ހަބަރު

މަސީހާ ޒާތީކަމެއްނެތް، މިއީ ދާއިރާތަކުގެ ހައްގުގަ ހުށަހެޅި މައްސަލައެއް: 12 މެންބަރުން

ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބުދުﷲ މަސީހާއި ދެކޮޅަށް މައްސަލަ ހުށަހެޅީ އެއްވެސް ޒާތީކަމެއް އޮވެގެންނޫން ކަމަށާއި އެމައްސަލަ ހުށަހަޅަން ޖެހުނީ ދާއިރާތަކުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ އެކަމުގެ ޒިންމާނަގަން ޖެހޭތީ ކަމަށް ރައްޔިތުން މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި 12 މެންބަރުން ވިދާޅުވެއްޖެ އެވެ.

މިއަދު ވަނީ މަޖިލީހުގެ 12 މެންބަރުންގެ ފަރާތުން މަޖިލީހުގެ ކުރީގެ ރައީސް މަސީހާއި ދެކޮޅަށް ޖިނާއި މައްސަލަތަކެއް ތަހުގީގްކޮށްދިނުމަށްއެދި ފުލުހަށް ހުށަހަޅާފަ އެވެ.

މަސީހާއި ދެކޮޅަށް މައްސަލަ ހުށަހެޅުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، މިއަދު ފުލުހަށް ހުށަހެޅީ މަސީހު، މަޖިލީހުގެ 12 މެންބަރުންނާއި ދެކޮޅަށް ޖިނާއީ ކުށްތަކާއި ގުޅޭ މައްސަލަ ތަހުގީގް ކުރުމަށް ސިޓީއެއް ކަމަށެވެ. އެ ސީޓިގައި މަޖިލީހުގެ 12 މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސް އެޅުމާއި ސަލާމަތީ ބާރުތައް މެދުވެރިކޮށް މެންބަރުންނަށް އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ ކަމަށާއި ބައެއް މެންބަރުން މަޖިލީހުގެ ދޮރާށި މަތިން ބޭރު ކުރި މައްސަލަތައް ބަޔާންކޮށްފައިވާނެ ކަމަށް އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަށް މަސީހު ކުރި އަނިޔާތަކާއިގުޅޭ ވަރަށް ގިނަ މައްސަލަތައް ސީޓީގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއިން މި މައްސަލަތައް ވީހާ އަވަހަކަށް ބަލާދީ ތަހުގީގްކޮށް އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ދައުވާ ކުރަންޖެހޭ ކަމަށްވާނަމަ ދައުވާ ކުރުމަށްޓަކައި މި މައްސަލަތައް ވީހާ އަވަހަކަށް ފޮނުވައި ދިނުން ކަމަށްވެސް އަމީތު ވިދާޅުވި އެވެ.

"މިއީ ހަމައެކަނި 12 މެންބަރުންގެ ޒާތީ މަސްލަހަތާއި ގުޅުންހުރި މައްސަލައެއް ނޫން، މީގެ ސަބަބުން އަޅުގަނޑުމެންގެ ދާއިރާތަކުގައި ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާތީވެ، އެހައްގުތައް ގެއްލުވާލުމުގެ ޒިންމާ ކުރުވަންޖެހޭ ފަރާތްތައް ޒިންމާކޮށް މީސްމީހުންގެ މައްޗަށް އިންސާފު ގާއިމްކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތެއް، ޕޮލިހުންގެ މުއައްސަސާގައި އަޅުގަނޑުމެން އެދެން ވީހާވެސް ޒިންމާދާރުކަމާއެކީގައި މިމައްސަލަތައް ބަލައި އަދި މަސީހު ހާޒިރުކުރަންޖެހޭ ކަމަށްވާނަމަ މި މުއައްސަސާއަށް ހާޒިރުކޮށްގެން މަސީހުއާ ސުވާލުކޮށްގެން މައްސަލަތައް ފުލުހުންގެ މުއައްސަސާއިން ބަލައިދިނުން،" އަމީތު ވިދާޅުވި އެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ، މެންބަރުންނަށް ދިން އަނިޔާތައް ތަހުގީގްކޮށް އިންސާފުވެރި ޝަރީއަތަކަށް ގޮސްގެން މިމައްސަލާގައި މަސީހުއާމެދު ގޮތެއް ނިންމާނެކަމަށް އުންމީދުކުރާ ކަމަށެވެ. މިއީ ދިވެހި ތާރީހަށްޓަކައިވެސް ބަލަންޖެހޭ މައްސަލައެއް ކަމަށް މުސްތަފާ ވިދާޅުވި އެވެ.

"އެއްވެސް ޒާތީ އެއްވެސް ކަމެއް ނޯންނާނެ އަޅުގަނޑުމެންގެ، ހަމައެކަނި އަޅުގަނޑުމެންގެ 12 މެންބަރުންގެ މަސްލަހަތެއް ނޫން ނަގާލާފައި މިވަނީކީ، މުޅި ރާއްޖޭގެ ނިޒާމް ގަޑުބަޑު ކޮށްލައި ފުނޑުފުނޑުކޮށްލާފައި ހުރި މީހެއް މަސީހަކީ، އެހެންވެ އެމައްސަލަ ބަލައި ދިނުމަށް މިއެދުނީ،" މުސްތަފާ ވިދާޅުވި އެވެ.

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ފެނިގެންދިޔައީ ރައްޔިތުން މަޖިލިސް ހިސޯރުކޮށް މަޖިލިސް މެދުވެރިކޮށް ދައުލަތުގެ ބާރުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ މިންވަރު ކަމަށެވެ. މިއަދު އިހުސާސް ކުރާ މިނިވަންކަން ހޯދައި ދިނުމަށް ރައްޔިތުން ވަރަށް ބޮޑު ގުރުބާނީއެއް ވެވަޑައިގެންފައިވާ ކަމަށްވެސް ސައުދު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން އޭރު އެ ނިކުތް އިސްލާހީ މަސައްކަތުގައި ދެމިތިބެ، އަޅުގަނޑުމެން ބޭނުމެއްނޫން ދެން ކުރިއަށްއޮތް ތަނުގައި އެޗެޕްޓާ އިތުރަށް ތަކުރާރުވެގެންް އަންނާކަށް، ރައީސް އަބުދުﷲ ޔާމީންގެ އަނިޔާވެރިކަމުގެ ފެށިމަކީ މަސީހު ރައްޔިތުންގެ މަޖިލިސް ގަދަބާރުން ހުދުމުހުތާރު ގޮތެއްގައި ހިފަހައްޓައިގެން ހުރެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެކުރި އަނިޔާ،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ، މަސީހު 12 މެންބަރުންނާއިމެދު ހިންގީ ޖިނާއީ ކުށްތަކެއް ކަމަށާއި އެކަންކަން ފުރިހަމައަށް ބަލައި ފުލުހުންގެ އިދާރާއިން އެކަމާ ގުޅޭ ރިޕޯޓެއް ނެރެންޖެހޭ ކަމަށެވެ.