ދުނިޔެ

އިމްރާން ޚާން ޗައިނާގައި "ސަލާން" ޖަހާކަމަށް އެރުވިގެން މައްސަލަ ހޫނުވެއްޖެ

ބީބީސީ -- ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ޗައިނާއަށް އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޮޑު ވަޒީރު ދެއްކެވި ވާހަކަފުޅެއް ލައިވްކުރަމުން ދިޔައިރު ޕާކިސްތާނުގެ ގައުމީ ޓީވީގެ، އެ ކަވަރޭޖްގެ ލޮކޭޝަންގެ ގޮތުގައި "ބެއިޖިން"ގެ ބަދަލުގައި، "ބެގިން" ނޫނީ "ސަލާން ޖެހުން" އޮޅިގެން ޖެހުނު މައްސަލައިގައި އިންތިހާއަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ޗައިނާއާ އެކު ގުޅުން ބަދަހިކޮށް އިތުރު އެހީތައް ޕާކިސްތާނަށް ހޯދުމުގެ ގޮތުން ބޮޑު ވަޒީރު އިމްރާން ޚާން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބެއިޖިންގައި ހުންނަ، ކޮމިއުނިސްޓް ޕާޓީގެ ސެންްޓްރަލް ސްކޫލުގައި އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ބޮޑު ވަޒީރު ދެއްކެވި ވާހަކަފުޅު ލައިވް ކުރަމުން ދިއައިރު ޕާކިސްތާނުގެ ދައުލަތުގެ މީޑިއާ، ޕީޓީވީ އިން ދެއްކި ލައިވް ކަވަރޭޖްގެ ލޮކޭޝަނަކަށް ޖަހާފައި ވަނީ، "ބެގިން" އެވެ. ބެގިންގެ މާނައަކީ ސަލާން ޖެހުމެވެ.

ލޮކޭޝަންގެ ނަން، "ބެއިޖިން" އަށް ބަދަލުކޮށްފައިވަނީ ލައިވް ކަވަރޭޖް ދައްކަން ފެށިތާ 20 ސިކުންތު ފަހުންނެވެ. އެއާ އެކު ޕާކިސްތާނުގެ އެތައް ބައެއްގެ ފާޑުކިޔުންތައް ސޯޝަލް މީޑިއާގައި އެ ސްޓޭޝަނަށް އަމާޒުވާން ފެށި އެވެ. އެ ސްޓޭޝަނަށް އެކަން ރެޔަކާލީވެސް އެ ސްޓޭޝަނަށް ފާޑުކިޔުންތައް އަމާޒުވާން ފެށުމާ އެކު އެވެ.

އެއާ އެކު އެ ސްޓޭޝަންގެ ރަސްމީ ޓްވީޓާ މެދުވެރިކޮށް ވަނީ އާންމު ރައްޔިތުންގެ ކިބައިން މާފަށް އެދިފަ އެވެ. އެ ސްޓޭޝަނުން ކުރި ޓްވީޓްގައި ބުނީ، އެއީ ލިޔުމުގައި ޖެހުނު ކުށެއް ކަމަށާއި ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަމަށެވެ.

އެއް ބަޔަކު ތުހުމަތުކުރި ގޮތުގައި، މިއީ ގަސްތުގައި ދައުލަތުގެ މީޑީއާއިން ކުރި ކަމެކެވެ. ސޯޝަލް މީޑިއާގައި އެއް ބަޔަކަށް މިކަންވީ ޖޯކަކަށެވެ. އަނެއް ބަޔަކު މިކަން ނެގީ ވަރަށް ސީރިއަސްކޮށެވެ. ޕާކިސްތާނުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓް މީޑިއާގެ މިނިސްޓަރު، ފަވާދް ޗޯދުރީ ވަނީ މި މައްސަލަ ހިނގައިދިޔަގޮތް އިތުރަށް ތަހުގީގުކުރުމަށް ގޮވާލައިފަ އެވެ. އަދި މި މައްސަލައިގައި ޕީޓީވީގެ ނިއުސް ޑިރެކްޓަރާއި ކަރަންޓް އެފެއާޒްގެ ޑިރެކްޓަރާއި އައިޓީ ޑިރެކްޓަރު އަދި އިތުރު ތިން މީހަކުވަނީ މިހާރު ސަސްޕެންޑްވެސް ކޮށްފަ އެވެ.

އިމްރާން ޚާން ޗައިނާއަށް ކުރެއްވި ހަަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމާލައްވާ އެނބުރި ގައުމަށް ވަޑައިގަތީ އިއްޔެ އެވެ.