ޕީޕީއެމް

ޕީޕީއެމްގެ ރައީސްއަކީ ޔާމީން ކަމަށް ކަނޑައަޅަން ހައިކޯޓަށް

ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމްއިން ބޭއްވި ކޮންގްރެސްއަކީ ސައްހަ ކޮންގްރެސްއެއް ކަމަށް ކަނޑައަޅައި، އެ ޕާޓީގެ ރައީސްއަކީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމުގައި ކަނޑައެޅުމަށް އެދި ޕީޕީއެމްއިން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ ހިންގުން ސިވިލް ކޯޓުގެ ހުކުމަކުން 2016 ގައި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައިވެ އެވެ. އަދި އެ ހުކުމްގައި ގައުމީ ޖަލްސާއެއް ރައީސް ޔާމީންގެ ދަށުން ބޭއްވުމަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް އެ ޕާޓީއިން ގައުމީ ޖަލްސާއެއް ބޭއްވީ އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެ ގައުމީ ޖަލްސާގައި ޕީޕީއެމްގެ ރައީސް ކަމަށް ރައީސް ޔާމީން ވަނީ އިންތިހާބުކޮށްފަ އެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅަކު އިންތިހާބުކޮށް ކައުންސިލް ވެސް އަލުން އެކުލަވާލާފައިވެ އެވެ.

ނަމަވެސް އެ ޖަލްސާގެ ނިންމުންތައް ބަލައިނުގަންނަ އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އިލެކްޝަން ކޮމިޝަންގެ އެ ނިންމުން ބާތިލް ކަމަށް ކަނޑައަޅަން ޕީޕީއެމްއިން ހައިކޯޓަށް ހުށަހަޅާފައިވަނީ އެނގިފައިވާ ގޮތުގައި މިދިޔަބ ހަފުތާ އެވެ. މިހާރު އެ މައްސަލަ ހައިކޯޓުން ބަލައިގަނެ މާދަމާއަށް ވަނީ އަޑުއެހުން ތާވަލްކޮށްފަ އެވެ.

ޕީޕީއެމްއިން ހައިކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ގައުމީ ޖަލްސާގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ގައުމީ ޖަލްސާގައި އިންތިހާބު ކުރި ފަރާތްތައް ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އަމުރުކޮށް ދިނުމަށެވެ.

ޕީޕީއެމްގެ ރައީސްއަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅަން ހައިކޯޓަށް ހުށަހަޅާފައިވާއިރު، ޕީޕީއެމްގެ އާންމު ދެ މެންބަރަކު ވަނީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ އިންތިހާބީ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކުރުމަށް އެދި ސިވިލް ކޯޓަށް ދެ މައްސަލައެއް ހުށަހަޅާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓަށް ލިބިފައިވާ ޝަކުވާތަކަކާ ގުޅިގެން އެ ކޯޓުން ވަނީ އެ ދެ
މައްސަލާގެ ފައިލް ނަގާފަ އެވެ.