ހަބަރު

ލޯޔަރު ހިސާން ތުޅާދޫ ދާއިރާއަށް ވާދަކުރައްވަނީ

Nov 4, 2018
8

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލޯޔަރުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ، ލޯޔަރު ހިސާން ހުސެއިން ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައި އޭނާ މިއަދު އެކަން އިއުލާން ކުރައްވައިފި އެވެ.

ހިސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ތުޅާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލައްވަން ނިންމީ، އިންސާފުގެ މަގަށް ދިވެހިން ކުރަމުން އަންނަ މަސައްކަތުގައި ދެމި ހުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން ތުޅާދޫ ދާއިރާގައި ހިމެނޭ، ގޮއިދޫ، ފުޅަދޫ، އަދި ފެހެންދޫ ރައްޔިތުން ތަމްސީލް ކުރުމުގައި ފުރުސަތު އޭނާއަށް އެ ރައްޔިތުން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ހިސާން ވަނީ ވިދާޅުވެފަ އެވެ.

ހިސާންއަކީ ރައީސް ނަޝީދުގެ ލޯޔަރުންގެ ޓީމް ހެޑް ކުރައްވާ ލޯޔަރުގެ އިތުރުން އޭނާ ވަނީ މި ސަރުކާރުން ދައުވާ ކުރި އެކި ސިޔާސީ ފަރާތްތަކުގެ ހައްގުގައި ކޯޓްތަކުގައި ވަކާލާތު ކުރައްވައިފަ އެވެ. އަދި ގޮނޑި ގެއްލުނު ކަމަށް އީސީއިން ކަނޑައެޅި 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓްގައި ވެސް އެކަމަނާ ވަކާލާތު ކުރެއްވި އެވެ. އިންތިހާބު ބާތިލް ކުރަން ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލައިގައި ވެސް އިދިކޮޅު ފަރާތްތައް ކޯޓްގައި ތަމްސީލް ކުރެއްވީ ހިސާން އެވެ. އަދި ހިސާން އަކީ އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓް ވެސްމެ އެވެ. އެކަމަނާ ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް ޑިޕާޓްމަންޓް ވެސް ހެޑް ކުރައްވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ މާޗްމަހުގެ ތެރޭގައި ކަމަށެވެ.