަށް ބޮޑަށް އުފާވޭ، އެކަމަކު ޤަބޫލުކުރަން ދަތިވަނީ، އެއީ ހަމަ އަހަރެންގެ ގޮތްދޫނުކުރާ ހަރުކަށިކަން އެކުލެވިފައިވާ ރުންކުރު ދަރިފުޅުބާއޭ ހިތަށް އަރާ" ބިލާލު ބުންޏެވެ. އެއާއެކު މުއްޠަލިބު އޭނާގެ ކޮނޑުގައި ޖަހާލިއެވެ.

"އަހަރެން ހިތަށް އަރަނީ އަރްސަލްއަށް އެމަންޖެ ހެދީ ކިހިނެއްބާއޭ" ހެވިފައި ހުރެ މުއްޠަލިބު ބުންޏެވެ. އޭނާގެ ހުނުމުގައި ބިލާލު ވެސް ބައިވެރިވިއެވެ.

"ތި ހިސާބަށް އަހަރެމެން ނުވިސްނިއްޔާ ކަންނޭނގެ ރަނގަޅުވާނީ" ސަމާސާ ރާގެއްގައި ބިލާލު ބުންޏެވެ.

ކައިވެނި ކުރާ މޭޒު ދޮށުގައި އެންމެން އިޝީނީ ޤާޟީއާއެކުއެވެ. ކައިވެންޏާ ގުޅުވައިގެން ޤާޟީ ވާހަކަދެއްކެވިއެވެ. އަރްސަލްގެ ދެވަނަ ކައިވެންޏަށް ވިޔަސް އެއީ ނިމްރާގެ އަލަތު ކައިވެންޏެވެ. މޭޒުދޮށުގައި އިންއިރު އަރްސަލްގެ ހިތާއި ސިކުނޑީގައިވީ ނިމްރާއެވެ. އޭނާއަށް ދޭތެރެއަކުން ނިމްރާއަށް ބަލާލެވެނީ އެހެންވެއެވެ. ނިމްރާއަށް އަންނަ ބަދަލުތައް އޭނާ ދެނެގަންނަން ބޭނުންވެފައި އިން ކަހަލައެވެ. ކުޑަކޮށް އިސް ތިރިކޮށްލައިގެން އިން ނިމްރާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވާތީ އަރްސަލް ދުށްޓެވެ. ހާސްކަމުގެ އަސަރެއް ނިމްރާގެ މޫނުން ނުފެނެއެވެ. އެއަށްވުރެ އޭނާ ހިތްހަމަޖެހިފައި އިން ކަހަލައެވެ. އެކަން އެނގި އަރްސަލްގެ އަވަސްވެފައިވާ ހިތް މަޑުމަޑުން ހަމައަކަށް އެޅުނެވެ. ޤާޟީ ރަނުގެ ވާހަކަދައްކަމުން ގޮސް ހަމަޖެހިފައި އޮތް އުސޫލުގެ މަތިން ނިމްރާގެ ރަން އޭނާއާ ހަވާލުކުރަން އެދުމުން އެބައި އަރްސަލް ފުރިހަމަކުރިއެވެ.

"އަނބިޤަބޫލުކޮށްފިން" ލޯބިން ފުރިގެންވީ ބަލާލުމަކުން ނިމްރާއަށް ބަލަން އިނދެ އަރްސަލް ބުނެލިއެވެ. ނިމްރާ ނޭވާލީ ގޮތުން ހީވީ އޭނާ އިނީ އަރްސަލްގެ ދުލުން އެ ލަފްޒުތައް ބުނާނޭ އިރެއްގެ އިންތިޒާރުގައި ހެންނެވެ. ހިތުގެ ގޮވުން ފުރިހަމަވުމުން ލިބުނު ހިތްހަމަޖެހުމުގައި ހަށިފުރާލީ ނޭވާއެއް ފަދައެވެ.

ކައިވެނިކޮށްދީ ނިމި ޢާއިލާގެ އިސް މީހުންނާއެކު ޤާޟީއާއި ކޯޓުން އައިސްތިބި މީހުން މޭޒުދޮށުން ތެދުވެގެން ދިއުމުން އަރްސަލް ވަގުތުން ނިމްރާގެ އަތުގައި ހިފާލިއެވެ.

"ހުރިހާ ގޮތަކުން މިލްކުވެއްޖެ... ސްކާލެޓް، ތީ ހަމައެކަނި އަހަރެންގެ މިލްކެއް" ނިމްރާގެ ކަންފަތް ދޮށުގައި އަރްސަލް ބުނެލިއެވެ. އެވަގުތު އަރްސަލްގެ ފަހަތުން އޭނާގެ ކޮނޑުގައި މީހަކު ޖަހާލިއެވެ. ނިމްރާއާ ދުރަށް ޖެހި އަރްސަލް ބާލާލިއިރު ހުރީ ވިވިއަންއެވެ.

