ކުޅިވަރު

ކުރު މުއްދަތަކުން ޕާކިސްތާނުގެ ފުޓްބޯޅަ އާހަރުފަތަކަށް!

މިދިޔަ ތިން އަހަރު ޕާކިސްތާންގެ ފުޓްބޯޅަ އޮތީ ހީނުކުރާހާ ދަށު ދަރަޖައަކަށް ވެއްޓިފަ އެވެ. އެތެރޭގެ ކޯޅުމާހެދި ސަލާމަތް ނުވާ ހިސާބަށް ދިއުމުން، ފީފާއިން ޕާކިސްތާނުގައި އެޅުވީ ވަރުގަދަ ތަޅެކެވެ. ބައިނަލުއަގްވާމީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ފީފާއިން ޕާކިސްތާނު ސަސްޕެންޑު ކުރި އެވެ. ފީފާއިން ދިން އަދަބުވީ އަޑިއަށް ގެނބެމުން ދިޔަ ޕާކިސްތާނުގެ ފުޓްބޯޅަ އަލުން ފެންމައްޗަށް ތިލަ ކުރުމަށް ހުޅުވުނު ދޮރަކަށެވެ.

ޕާކިސްތާނަށް ފީފާގެ ސަސްޕެންޝަން ކުރިމަތިވުމުން، އެކަން ޕާކިސްތާނުގެ ފެޑްރޭޝަންގެ ރައީސް ފައިސަލް ސޮލާހް ހައްޔާތު ސިފަ ކުރީ ޕާކިސްތާނުން ކޮށްފައި ހުރި މަސައްކަތް ފުނޑުފުނޑު ވުން ކަމަށެވެ. ހަތް މަސް ދުވަހަށް ފަހު، ޕާކިސްތާނުގެ ފުޓްބޯޅަ ފެޑްރޭޝަންގެ ދޮރު، އަލުން ހުޅުވައި އެ ގައުމުން މަސައްކަތް ފަށައިގަތެވެ. އެ ގައުމުން މަސައްކަތް ފަށައިގަތީ، ލިބެން އޮތް ކޮންމެ ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ. އޯގަސްޓް މަހު އިންޑޮނޭޝިއާގައި ބޭއްވި އޭޝިއަން ގޭމްސްގައި ޕާކިސްތާނުގެ 23 އަހަރުން ދަށުގެ ޓީމު ބައިވެރިވެ، ނޭޕާލާ ދެކޮޅަށް މޮޅެއް ހޯދި އެވެ. އެއީ އޭޝިއާގެ މަތީ ފަންތީގެ މުބާރާތެއްގައި 20 އަހަރު ފަހުން އެ ޓީމު ހޯދި ފުރަތަމަ މޮޅެވެ.

އެ މުބާރަތަށް ފަހު ސާފް ސުޒުކީ ކަޕާ ކުރިމަތިލި އެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި އެވެ. މިދިޔަ ދެ އަހަރު، ޕާކިސްތާނުގެ ފުޓްބޯޅަ އަޑިގަނޑެއްގައި އޮތުމަށް ފަހު އެ ގައުމުން ވަނީ ފުޓްބޯޅަ އަލުން ކޮޅަށް ނެގުމުގެ މަސައްކަތް ފަށާފަ އެވެ. ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޕާކިސްތާނުގެ ޕްރެމިއާ ލީގުވެސް ވަނީ އަލުން ފަށާފަ އެވެ. އަދި 2020 ގެ ސާފް ޗެމްޕިއަންޝިޕްވެސް އެ ގައުމުގައި ބޭއްވުމަށްވެސް ވަނީ ފުރުސަތު ލިބިފަ އެވެ.

ނިމިގެން ދިޔަ، ސާފް ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލަށް ޕާކިސްތާނުގެ ޒުވާން ޓީމު ދަތުރު ކުރި އެވެ. ޕާކިސްތާނާއި ދެކޮޅަށް ފައިނަލުގައި ވާދަކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ބަންގުލަދޭޝް އެވެ. ބަންގުލަދޭޝް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޖަހައިގެން 4-3 އިން ކާމިޔާބު ހޯދައިގެންނެވެ.

ފަނަރަ އަހަރުން ދަށުގެ ޓީމު ހޯދި ކާމިޔާބަށް 1.5 މިލިއަން ރުޕީސްގެ ފައިސާގެ އިނާމު ދިނުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑްރޭޝަނުން ހަމަޖެއްސި އެވެ.

