ކުރީ ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ދޭން ނިންމާފައިވާ ކެޓަގަރީ ތަކުގެ ތެރެއިން ހަތަރު ކެޓަގަރީ އަކުން އަދަދު މަދުކޮށް މާލެ ރަށްވެހިންގެ ކެޓަގަރީ އަށް 772 ފްލެޓު އިތުރުކޮށްފި އެވެ.
ކުރީ ސަރުކާރުގެ ހިޔާ މަޝްރޫއުގެ H8, H5, H4 އަދި H10 ކެޓަގަރީ އަށް ކުރިމަތިލާފައިވާ ފޯމުތައް ދިރާސާ ކުރުމަށްފަހު ޝަރުތު ފުރިހަމަވާ މީހުންގެ ލިސްޓާއި ޝަރުތު ފުރިހަމަ ނުވާ މީހުންގެ ވަގުތީ ލިސްޓު މިއަދު ވަނީ އާއްމުކޮށްފަ އެވެ. ކުރީ ސަރުކާރުގެ ހިޔާ މަޝްރޫގެ ދަށުން މާލެ ރަށްވެހިންނަށް 1000 ފްލެޓު ދޭން ނިންމި އިރު އެ އަދަދު ބަދަލު ކޮށް މިހާރު ވަނީ 1772 ފްލެޓު ދިނުމަށް ނިންމާފަ އެވެ. އަދަދު މަދު ކޮށްފައިވަނީ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ އާއި ޓީޗަރުންނާއި އެކަނިވެރި މައިންނާއި ބަފައިން އަދި 18-40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކުރި ކެޓަގަރީ އިންނެވެ.
ބަދަލު ގެނައި ކެޓަގަރީތައް
- ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ 475 ފްލެޓުން 233 ފްލެޓަށް
- ޓީޗަރުންނަށް ހާއްސަ ކެޓަގަރީ 625 ފްލެޓުން 523 ފްލެޓަށް
- އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީ 500 ފްލެޓުން 423 ފްލެޓަށް
- 18-40 އަހަރާކައިވެނި ކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީ 1,000 ފްލެޓުން 805 ފްލެޓަށް
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، މާލޭގެ ރަށްވެހިންގެ ތެރެއިން ގޯއްޗެއް ނެތި މާލޭގައި ދިރިއުޅޭ 5122 އާއިލާ އެބަ ތިބި ކަަމަށެވެ. އެމީހުން ދާނެ އެހެން ތަނެއް ނޯންނާނެ އިރު މި ކަހަލަ ކޮންމެ މަޝްރޫއެއްގެ ތެރެއިން މާލެ ރަށްވެހިންނަށް ހާއްސަ ފޯކަސް އެއް ގެނައުމަކީ ގަބޫލު ކުރާ ގޮތުގައިި އެންމެ އިންސާފުވެރި ގޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، މާލެ ރައްޔިތުން މާލޭގައި އުޅެނީ އިތުރު ޗޮއިސް އެއް އޮވެގެން ނޫން ކަމަށާއި އޭނާގެ މައިންބަފައިންނަށް ލިބޭ ތަންކޮޅު ބަހަމުން ގޮސް އުޅެވޭ ވަރަށް ވުރެ މިހާރު ކުޑަވެއްޖެ ކަމަށެވެ.
"ހާއްސަ ކަން ދޭން އެބަ ޖެހޭ މާލޭގައި ކުރާ ކަމަކަށް ވާތީ މާލޭގެ ރައްޔިތުންނަށް. މާލޭގެ ރައްޔިިތު މީހާ މާލޭގައި އުޅެނީ އޭނާގެ ޗޮއިސް އެއްގަ އެއް ނޫނޭ. އޭނަ މިތަނަށް [މާލެ] ވިހޭތީ މިހާ އުޅެން ޖެހެނީ. އޭނާގެ މައިންބަފައިންނަށް ލިބުނު ތަންކޮޅު ބަހަމުން ބަހަމުންގޮސް މިހާރު އޭނަ އަށް ނޫޅެވޭ ވަރަށް އެތަންކޮޅު ކުޑަވެއްޖެ. އޭނަގެ އެއް ނެތޭ އެހެން ތަނަކު އިންހެރިޓް ވާކަށް އޮތް ތަންކޮޅެއް. އެހެންވީމަ އޭނަ އަށް ހާއްސަ އަހަންމިއްޔަތުކަމެއް ދިނުން އެއީ ހަމަ އެކަނި އަޅުގަނޑުމެން ކުރި ކަމަކީ، އިތުރު ފޯކަސް އެއް އެއަށް ދިނުން. އެހެން ތަންތަނުން [ކެޓަގަރީ] އުނި ކޮށްލީކީ އެއް ނޫން" މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ރަށްވެހިންނަށް ހާއްސަކޮށްފައި އޮތް H8 ކެޓަގަރީގެ ޝަރުތު ހަމަވާ މީހުންނާއި ނުވާ މީހުން ޝަރުތު ހަމަ ނުވި ސަބަބާއެކު ލިސްޓުކޮށް ވަނީ ގެޒެޓުކޮށްފަ އެވެ. އެ ކެޓަގަރީ އިން 46 މީހަކު ވަނީ އުނިކޮށްފަ އެވެ. މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީން 4461 ފަރާތެއް ވަނީ ޝަރުތު ފުރިހަމަވި ކަމަށް ނިންމާ ވަގުތީ ލިސްޓުގައި ހިމަނާފަ އެވެ.