"ޕާޓީ ފެށެން އެ އުޅެނީ... ލޮބީގައި ބައެއް މީހުން އެބަތިބި، އިރުކޮޅަކުން މީހުން ވައްދަން ފަށާނެ، އިރުކޮޅަކަށް އަރްސަލްގެ ސްކާލެޓް ބޭނުންވޭ އެބަ" ވިވިއަން ހުރީ ހިނިއައިސްފައެވެ. ނިމްރާ މޭޒުދޮށުން ތެދުވެގެން ވިވިއަންއާއެކު ހިނގައިގަތެވެ.

ވެޑިން ބެކްޑްރޮޕްގެ ކައިރީ ނިމްރާ މަޑުކޮށްލުމާއެކު ވިވިއަންއާއެކު ރާއްޖެ އައި އޭނާގެ ޚާއްޞަ އެހީތެރިންގެ ތެރެއިން ދެ ކުއްޖަކު އައެވެ. އަދި ނިމްރާގެ ހެދުމުގެ އެއްބައި ކަމުގައިވާ "އޯވާސްކާޓް" ބައި އުނަގަނޑާ ދިމާލުން ހަރުކޮށްލިއެވެ. އަދި ފަހަތަށް ފުޅާ ފަސްބައި ފަތުރާލައި ރީތިކުރިއެވެ. ނިމްރާގެ މޭކަޕް ޓަޗިން ވިވިއަން ހެދުވިއެވެ. އޭރު އަރްސަލް ވެސް އެތަނަށް އަތުވެއްޖެއެވެ. ޙަފުލާ އިންތިޒާމު ކުރުމަށް ހަވާލުވެގެން ގުރޫޕުގެ ސްޓާފަކާއި ފޮޓޯގްރަފު އައިސް އަރްސަލްއާއި ނިމްރާއަށް އިރުޝާދުތައް ދިނެވެ. ވިވިއަންގެ އެދުމަށް ޙަފުލާ ފެށުމުގެ ކުރީން އަރްސަލްއާއި ނިމްރާގެ ދެތިން ފޮޓޯ ނެގުވިއެވެ. އަދި ކުރީބައިގައި ޢާއިލާގެ މެންބަރުންނާއެކު ވެސް ފޮޓޯތައް ނަގައި އެކަން ނިންމިއެވެ. ވިވިއަން އެކަން ކުރިން ނިންމާލަން ބޭނުންވީ ޙަފުލާ ނިމޭއިރު އަރްސަލްއާއި ނިމްރާ ވެސް ތިބޭނީ ވަރުބަލިވެފައިކަމަށްވީމައެވެ.

ހޮޓެލްގެ ސެކިއުރިޓީ ބަލަހައްޓަމުންދިޔަ ޒިވަންގެ ޓީމުގެ ދެ ސްޓާފަކު ބޯލްރޫމުގެ ދޮރުފަތް ދެފަރާތަށް ހުޅުވާލުމާއެކު ޙަފުލާއަށް އައިސް ތިބި މެހެމާނުން އެތެރެއަށް ވަންނަން ފެށިއެވެ. ޝިހާނާއާއި އީވާގެ އިތުރުން ޝިފްނާ ހުރީ ނިމްރާ ހުރި ފަރާތުގައި މަޑުކޮށްލައިގެންނެވެ. އަރްސަލް ހުރި ފަރާތުގައި ރާދިންއާއި ހަލަފްގެ އިތުރުން ޒިވަންއާއި ޝިފާޒު މަޑުކޮށްލައިގެން ހުއްޓެވެ. މީހުންތަކާއިގެން ހޯލު ފުރެން ގިނައިރެއް ނުނެގިއެވެ. އަރްސަލްމެންނާ ކުރިމަތިވާ ގޮތަށް ލައިވް މިއުޒިކު ކުޅެމުން ދިޔަ ބޭންޑް ތިއްބެވެ.

އަރްސަލްއާއި ނިމްރާ ފެނުމާއެކު އެތެރެއަށް ވަދެގެން އައި އައިރާ އޭނާގެ ފިރިމީހާ ލޫކަންގެ އަތުގައި ހިފައި ތަޅުވާލަމުން އެ މީހުން ދައްކާލިއެވެ. އައިރާއާއި ލޫކަން އައިސް އަރްސަލްއާއި ނިމްރާއާ ސަލާމްކޮށްލިއެވެ. ކައިވެނީގެ ތަހުނިޔާ ކިއުމާއެކު ހަދިޔާ ހަވާލުކޮށްލިއެވެ. ހާލުއަހުވާލު ނިމްރާ އޮޅުންފިލުވިއެވެ. އައިރާގެ ދެ ދަރީން ގޮވައިގެން ނައީ ކީއްވެތޯ އަހާލިއެވެ.

