ހަބަރު

ރައީސް ނަޝީދު މިއަދު އައްޑޫސިޓީއަށް ވަޑައިގަންނަވަނީ

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ރައީސް ނަޝީދު އައްޑޫސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. ނަޝީދުގެ ދަތުރުފުޅަށް އައްޑޫ ސިޓީ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން ނަޝީދު އަތޮޅު ތެރެއަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ.

ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބުދުﷲ މުހައްމަދު ގަވާއިދާ ހިލާފަށް ހައްޔަރު ކުރި ކަމަށްބުނެ އެމަނިކުފާނުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާކަމަށް ނިންމާ 13 އަހަރަށް ޖަލަށްލާން ހުކުމް ކުރިފަހުން، ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ތިން އަހަރު ފަހުން ނަޝީދު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ މިހާރު ވަނީ ސުޕްރީމްކޯޓަށް ރިވިއުއަށް ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ވަކި ގޮތަކަށް އެކޯޓުން ނިންމަންދެން އެހުކުމް ތަންފީޒު ކުރުން ވަގުތީގޮތުން މަޑުޖައްސާލުމަށް ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް ސްޕްރީމްކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ނަޝީދު އެންމެ ފުރަތަމަ އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެހެން
ނަމަވެސް އައްޑޫއަށް ކުރަމުން އައި ވިއްސާރައާއި ގުޅިގެން އެ ދަތުރު ފަސްކުރެއްވީ އެވެ.