ބުރޫޝިއާ ޑޯޓަމުންޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ބަލި ނުވެ، ޑޯޓަމުންޑުން ދަމަހައްޓަމުން އަންނަ ރޭސް އެތުލެޓިކޯއިން ނިމުމަކަށް ގެނެސްފި އެވެ.
މިއީ އަމިއްލަ ދަނޑުގައި، މިދިޔަ މަހު ޑޯޓަމުންޑުން އެތުލެޓިކޯގެ ކޮޅަށް ހަތަރު ލަނޑު ޖަހައި، އެ ޓީމު ހޯދި މޮޅުގެ މައްޗަށް އެތުލެޓިކޯއިން ހިފި ރަނގަޅު ބަދަލެކެވެ. ބަލި ނުވެ ޑޯޓަމުންޑުން ދަމަހައްޓަމުން އަންނަ ރޭސް، އެތުލެޓިކޯއިން ނިމުމަކަށް މި ގެނައީ 15 މެޗަށް ދިގުދެމިގެން ދިޔަ ފަހުންނެވެ.
އެތުލެޓިކޯގެ ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނެޓްގައި ފިލިޕޭ ލުއިސް، ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ، ޒުވާން މިޑްފީލްޑާ ސައުލް ނިގޭޒް އެވެ. ދެ ވަނަ ލަނޑު 80 ވަނަ މިނެޓްގައި ކާމިޔާބު ކުރި އެންޓްއާން ގްރީޒްމަން އެވެ. މެޗުގެ 41 ވަނަ މިނެޓްގައި ލަނޑެއް ޖެހުމާ ދާދީ ގާތަށް ސައުލު ދިޔަ އެވެ. ތަނަވަސް ފުރުސަތެއްގައި އޭނާއަށް ލިބުނު ބޯޅަ ދިޔައީ ދަނޑި ކައިިރިން ބޭރަށެވެ.
މެޗުގެ 65 ޕަސަންޓާ ގަތަށް ބޯޅަ ޕޮޒިޝަން ޑޯޓަމުންޑުން ހިފެހެއްޓި އެވެ. އެހެންނަމަވެސް، ގޯލައާ އަމާޒުކޮށް އެންމެ ބޯޅައެއް ފޮނުވާލުމުގެ ފުރުސަތު ވެސް އެތުލެޓިކޯއިން ޑޯޓަމުންޑަށް ނުދެ އެވެ. މުޅި މެޗުގައި ވެސް އެ ޓީމަށް ލިބުނު ދެ ފުރުސަތު ގައި ވެސް ގޯލައާ އަމާޒެއް ނުކުރެވުނެވެ.
އެތުލެޓިކޯގެ ދަނޑުގައި އެ ޓީމުގެ މައްޗަށް އެންމެ ފަހުން މޮޅެއް ހޯދުނު ޖަރުމަންގެ ޓީމަކީ ޑޯޓަމުންޑެވެ. އެއީ 1996-97 ވަނަ އަހަރު ސީޒަންގަ އެވެ. އެއީ ޑޯޓަމުންޑުން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި އަހަރެވެ.
"ޖަރުމަންގައި އެ ޓީމުން އަހަރެމެންގެ ބޯމަތީގައި ޖެހީމަ [ބަލި ކޮށްލީމަ] އަހަރެމެން ތީބީ އެ ޓީމު ބަލި ކޮށްލަން ވަރަށް ބޮޑަށް ބޭނުން ވެފައި،" އެތުލެޓިކޯގެ ވިންގާ ގްރީޒްމަން، މެޗަށް ފަހު ބުންޏެވެ.
"އެ މެޗުގައި އަހަރެމެންނަށް ހެދުނު މިސްޓޭކުތައް ރަނގަޅަށް ދެނެގަނެގެން އަހަރެމެން މެޗަށް ނިކުތީ، އަދި އަހަރެމެންގެ އިމޭޖު އަމިއްލައަށް ވެސް ރަނގަޅު ކުރަން އަހަރެމެން ތިބީ، އަހަރެމެންގެ މުހިންމު ކުޅުންތެރިން ތިބީ އަނިޔާގައި، ނަމަވެސް އަހަރެމެން ރަނގަޅު ޖަވާބެއް ދީފިން."