"ބޮޑުމީހާ ނިދާނެ ވަރަށް އަވަހަށް، އަނެކަކު އަދި މާކުޑަ... ނިމްވާނެ ފްރީވީމަ އަހަރެމެން ގެއަށް އަންނަން އިނގޭ، ވަރަށް ލޯބި މިރޭ، ދެކުދީން ވަރަށް ގުޅޭ އިނގޭ" ހިނިތުންވެލައިގެން ހުރެ އައިރާ ބުނެލިއެވެ.

"ތެންކިއު އައިސްދިނީމަ" އައިރާގެ ގައިގާ ނިމްރާ ބައްދާލިއެވެ. އޭނާގެ ހަޔާތުގައި ބައްދަލުވި ޚާއްޞަ ދެ މީހުންނަށް ލޫކަންއާއި އައިރާ ވެއެވެ. އެ ދެ މީހުންވަނީ އަރްސަލްއާއި ނިމްރާގެ ދިރިއުޅުމުގައި ގުޅިފައެވެ. ލޫކަންއާއި އައިރާ އިށީންނާނޭ ދިމާއެއް ހޯދަމުން މޭޒުތައް ހުރި ދިމާއަށް ހިނގައިގަތެވެ. އެވަގުތު އީވާ ގޮވާލިއެވެ.

"ދަނީތަ؟" އީވާ ދާން އުޅޭހެން ހީވެ ނިމްރާ އަހާލިއެވެ.

"ނޯ... ޑެޑީއާއި އިޒޫމަންމަ އައިސްގެ މިދަނީ، އަންނާނަން އެ މީހުން ގޮވައިގެން" އީވާ ބުނެލިއެވެ. ނިމްރާ ބޯޖަހާލުމުން ނިކަން ހަލުވިކޮށް އީވާ ދޮރާ ދިމާއަށް ދިޔައެވެ.

ބޯލްރޫމުގެ ތެރެއަށް ވަދެވުމާއެކު އެތަން ޒީނަތްތެރިކޮށްފައި އޮތްލެއް ފުރިހަމަކަމުން އެކަން އިޒްވާ ފާހަގަކުރިއެވެ. ޝަދަފުގެ ގާތުގައި ހުރެ އީވާ އިޝާރާތްކުރީ އަރްސަލްއާއި ނިމްރާ ހުރި ދިމާއަށެވެ.

"ބޮސްއާއި ނިމް އެ ތިބީ، އިޒޫމަންމާ، މިރޭ ނިމްހެން ވެސް ހިޔެއްނުވޭ ދޯ" އީވާ ބުނެލިއެވެ.

"އެ ރަތް އިސްތަށިގަނޑު ނެތްނަމަ ނޭނގޭނެ އެއީ ނިމްކަމެއް... ދޯ ޑިފީ، އެ ދެކުދީން ވަރަށް ގުޅޭ" އިޒްވާގެ ޚިޔާލު ހާމަކުރިއެވެ.

"ދެކުދީންގެ ކައިވެނީގައި ﷲ ބަރަކާތްލައްވާށެ، އާމީން... ދެން ރަނގަޅަށް އުޅޭތި އިނގޭ" ނިމްރާއާ ސަލާމްކުރަމުން އަނެއްއަތުން ނިމްރާގެ ކޮނޑުގައި އިޒްވާ ފިރުމާލިއެވެ.

"ތެންކިއު އީވްމަންމާ... އަޅުގަނޑު ހީކުރީ އީވްއާއެއްކޮށް އަންނާނޭ ކަމަށް" ނިމްރާ ބުނެލިއެވެ.

"މަންމަމެން މިތިބީ ބްރައިޑްމެއިޑްސްއަށް ވާވަރަށްވުރެ އުމުރުން ދޮށިވެފައި... މިހާރު ދެން މި އާދެވުނީ، ކޮންމެހެން ވެސް އަންނަން ނިންމައިގެން ތިބީ" ސަމާސާ ރާގެއްގައި ހީނލާފައި އިޒްވާ ބުންޏެވެ.

"އަހަންނަށް ތަންކޮޅެއް ލަހުން އާދެވުނީ، އީވްމަންމަ ހުރީ ތައްޔާރުވެގެން، އަދި ބުނަން... އީވްގެ ފޭވަރިޓް އިނގޭ ތީ މިހާރު، ބެސްޓް ބޮސްގެ އެވޯޑު ދޭންވެފަ އޮތީ" އަރްސަލްއާއި ސަލާމްކޮށްލާފައި ނިމްރާއާ ސަލާމްކުރަމުން ޝަދަފު ބުންޏެވެ. ނިމްރާ ހީނލިއެވެ.

"އީވް، ދާންވީނު މަންމެން މޭޒެއްގެ ދޮށުގައި ބައިތިއްބަން" ނިމްރާގެ ގާތުގައި ހިނިއައިސްފައި ހުރި އީވާއަށް ނިމްރާ ބުންޏެވެ. (ނުނިމޭ)