ކުޅިވަރު

ޑޯޓަމުންޑްގެ ކޯޗް ފާވަރޭއަށް ބޮޑު ރެކޯޑެއް!

ވްލްފްސްބާގްގެ މައްޗަށް ރޭ ހޯދި މޮޅާއެކު، ޖެހިޖެހިގެން 15 މެޗުން ބުރޫޝިއާ ޑޯޓަމުންޑް ބަލިނުވެ އެ ޓީމުގެ ކޯޗް ލޫސިއަން ފާވަރޭ ބޮޑު ރެކޯޑެއް ހަދައިފި އެވެ.

ޑޯޓަމުންޑްގައި، މީގެ ކުރިން، ޖެހިޖެހިގެން އެންމެ ގިނަ މެޗުން ބަލިނުވެ ކުރިއަށް ދިއުމުގެ ރެކޯޑް އޮންނަނީ، އެ ޓީމުގެ ކުރީގެ ކޯޗް، މިހާރު ޕީއެސްޖީގެ ތޯމަސް ޓޫހުލް އަތުގަ އެވެ. އޭނާ ވަނީ ޑޯޓަމުންޑްގައި ޖެހިޖެހިގެން 14 މެޗުން ބަލި ނުވެ ކުރިއަށް ގޮސްފަ އެވެ. ވުލްފްސްބާގްގެ މައްޗަށް 1-0 ން ކާމިޔާބު ހޯދުމަށް ފަހު، ރެކޯޑާ ބެހޭގޮތުން ވާހަކަ ދައްކަމުން ފާވަރޭ ބުނީ، އެ ރެކޯޑް އޭނާއަށް ނޭންގޭ ކަމަށެވެ.

"ތި ރެކޯޑް ހެދުނު ކަމެއް އަހަންނަކަށް ނޭންގެ،" ރޭކޯޑާ ބެހޭގޮތުން ސުވާލު ކުރުމުން ސްވިޑެންއަށް ނިސްބަތްވާ ފާވަރޭ ބުންޏެވެ. "އަހަރެމެންނަށް ވަރަށް އުނދަގޫވި ވުލްފުސްބާގްގެ ޑިފެންސުން ޖާގަ ހޯދަން، އަދި މެޗު ނިމެންދެން އެ ޓީމުގެ ފަރާތުން ނުރައްކާ ފެނިގެން ދިޔަ."

ޑޯޓަމުންޑްގެ ލަނޑު، މެޗުގެ 27 ވަނަ މިނެޓްގައި ތޯމަސް ޑިލޭނީ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ މާކޯ ރިއުސް އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ރިއުސް ބުނީ، އިންޖަރީ ނެތްނަމަ އޭނާގެ ފަރާތުން އަބަދުވެސް ތަފާތު ފެންނާނެ ކަމަށެވެ.

"އަހަރެން އަބަދުވެސް ބުނަން ފުރިހަމަ ސިއްހަތެއްގައި ހުރެއްޖެނަމަ ޓީމުން ބޭނުންވާ ކުޅުން އަހަންނަށް ދެއްކޭނެޔޭ." މިިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މިއަހަރުގެ ޖަނަވަރީއާ ހަމަޔަށް އަނިޔާގައި ހޭދަ ކުރި ރިއުސް ބުންޏެވެ.

ޖަރުމަން ލީގްގެ ތާވަލުގެ އެއް ވަނައިގައި ޑޯޓަމުންޑް އޮތީ، ހަތަރު ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ތާވަލުގެ ދެ ވަނައިގައި އޮތް ބުރޫޝިއާ މޮންޗެންގްލެބާކް އާއި މިދިޔަ ފަސް އަހަރުގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ލިބިފައި ވަނީ 20 ޕޮއިންޓެވެ. ބަޔާން އޮތީ ތިން ވަނައިގަ އެވެ.

ޗެމްޕިއަންސް ލީގްގައި، އެތުުލެޓިކޯ މެޑްރިޑާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗަށް، މިއަދު އެ ޓީމު މެޑްރިޑަށް ދާން ފުރާނެ އެވެ. ޑޯޓަމުންޑްގެ ދަނޑުގައި އެތުލެޓިކޯ އާ ދެކޮޅަށް ކުޅުނު މެޗު ޑޯޓަމުންޑް ކާމިޔާބު ކުރީ 4-0 ންނެވެ. އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ޑޯޓަމުންޑަށް އޮންނާނީ ވާދަވެރި ބަޔާން މިޔުނިކާ ދެކޮޅަށް ކުޅޭ މެޗެވެ.

މިހާރު ކުޅުން ހުއްޓާލާފައިވާ، ޑޯޓަމުންޑްގެ ކުރީގެ ކެޕްޓަން ސަބެސްޓިއަން ކޭލް ބުނީ، ބަޔާން މިޔުނިކު ބަލިކޮށް އެ ޓީމު ޕްރެޝަރަށް ވައްޓާލަން ބޭނުންވާ ކަމަށެވެ.