ޑރ. މުހައްމަދު މުއިއްޒު

އާ ސަރުކާރުން ފްލެޓު ލިސްޓާ އެއްގޮތަށް ފްލެޓް ނުދޭ ނަމަ ކޯޓަށް ދެވޭނެ: މުއިއްޒު

"ހިޔާ" މަޝްރޫއުގެ ދަށުން މި ސަރުކާރުން ފްލެޓު ދޭން ކަނޑައެޅި މީހުންނަށް އާ ސަރުކާރުން ފްލެޓު ނުދީފި ނަމަ ދައުވާ ވެސް ކުރެވިދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ފްލެޓު ދިނުން ފަދަ ކަންކަން ނުކުރަން އިންތިހާބީ ރައީސްގެ އޮފީހުން އިލްތިމާސްކޮށްފައި ވަނިކޮށް ހައުސިން މިނިސްޓްރީ އިން ރޭ ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި އަލަތު ކައިވެނި ކުރި ފަރާތްތަކަށް ފްލެޓު ލިބޭ ކެޓަގަރީގެ ވަގުތީ ލިސްޓުތައް އާންމުކޮށްފަ އެވެ. ނަމަވެސް ނޮވެމްބަރު 17 ގައި ސަރުކާރު ބަދަލުވާއިރު ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓު ދޫކުރުމުގެ މަސައްކަތްތައް
ކުރާނީ އާ ސަރުކާރުންނެވެ.

ނަމަވެސް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ކުރިން ވިދާޅުވެފައި ވަނީ ފްލެޓުތައް ދީފައި ހުރި ގޮތުން އަލުން ބަލާނެ ކަމަށާއި ފްލެޓަށް ކުރިމަތިލުމަށް އަލުން ހުޅުވާލާނެ ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ދައިމީ ލިސްޓުގައި ހިމެނުން ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ހާއްސް ލިސްޓެއް ސަަރުކާރުން ނުދޭނެ ކަމަށެވެ. ނަމަވެސް ގެޒެޓުގައި ޝާއިއުކޮށްފައި ވަނީ ސަރުކާރުގެ ރަސްމީ ލިޔުމެއް ކަމަށާއި އާ ސަރުކާރުން ފްލެޓު ލިސްޓު އުވާލައިފި ނަމަ ޝަރުއީ މަރުހަލާއަށް ދެވިދާނެ ކަމަށެވެ.

"މިއީ ރަސްމީ އިއުލާނެއް، ރަސްމީކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޖެހިގެން މިދިޔައީ، އެހެންވެ މިއަށްވުރެ ބޮޑަށް ރަސްމީ ވާނެ ގޮތެއް ނޯންނާނެ، އަޅުގަނޑުމެން އެ ބޭފުޅުންގެ އަތަށް ލިޔުމެއް ދިނުމަކީ ހަމަ އިތުރު ކަމެއް، އަނެއްހެން ބަލާއިރު [ގެޒެޓުގައި] މިއޮތީ ރަސްމީ ލިޔުމެއް، މި ގެޒެޓު ހިފައިގެން ވެސް ޝަރީއަތަށް ދާން ބޭނުން މީހަކު ދާންވީ، މިސާލަކަށް އޭނައަށް އެ އަރާފައި އޮތް ނަން އަރާފައި އޮއްވާ ދެން އަންނަ ސަރުކާރަކުން އޭނައަށް ފްލެޓު ނުދީފިއްޔާ ނޫނީ އެ ލިސްޓު އުވާލައިފިއްޔަ އޭނައަށް ދެވޭނެ ކޯޓަށް،"

ހިޔާ މަޝްރޫއު ދަށުން ފެލްޓުތައް ދޫކޮށްފައި ވާނީ ވަރަށް އިހުލާސްތެރިކަމާއެކު އޭގައި އެއްވެސް އޮޅުވާލުމެއް ނޯންނަ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ އާ ސަރުކާރުން ވެސް އެ މަޝްރޫއު އެގޮތަށް ކުރިޔަށް ގެންގޮސް ރައްޔިތުންނަށް ކަނޑައަޅާފައިވާ ރައްޔިތުންނަށް ފްލެޓު ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނުނު ހުޅުމާލެއަކީ ރައީސް މައުމޫން ހިއްކާފައިވާ ތަނަކަށްވާތީ އެތަން ދޫކޮށްލާފައި ގުޅިފަޅު ހިއްކައިގެން އެތަނުގައި ފްލެޓުތަކެއް އެޅުމަށްޓަކައި އެއްވެސް ކަހަލަ ޕްލޭންއެއް ނެތި ކަންތައްތަކެއް ފެށި ބޮޑު ގެއްލުންތަކެއް ރައްޔިތުންނަށް ފެނިގެން ދިޔުން، އެފަދަ ޒާތީ ކަންތައްތަކެއް ފެނުމަކީ ވަރަށް ޒިންމާދާރު ކަން ކުޑަ ކަމަކަށް ވާނީ،" މުއިއްޒު ވިދާޅުވި އެވެ.