ރެއާލް މެޑްރިޑް

ރޭސް ބަދަލު ކުރީ ވިނީސިއުސް، ބާސާ ފަހު ވަގުތު ސަލާމަތްވެއްޖެ

ސްޕެނިޝް ލީގުގައި މުޅިން އަލަށް ވާދަ ކުރަމުން އަންނަ ރެއާލް ވަލަޑޮލިޑް އާ ދެކޮޅަށް ލަނޑެއް ނުޖެހި ގިނައިރު ތަކެއް ހޭދަވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ބްރެޒިލްގެ އުންމީދީ ތަރި، ވިނީސިއުސް ޖޫނިއާ، ރެއާލް މޮޅުކޮށްދީފި އެވެ. ރެއާލް މެޗު ކާމިޔާބު ކުރީ 2-0 އިންނެވެ.

ރެއާލްގެ ވަގުތީ ކޯޗް، ސެންތިއާގޯ ސޮލާރީ، ސްޕެނިޝް ލީގްގައި އެޓީމަށް ކޯޗު ކޮށްދިން ފުރަތަމަ މެޗުގައި، ވަލަޑޮލިޑްގެ ގޯލް ފޫއަޅުވާލުމުގައި ރެއާލްއަށް ވަރަށް ބޮޑަށް އުނދަގޫ ކުރިމަތިވި އެވެ.

މަޝްހޫރު ގެރެތު ބޭލް އާއި ކަރީމް ބެންޒެމާއާއެކު، ވަލަޑޮލިޑްގެ ގޯލް ފޫއަޅުވާލުމުގައި ކާމިޔާބު ނުހޯދުމުން، ސޮލާރީ ވަނީ، ރެއާލްގެ ބީ ޓީމުގައި އޭނާ ކޯޗު ކޮށްދޭ ވިނީސިއުސްއަށް، މާކޯ އެސެންސިއޯގެ ބަދަލުގައި ފުރުސަތު ދީފަ އެވެ.

ބްރެޒިލްގެ ފްލެމިންގޯއިން މިސީޒަންގައި ރެއާލްއަށް ބަދަލުވި، އުމުރުން 18 އަހަރުގެ ފޯވަޑާ މެދު، ރެއާލްގެ ސަޕޯޓަރުންނާއި، ބްރެޒިލުންވެސް ބޮޑެތި އުންމީދުތަކެއް ކުރެ އެވެ. މެޗަށް ނިކުތްތާ 10 މިނެޓް ތެރޭގައި، ވިނީސިއުސް ވަނީ، ވަލަޑޮލިޑްގެ ގޯލް ފޫއަޅުވާލައި ރެއާލްއަށް ލީޑް ނަގައިދީފަ އެވެ.

ވިނީސިއުސް ފޮނުވާލި ބޯޅަ، ގޯލަށް ވަނީ ވަލަޑޮލިޑްގެ ކިކޯ އޮލިވާސް ގައިގައި ޖެހިފަ އެވެ. ނަމަވެސް، އެ ބޯޅަ ފޮނުވާލުމުގައި ވިނީސިއުސް ހުނަރުވެރިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިގެން ދިޔަ އެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗަށް އަރަން ޖެހުމުން ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން، ރެއާލް މެޑްރިޑް ޓީވީއަށް ދިން އިންޓަވިއުގައި ވިނީސިއުސް ބުނީ، އޭނާ ވިސްނީ ލަނޑު ޖެހުމަށް ކަމަށެވެ.

"އެހެން ކުޅުންތެރިންގެ އެހީތެރިކަމާއެކު، އަހަރެންގެ ފުރަތަމަ ލަނޑު އަހަންނަށް މި ކާމިޔާބު ކުރެވުނީ، އަހަންނަށް ބޯޅަ ލިބުނީމަ އަހަރެން ތިނަކާ ހަމަޔަށް ގުނާފަ، ބޯޅަ ބާރަށް ފޮނުވާލީވެސް، އަހަރެމެން ތިބީ މި މޮޅު ބޭނުން ވެފައި،" ބްރެޒިލްގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުން ޖާގަ ލިބުނު ވިނީސިއުސް ބުންޏެވެ.

ރެއާލުން ރޭ ހޯދި މޮޅަކީ، 11 ދުވަސް ފަހުން ލީގްގައި އެ ޓީމުން ހޯދި ފުރަތަމަ މޮޅުވެ. އެ ދެމެދުގައި ލީގްގައި ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފަ އެވެ. ރޭގެ މެޗުގައި، ރެއާލްގެ ދެ ވަނަ ލަނޑު، ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ، ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.

ރޭ، ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން، ބާސެލޯނާއަށް ލިބުނީ އުނދަގޫ މޮޅެކެވެ. ބާސާއިން، މެޗުގެ 11 ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް ލަނޑު ޖަހާފައި ވަނިކޮށް، ފުރަތަމަ ހާފުގައި، ހޯޒޭ އެންހަލް ޕޮޒޯ ވަޔެކާނޯއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

މެޗުގެ 57 ވަނަ މިނެޓްގައި، އަލްވާރޯ ގާސިއާ، ވަނީ ވަޔެކާނޯއަށް ލީޑް ނަގާފަ އެވެ. މެޗުގެ އެންމެ ފަހު ފަސް މިނެޓް ތެރޭގައި، ބާސާ މޮޅުކޮށްދިނީ، އުސްމާން ޑެމްބެލޭ އާއި ލުއިޒް ސުއަރޭޒް ޖެހި ލަނޑުންނެވެ.