ޗެމްޕިއަންސް ލީގް

ލިވަޕޫލު ފަރުވާތިރިވޭ، އެހެން ނޫންނަމަ ދޮރު ބަންދުވާނެ

ލިވަޕޫލްގެ ކުޅުންތެރިން ފަރުވާތެރި ނުވެއްޖެނަމަ، ޗެމްޕިއަންސް ލީގްގައި ކުރިއަށް ދިއުމުގެ ދޮރު ބަންދުވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ޓީމުގެ ކޯޗް ޔާގަން ކުލޮޕް އިންޒާރު ކޮށްފި އެވެ.

ޗެމްޕިއަންސް ލީގްގެ ގުރޫޕް، ސީ ގައި، ރޭ ސާބިއާގެ 'އެފްކޭ ކްރެވީނާ ޒުވެޒްޑާ' ނުވަތަ، ރެޑް ސުޓާ ބެލްގުރޭޑް އަތުން ލިވަޕޫލް ވަނީ ހީނުކުރާ ކަހަލަ ގޮތަކަށް ބަލިވެފަ އެވެ. ލިވަޕޫލް 2-0 ން ބަލިވި އެ މެޗަކީ ޗެމްޕިއަންސް ލީގުގައި އެ ޓީމު ބަލިވި ދެ ވަނަ މެޗެވެ.

މިލަން ޕަވްކޯވްގެ ދެ ލަނޑުން، ރެޑްސުޓާ، މޮޅުވި މެޗަކީ، 26 އަހަރު ފަހުން ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އެ ޓީމު ހޯދި ފުރަތަމަ މޮޅެވެ. މެޗު ލިވަޕޫލްގެ ފަރާތުން، ފެންނަން ޖެހޭ ބާރު ފެނިގެން ނުދާކަން ކްލޮޕް ފާހަގަ ކުރި އެވެ. މިއީ، ޗެމްޕިއަންސް ލީގްގެ އަވޭ މެޗުގައި ލިވަޕޫލް ޖެހިޖެހިގެން ބަލިވި ދެ ވަނަ މެޗެވެ. އަދި 1979 ވަނަ އަހަރުގެ ފަހުން އެ ކުލަބުގެ ފަރާތުން ފެނުނު އެންމެ ދަށް ނަތީޖާތަކެވެ.

ރެޑް ސުޓާއާ ދެކޮޅަށް ގޯސްކޮށް ދިޔަ ކަންކަމާ ބެހޭ ގޮތުން އޭނާ އިނގިލި އަމާޒު ކުރާނީ ކޮންކަމަކަށްތޯ މެޗަށް ފަހު ސުވާލު ކުރުމުން، ކްލޮޕް ބުނީ އޭނާގެ އަތުގައި ވަނީ 10 އިނިގިލި ކަމަށެވެ.

"އެ ޓީމު ފެނުނީ ވަރަށް ވަރުގަދަ ކޮށް، އެންމެ ފަހުން ކުޅުނު މެޗުގައިވެސް އެ ޓީމު ފެނުނީ ވަރަށް ވަރުގަދަ ކޮށް، އެ މީހުން އެގޮތަށް ކުޅުނު ފަހުން އަހަރެމެންނަށް ރަނގަޅަށް ކުޅެން ފެށުނީވެސް، ބެލްގުރޭޑްގެ ޓީމާ ދެކޮޅަށް އަހަރެމެންނަށް ކުޅެވުނީ ވަރަށް ފަސޭހަކޮށް، އެއީ މައިގަނޑު މައްސަލައަކީ،" މެޗަށް ފަހު ކުލޮޕް ތަފުސީލު ކޮށްދިނެވެ. "އެ ޓީމަށް މި މޮޅު ހައްގު، އެ ޓީމު ކުޅުނީ ޕެޝަންއާއެކު، އެޓީމުން އެކަން ދެއްކައިދިން، އެ ޓީމުގެ ފަރާތުން ކުރެވެން ހުރި ހުރިހާ ކަމެއް އެޓީމުން އަހަރެމެންނާ ދެކޮޅަށް ކުރި، ލިބުނު ފުރުސަތުތަކުގެ ބޭނުމެއް އަހަރެމެންނަށް ނުކުރެވުނު، ނަތީޖާ އަނބުރައެއް ނުލެވުނު."

އަވޭ ދެ މެޗުން ބަލިވުމުން، ލިވަޕޫލުގެ ހާލަތު ގޯސް ކަމަށް ސުވާލު ކުރުމުން، ކުލޮޕް ބުނީ، އަވޭ ދެ މެޗުން ބަލިވުމަކީ ޓީމުގައި މައްސަލަ އުޅޭކަން ހާމަކޮށްދޭ ކަމެއް ނޫން ކަމަށެވެ. ޗެމްޕިއަންސް ލީގްގައި، ލިވަޕޫލަށް ދެން އޮންނާނީ، ޕީއެސްޖީއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅޭ މެޗެވެ. ކުލޮޕް ބުނީ އެ މެޗު އުނދަގޫ ވާނެ ކަމަށެވެ. އަދި އެންމެ ފަހު މެޗުގައި ނަޕޯލީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުވެސް ވާނީ އުނދަގޫ މެޗަކަށް ކަމަށް ކުލޮޕް ފާހަގަ ކުރި އެވެ.

"މި ވާހަކަ ދައްކަން ތަންކޮޅެއް އަވަސް، ޕެރިސްގައި ކުޅޭ މެޗު އަހަރެމެން ޖެހޭނެ ވަރަށް ރަނގަޅަށް ކުޅެން، އަހަރެމެންނަށް އެކަން ނުކުރެވިއްޖެނަމަ އަހަރެމެންނަށް އެ ނެގުނީ ނުބައި ފިޔަވަޅެއް."

ލިވަޕޫލަށް އިތުރަށް އުނދަގޫވީ ޕީއެސްޖީ އާ ނަޕޯލީ ކުޅުނު މެޗު 1-1 ން އެއްވަރު ވެގެން ނިމުމުންނެވެ. އެއްވަރުވުމުން ނަޕޯލީ ވަނީ ތާވަލުގެ އެއް ވަނަ އަށް ޖެހިލާފަ އެވެ. ޕީއެސްޖީވެސް އެއް ޕޮއިންޓް ހޯދައި، ލިވަޕޫލާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ވަނީ ކުޑަ ކޮށްފަ އެވެ.