ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން އިތުރު ތިން ރަށެއްގައި އޭޓީއެމް ގާއިމްކުރަނީ

Nov 4, 2018
1

ގައުމީ ބޭންކް، ބީއެމްއެލް އިން އިތުރު ތިން ރަށެއްގައި އޭޓީއެމް ގާއިމް ކުރަން ނިންމައިފި އެވެ.

އެ ބޭންކްގެ ރަސްމީ ވެބްސައިޓްގައި ހިމަނާފައިވާ ޓެންޑާ ނޯޓިސްގައިވާ ގޮތުގައި، އޭޓީއެމްތައް ބެހެއްޓުމަށް ބޭނުންވާ އިމާރާތް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައި ވަނީ، ބ. ތުޅާދޫ، ލ. މާވަށް އަދި ރ. އަލިފުށީގަ އެވެ. އެ ރަށްރަށުގައި ގާއިމް ކުރަނީ ސެލްފް ސާވިސް ބޭންކިން ސެންޓަރެކެވެ. އެއީ، ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ އޭޓީއެމް އެވެ.

ބީއެމްއެލްގެ އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމެވެ. އެގޮތުން ބީއެމްއެލްއިން ވަނީ 100 އޭޓީއެމް މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފަ އެވެ.

ބީއެމްއެލްއިން ވަނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސާވިސް
ބޭންކިން ސެންޓަރު، އޭޓީއެމް، ޕީއޯއެސް މާޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިން ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް ގައުމީ ބޭންކަށް 269 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ވަނީ ލިބިފަ އެވެ.