ކުޅިވަރު

ބައިކޮޅަށް ލަނޑެއް ނުވަދެ މިލާން ފުރަތަމަ މެޗު ފުރިހަމަކޮށްފި

އުޑިނޭޒީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އޭސީ މިލާން ސީޒަނުގެ ފުރަތަމަ ފަހަރަށް ބައިކޮޅަށް ލަނޑެއް ނުވަދެ މެޗެއް ފުރިހަމަ ކޮށްފި އެވެ.

މިލާން އަކީ، މިސީޒަންގައި އިޓާލިއަން ލީގްގެ ޓީމުތަކުގެ ތެރެއިން، ކުޅުނު ހުރިހާ މެޗެއްގައި ބައިކޮޅަށް ލަނޑު ވަން ހައެކަނި ޓީމެވެ. ބައިކޮޅަށް ލަނޑެއް ނުވަދެ މީގެކުރިން، ލީގުގައ އެންމެ ފަހުން މިލާންއިން މެޗެއް ފުރިހަމަ ކުރީ، މިިދިޔަ ސީޒަންގައި، އޭޕްރީލް މަހު ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

ރޭ، އެޓީމު މޮޅުކޮށްދިނީ، މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ކުޅުނު ވަގުތުގައި އެލެސިއޯ ރޮމަގްނޯލީ އެވެ. މިއީ ފަސް ދުވަސް ތެރޭގައި އިތުރު ވަގުތުގައި ލަނޑު ޖަހައިގެން އޭނާ ފުރިހަމަ ކުރި ދެ ވަނަ މެޗެވެ. އޭނާ އެންމެ ފަހުން ޖެހި ތިން ލަނޑުވެސް ކާމިޔާބު ކުރީ، މެޗުގެ 90 ވަނަ މިނެޓަށް ފަހު ގަ އެވެ.

އެންމެ ފަހުން ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށް އެ ޓީމު ވަނީ ތާވަލުގެ ހަތަރު ވަނައިގައި ހިފަހައްޓާފަ އެވެ. އެ ޓީމާއި، ފަސް ވަނައިގައި އޮތް ލާޒީއޯއަށްވެސް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. ދެ ޓީމަށްވެސް ލިބިފައި ވަނީ 21 ޕޮއިންޓެވެ. މިލާންއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ސުޕަލް އާ ދެކޮޅަށް ކުޅުނު މެޗު ލާޒިއޯ ކާމިޔާބު ކުރީ 4-1 އިންނެވެ. އެޓީމުގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އިމްމޯބިލޭ އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރި ޑަނިލޯ ކަޓްލްޑީ އަދި މާކޯ ޕަރޯލޯ އެވެ. ސުޕަލްގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ މިރުކޯ އަންޓެންޗީ އެވެ.