އިނގިރޭސި ގައުމީ ޓީމުން، ކުރީގެ ކެޕްޓަން ވޭން ރޫނީއަށް ދޭން ޖެހޭނީ ކުޅުންތެރިޔެއްގެ މަގާމު ނޫން ކަމަށާއި، އޭނާ ވާން ޖެހޭނީ ގައުމީ ޓީމުގެ ހާއްސަ މެހެމާނަށް ކަމަށް، އިނގިރޭސި ކުރީގެ ފޯވަޑް އެލަން ޝިއެރާ ބުނެފި އެވެ.
މި މަހު 15 ވަނަ ދުވަހު، އެމެރިކާއާ ދެކޮޅަށް، އިނގިރޭސިން ކުޅޭ މެޗުގައި، ގައުމީ ޓީމުން ރޫނީއަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ލަންޑަންގެ ވެމްބްލީ ސްތޭޑިއަމްގައި ކުޅޭ މެޗަކީ ވޭން ރޫނީގެ ފައުންޑޭޝަނަށް ފައިސާ ހޯދައިދިނުމަށް ކުޅޭ މެޗެކެވެ.
ގައުމީ ޓީމަށް، ރޫނީ ނުކުޅޭތާ މިހާރު ދެ އަހަރު ވަނީ އެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އޭނާ އިއުލާން ކުރީ މިދިޔަ އަހަރު އޯގަސްޓް މަހު އެވެ. އިނގިރޭސި ގައުމީ ޓީމަށް 119 މެޗު ކުޅުނު ރޫނީއަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 53 ލަނޑު ޖަހައި ދިފަ އެވެ.
ގައުމީ ޓީމަށް ކުރިން ކުޅުނު ޝިއެރާ ވަނީ، މިހާރު ގައުމީ ޓީމުން ރޫނީއަށް ފުރުސަތު ދިނުމުގައި، އިނގިރޭސި އެފްއޭގެ މަގުސަދު ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލި ފަހުން އިނގިރޭސި އެފްއޭއިން ރޫނީގެ އަގުވަޒަން ކޮށްފައި ނުވާތީ ޝިއެރާ ވަނީ ފާޑު ކިޔާފަ އެވެ. އޭނާ ބުނީ ރޫނީގެ އަގުވަޒަން ކުރުން މެޗެއް ކުޅެގެން ފުރިހަމަ ނުކުރެވޭނެ ކަމަށެވެ.
"އެފްއޭއިން، ހަގީގަތުވެސް އޭނާ [ރޫނީ] ގެ އަގުވަޒަން ކުރަން ބޭނުން ނަމަ، ކީއްވެ ގައުމީ ޓީމުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި އޭނާއަށް ދައުވަތު ނުދޭންވީ،" އިނގިރޭސި ގައުމީ ޓީމަށް އަށް އަހަރު ވަންދެން ކުޅުނު ފޯވަޑް ވާހަކަ ދެއްކި އެވެ. "އަހަންނަށް ހީވަނީ އެއީ އޭނާގެ އަގުވަޒަން ކުރުމަށްޓަކައި މާ އެދެވޭ ގޮތެއްހެން، އޭނާ ގައުމީ ޓީމަށް ކުޅުނީތީ ޝުކުރިއްޔާއޭ ބުނަން."
"އެހެން ކުޅުންތެރިންނާ މެދު އެގޮތަށް މެޗުތައް ރާވައިގެން ކަންކަން ކޮށްފައެއް ނެތް، އަދި އަޖައިބު ވާން ޖެހޭ ކަމަކީ އެފްއޭއިން މިކަން ކުރަނީ ވެމްބްލީގައި ކުޅޭ މެޗުތަކުގެ ޓިކެޓް ނުވިކޭތީ ޓިކެޓް ވިއްކަން ކުރާ ކަމަކަށް ވެދާނެތީ."