ދުނިޔެ

މި އެއާޕޯޓް ފަޅަށް އޮންނަތާ ހަތް އަހަރު

ފްލައިޓުތަށް ރަންވޭއަށް ޖެއްސުމަށްޓަކައި މި އެއާޕޯޓްގެ ހުރިހާ ގޭޓުތަކެއް ވަނީ ހުޅުވާލައިފަ އެވެ. އެއާޕޯޓުގެ ސްކްރީންތަކުގައި މަތިންދާބޯޓުތަކުގެ ތަފްސީލުތަށް އަރަ އަރާ ހުއްޓެވެ. ފެންނަ ފެނުމަށް ޓާމިނަލްގެ ހުރިހާ ވަސީލަތެއް ހުރީ ފަސިންޖަރުންނަށް މަރުހަބާ ކިއުމަށް އެންމެ ފުރިހަމަޔަށް ތައްޔާރުވެފަ އެވެ. ޖަރުމަނުގެ ވެރިރަށް ބާލިންގެ ބްރެންޑެންބާގް، އެއާޕޯޓް ހަދައި ނިންމި ފަހުން ހަތް އަހަރުވީ އިރުވެސް މި އެއާޕޯޓުން އެންމެ ޕެސެންޖަރަކަށް ވެސް އަދި މަރުހަބާ ކިޔާފައެއް ނެތެވެ. މި އެއާޕޯޓްގެ ފަޅުކަމާ ހުރެ މިތަން މަޝްހޫރުވެފައި ވަނީ، ޖަރުމަނުގެ "ގޯސްޓް އެއާޕޯޓް"ގެ ގޮތުގަ އެވެ.

އެންމެ ފުރަތަމަ މި އެއާޕޯޓް ހުޅުވަން އަމާޒު ހިފީ، 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެކަމަކު، އެންމެ ފަހު ވަގުތު ޖަރުމަނުގެ ސަރުކާރުން ނިންމީ، އެއާޕޯޓް ހުޅުވުން 2012ގެ ޖޫން އަށް ދިގު ދަންމާލާށެވެ. އޭރު އެންމެން ވެސް ހީކުރީ އެއާޕޯޓްގެ މަސައްކަތްތައް އެއްކޮށް ނިންމާނުލެވެނީ ކަމަށެވެ. އެ އެއާޕޯޓް ހުޅުވުން ލަސްވާ އަސްލު ސަބަބު ސިއްރުކޮށްގެން އުޅެނިކޮށް އެންމެ ފަހުން ފަޅާއެރި ގޮތުގައި އެ އެއާޕޯޓް ނިމިފައި ހުއްޓަސް ނުހުޅުވިގެން އުޅެނީ އެއާޕޯޓް މަޝްރޫއު ކުރިއަށް ގެންދިޔަލެއް ފަރުވާކުޑަކަމުން، ބޮޑެތި ގޯސްތަކެއް ހަދާފައި ހުރުމުން އެވެ. އެ މައްސަލަތަކާ އެކު އެއާޕޯޓް ހުޅުވައިފި ނަމަ، އެތަނުން އެކަށީގެންވާ ހިދުމަތެއް ދެވެން ނެތީ އެވެ.

ސަރުކާރަށް ދެން މަޖުބޫރުވީ އެ އެއާޕޯޓްގެ ފުރިހަމަ އޮޑިޓެއް ހަދާށެވެ. އެންމެ ފުރަތަމަ ފާހަގަވީ އެއާޕޯޓްގެ އަލިފާން ނިންވާ ނިޒާމުގައި މައްސަލަތަކެއް ހުރި ކަމެވެ. އެކަން ރަނގަޅުކޮށް 2013 ގައި އެއާޕޯޓް ހުޅުވާލަން ތައްޔާރުވަމުން ދަނިކޮށް އިތުރު މައްސަލަތަކެއް ތިލަވާންފެށި އެވެ. އެއާޕޯޓު ތެރޭގައި 90 މީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގައި ކަރަންޓު ކޭބަލްތަށް އަޅާފައިވަނީ ނުބައިކޮށެވެ. އަދި 4000 އަށް ވުރެ ގިނަ ގޭޓްތަކުގެ ނަންބަރުތައް ވެސް ދީފައި ހުރީ މުޅިން ނުބައިކޮށެވެ.

މީގެ އިތުރުން ލިފްޓުތަކުގެ މައްސަލަތަކާއި ފަސިންޖަރުން ޗެކް އިން ވުމަށް ކަނޑައަޅާފައި ހުރި ކައުންޓަރުތަށް ވެސް މާބޮޑަށް މަދީ އެވެ. ފުރަތަމަ މަސައްކަތް ކުރީ ވަގުތީ ހައްލެއް ގެނެސްގެން އެއާޕޯޓް ހުޅުވާށެވެ. އެކަމަކު މައްސަލަތައް ފުނި ޖެހެން ފެށުމުން، އެއާޕޯޓް ހުޅުވުން ވަގުތީ ގޮތުން ހުއްޓާލަން ޖެހުނެވެ. މިހާރު ވެސް މަރާމާތުތަކަށް އެތައް ބިލިއަން ޑޮލަރެއް ހަރަދިވެއްޖެ އެވެ.

އެއާޕޯޓު އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ހަރަދުތައް ބޮޑުވެ ކޮންމެހެން ހިންގަން ޖެހޭ ހަރަދުތަށް ފިޔަވައި އެެހެން ހަރަދުތަށް ކުޑަ ކުރުމުގެ މަަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. ބާލިންގެ ބަައެއް އާންމުން ބުނަނީ މި އެއާޕޯޓް މަރާމާތު ކުރުމަށް ވުރެ، އެއާޕޯޓް އަލުން ބަލުން ފެށުން މާ ބުއްދިވެރިވާނެ ކަމަށެވެ. ބްރެންޑެންބާގް އެއާޕޯޓްގެ މަރާމާތުތައް ނިންމައި ހުޅުމުވަށް މިހާރު ތާވަލުކޮށްފައިވަނީ 2020 ވަނަ އަހަރު އެވެ.