ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ އައްޑޫ އޮފީސް ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތަށް

އައްޑޫ ސިޓީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހެއް މިއަދު ހެނދުނު ހުޅުވައިފި އެވެ. ރައީސް ނަޝީދު މިހާރު އައްޑުއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫގައި ގާއިމްކުރި އެ އޮފީސް ހުޅުއްވައިދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ނަޝީދެވެ.

އެ އޮފީސް ހުޅުއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ތިމާވެއްޓަށް ގެއްލުން ނުދީ ގެނެވޭ ދެމެހެއްޓެނިވި ތަރައްގީއަށް މުޅި ދުނިޔެވެސް އަދި ރާއްޖެ ވެސް ބޭނުންވެފައިވާ ކަމަށެވެ. އަދި އެ ކަންކަމަށް ރާއްޖެ އަހުލުވެރިކުރުވަން ޖެހިފައިވާ ކަމަށާއި ހަގީގީ ތަރައްގީއަކީ ގެދަބުޅި މަދުކޮށްގެން ގެންނަ ދެމެހެއްޓެނިވި ތަރައްގީ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އައްޑޫގައި ހުޅުވި އޮފީހުގެ ބޭނުމަކަށް ވާނީ ތިމާވެއްޓާ ރަށްޓެހި ތަރައްގީ ރާއްޖެއަށް ގެންނަން އާ ސަރުކާރަށް ފެންނީ އަދި މާލީ އެހީތެރިކަން ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވުމެވެ.

"އަޅުގަނޑުމެން މިވަނީ އާލާކުރަން ޖެހިފައި ގެދަބުޅި މަދުކޮށް ތަރައްގީ ގެނައުމުގެ މަސައްކަތް. އައްޑޫ ސިޓީގައި އިންޑިއާ ކަނޑުގެ މެދުގައި މި މަސައްކަތް މި ފަށައިމި ގަނެވެނީ. މި އޮފީހުގެ ބޭނުމަކީ އަޅުގަނޑު މިދެންނެވި ގޮތަށް، ލޯކާބަން ޑިވަލޮޕްމަންޓްގެ ކަންކަމަށް ބޭނުންވާ ފަންނީ އެހީ އަދި މާލީ އެހީ ހޯދުން. އައްޑޫ ސިޓީގެ ޔުނިވަސިޓީއާއި އެހެން މުއައްސަސާތައް ގުޅިގެން މިކަން ކުރެވޭނީ. މިއޮފީހަށް ކުރެވޭނެ ކަމަކީ އެ ބޭފުޅުން ބޭނުންވާ އެހީތައް ހޯދުމުގައި މަސައްކަތް ކޮށްދިނުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ތަރައްގީގެ ނަމުގައި ކާފަދަރިން ނިކަމެތިކޮށްލުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށާއި ތަރައްގީއަކީ ރައްޔިތު މީހާއަށް އަންނަ ބަދަލު ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ތިމާވެއްޓަށް ގެއްލުން ނުދީ ތަރައްގީ ގެނެވޭނެ ސައިންސާއި ޓެކްނޮލޮޖީ ދުނިޔޭގައި އެބަ ހުއްޓެވެ. އެތަކެތި ރާއްޖެ ގެނެސް ތަރައްގީ މަސައްކަތް ފަށައިގަންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޑީސަލާއި ބޯޓްދެލި ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ވުރެ އިރުގެ ހަކަތައިން ކަރަންޓް އުފެއްދުން މާ އަގުހެޔޮ ވެފައި ދެމެހެއްޓޭނެ ކަމަށެވެ. މީގެ އިތުރުން ބަނދަރުތަކާއި އެއްގަމު ތޮށި ހެދުމުގައި ވެސް ތިމާވެއްޓާ ރަށްޓެހި ޓެކްނޮލޮޖީ އެބަހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެކި ކަހަލަ އުމްރާނީ މަސައްކަތް ހިންގުމަށް ގެންގުޅޭ ޓެކްނޮލޮޖީ މިވަނީ އަގުހެޔޮ ތިިމާވެއްޓާ ރަށްޓެހި ސައިންސަށް ބަދަލުވެފައި. އެެއީ ކަރަންޓް އުފެއްދުން ކަމުގައި ވިޔަސް، އެއްގަމު ތޮށިލުމާއި ބަނދަރު ހެދުން ކަމުގައި ވިޔަސް. އަޅުގަނޑު ދެކޭ ހުވަފެނެއް އެއީ، ތީމާވެއްޓާ ރަށްޓެހި ގޮތަށް ރަށްތައް ހިމާޔަތްކުުރުމުގެ މަސައްކަތް ރާއްޖޭގައި ކުރުން. އެ ސައިންސް އެބަހުރި އެކަން ކުރެވޭނެ. އާޓިފިޝަލް ފަރެއް އުފެއްދުން އެއީ ކުރެވޭނެ މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ތިމާވެއްޓާ ރަށްޓެހި ތަރައްގީ ގެނައުމަށް އެމަނިކުފާނުގެ އައްޑޫ އޮފީހުން ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެންމެހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނަޝީދު އައްޑޫއަށް ދަތުރުފުޅެއް ފެއްޓެވީ އިއްޔެ އެވެ. ރައީސް ނަޝީދު އައްޑޫގައި އޮފީހެއް ހުޅުއްވިއިރު، އެމަނިކުފާނުގެ އޮފީހެއް މާލޭގައި ވެސް ހިންގަވަ އެވެ.