"ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ އިސްނެންގެވުމަކާއެކު ކުޅިވަރު ފެސްޓިވަލެއް މިމަހު 18 އަދި 19 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ. އެ ހަރަކާތްތަކުގައި އިބޫވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ، އިބޫ ހުވާކުރުމުގެ ރަސްމިއްޔާތާއި ގުޅިގެން އުފާފާޅުކުރުމުގެ ގޮތުން އިންތިހާބީ ރައީސްގެ އޮފީހުން ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތަކީ މިމަހުގެ 18 ވަނަ ދުވަހު މާލޭގައި ބާއްވާ ކުޅިވަރު ފެސްޓިވަލް ކަމަށެވެ. އެ ހަރަކާތްތައް ކުރިއަށްދާނީ އެދުވަހުގެ މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 5:50 އަށް ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.
"މި އީދުގެ ހަރަކާތްތައް ހަތަރު ސަރަހައްދެއްގައި ކުރިއަށްދާނެ، މި ހަރަކާތް ފެށުމަށް ހަމަޖެހިފައި މިވަނީ 18 ވަނަ ދުވަހުގެ 2:00ގައި ސްވިމިން ޓްރެކްގައި، އެއަށްފަހު ރާޅުގަނޑު ސަރަހައްދުގައި، އެއަށްފަހު މޫދު ކުޅިވަރުތައް އެއް ނަމްބަރު ފާލަން ސަރަހައްދުގައި، އަދި ދެން މައިގަނޑުގޮތެއްގައި ރާއްޖޭގައި މިހާތަނަށްކުޅޭ ހުރިހާ ކުޅިވަރުތައް ހިމެނޭ ގޮތަށް ހިންގޭ ހަރަކާތްތައް އޮންނާނީ މާލޭ އެކުވެނީގައި ހުރިހާ ދަނޑުތަކެއްގައި،" ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ، ހަރަކާތްތައް ރޭވުމަށް ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް ދައުވަތުދީފައިވާ ކަމަށާއި ހުރިހާ އެސޯސިއޭޝަންތަކުން ދައުވަތު ގަބޫލުކޮށް ބައިވެރިވުމަށް ޕްރޮޕޯސަލްތައް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭޣެ 17 އެސޯސިއޭޝަނަކާއި 15 އެންޖީއޯއެއް މިހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންނަށް ޕްރޮޕޯސަލް ލިބިފައިވާ ގޮތްތަކަށްބަލާއިރު، ބައިވެރިވާނެ ކަމަށް އަންދާޒާ މިކުރެވެނީ 3000 އާއި 5000އާ ދެމެދުގެ މީހުން، ހަމައެކަނި މި ކުޅިވަރުތަކުގައި، އެކިއެކި އުމުރުފުރައިގެ މީހުންނާއި އެމީހުންގެ ބެލެނިވެރިންނާއި އަދި ކުޅިބަލާ މީހުން މިއަދަދަށް ބައިވެރިވާނެ ކަމަށް،" ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ، މި ކުޅިވަރު ފެސްޓިވަލުގެ މަގްސަދަކީ ހުރިހާ އުމުރުފުރައެއް ޝާމިލްވާ ގޮތަށް ދުޅަހެޔޮ ހަށިހެޔޮ މުޖްތަމައެއް ބިނާ ކުރުމަށް ހިތްވަރު ދިނުން ކަމަށެވެ. އޭގެ އިތުރުން ކުޅިވަރު ޕްރޮމޯޓް ކުރުމާއި މުޖްތަމައުގެ މީހުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާ ކުރުމާއި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އިތުރު ކުރުން ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.
"ކުޅިވަރުގެ މުހިންމުކަން އަންގައިދީ ހޭލުންތެރި ކުރުވުން، ކުޅިވަރުގެ އަހުލާގުގެ ތެރެއިން ދިރިއުޅުމުގެ ރީތި އާދަތައް ހަރުލެއްވުމާއި ހަރުދަނާ މުޖްތަމައެއް ބިނާ ކުރުމަށް ބާރުއެޅުން، އަދި އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވައި އާލާ ކުރުން،" ނިޔާޒް ވިދާޅުވި އެވެ.
މީގެ އިތުރުން 19 ވަނަ ދުވަހު ވަރަށް ހާއްސަ ފުޓްބޯޅަ މެޗެއް ބޭއްވުމަށްވެސް ހަމަޖެހިފައި ވެއެވެ. މެޗާ ގުޅޭ ގޮތުން ކުރީގެ ވިކްޓަރީ ކޯޗް މައުރޫފް އަހުމަދު ވިދާޅުވީ، ހަތަރު ބަޔަކަށް ބަހާލައިގެން ފުޓްބޯޅަ އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެފްއޭއެމާއި ގުޅިގެން 19 އަހަރުން ދަށުގެ ފުޓްބޯޅަ މެޗެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވ މާއްޓެ ވިދާޅުވި އެވެ.
އެދުވަހު 19 އަހަރުން ދަށުގެ އަންހެން ޓީމާއި ސީނިއާ އަންހެން ޓީމްގެ މެޗެއްވެސް ކުޅެވިގެންދާނެ ކަމަށެވެ. އަދި ފުޓުބޯޅައިގެ ލެޖެންޑުންގެ މެދުގައިވެސް ވަރަށް ހާއްސަ މެޗެއް އޮންނާނެ ކަމަށާއި ހުރިހާ ހަރަކާތްތައް ނިންމާލުމުގެ ގޮތުން އެންމެ ފަހު މެޗަކަށް އޮންނާނީ ސިޔާސީ ބޭފުޅުންގެ މެދުގައި ބޭއްވޭ ފުޓްބޯޅަ މެޗެއް ކަމަށެވެ. މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އެރޭގެ 9:00ގައި ކަމަށްވެސް މާއްޓޭ ވިދާޅުވި އެވެ.
ޕްރެސްގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، އިބޫ އެދުވަހުގެ ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނު ބައިވެރިވެވަޑައިގެންނަވާ ކުޅިވަރުތައް ފަހުން ހިއްސާ ކުރާނެ ކަމަށެވެ.
"މިވަގުތަށް އަޅުގަނޑަށް ދަންނަވާލަން ކެރޭނެ ހަމަގައިމުވެސް ވޮލީ ކުޅުއްވާނެ ކަމަށް ވިދާޅުވި،" ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ، އެދުވަހުގެ ހަރަކާތްތަކުގެ ކުރީގެ ރައީސުންނާއި މިނިސްޓަރުންގެ އިތުރުން އެކިއެކި އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.