ސެޕްޓެމްބަރު މަހު ނިމިގެން ދިޔަ ސާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލަށް ދިއުމުންވެސް، ޕާކިސްތާންގެ ފެޑްރޭޝަނުން ވަނީ ސީނިއާ ޓީމަށްވެސް ފައިސާގެ އިނާމު ދީފަ އެވެ. ސީނިއާ ޓީމަށް ބޯނަސްގެ ގޮތުގައި ލިބުނު ފައިސާގެ އިނާމު އެ ޓީމުން ވަނީ، ލާހޫރަށް ފެން ފޯރުކޮށްދޭން ހަދާ ޑޭމް އިމާރާތް ކުރުމުގެ ފަންޑަށް ހަދިޔާ ކޮށްފަ އެވެ.

ޒުވާން ޓީމު، ހޯދި ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުން ޕާކިސްތާނުގެ ފެޑްރޭޝަންގެ ރައީސް ފައިސަލް ސޮލާހް ހައްޔާތު ވަނީ ޒުވާން ޓީމުގެ ކެޕްޓަން ކުރި މަސައްކަތަށް ތައުރީފު ކޮށްފަ އެވެ. އޭނާ ވިދާޅުވީ، ޕާކިސްތާނުގެ ފުޓްބޯޅަ އަލުން ދެމިގަތީ ހަތް މަސް ދުވަހުގެ މަސައްކަތުން ކަމަށެވެ.

"ޕީއެފްއެފްގެ އިމާރާތަށް އަލުން އާދެވުނީމަ އަހަރެމެން ބައިވެރިވެއްޖެއިން 21 އިވެންޓްގައި، އެއީ ގައުމީ ފެންވަރުގަޔާއި ބައިނަލުއްގުވާމީ ފެންވަރުގައި، އެންމެ ފަހު ހަތް މަސް ދުވަހުގެ މަސައްކަތުން ޕާކިސްތާނުގެ ޓީމުން މޭވާ އަޅަން ފަށައިފި،" ޒުވާން ޓީމުގެ ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުން ފައިސަލް ވިދާޅުވި އެވެ.

"ޕީއެފްއެފްއަށް އަހަރެމެން އެނބުރި އައީ އާ އުސްމިންތަކަށް ޕާކިސްތާނުގެ ފުޓްބޯޅަ ގެންދިއުމުގެ އަމާޒުގައި، އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން މިދަނީ، ޕާކިސްތާނުގެ ފުޓްބޯޅައިގެ ފެންވަރު މަތި ކުރެވޭތޯ."

އޭއެއެފްސީން، އެ އިދާރާގެ މެންބަރު ގައުމުތަކަށް ދޭ އެހީ އިތުރު ކުރަން ނިންމުމުން ފައިސަލު ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަ ކޮށްފަ އެވެ. އޭނާ ބުނީ އެ އެހީ ބޭނުންކޮށްގެން ޕާކިސްތާނުގެ ލީގުގެ ފެންވަރު މަތި ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ޕާކިސްތާނުގައި ފުޓްބޯޅައިގެ ނެޗުރަލް ޓެލެންޓް އޮތްކަން ފާހަގަ ކުރަމުން އޭނާ ވިދާޅުވީ، ޕާކިސްތާނުގެ އަންހެން ގައުމީ ޓީމަށްވެސް، ގައުމުން ބޭރުގެ ފުޓްބޯޅައިގެ ތަޖުރިބާކާރަކު ގެންނާނެ ކަމަށާއި، އާ ޒުވާން ކުޅުންތެރިން ހޯދައި ޓީމުން ފުރުސަތު ދޭނެ ކަމަށެވެ.

ފަނަރަ އަހަރުން ދަށުގެ މުބާރާތުގެ ފައިނަލަށް ޒުވާން ޓީމު ގެންގޮސް ދިން ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗް، ބްރެޒިލްގެ ހޯޒޭ ބެޓޯ ބުނީ، އޭނާ ދިން ޕްލޭނާ އެއްގޮތަށް ކުޅުންތެރިން ކުޅުނު ކަމަށެވެ. އެ ޓީމު ކުރިމަގަށްޓަކައި އެފަދަ ގިނަ މުބާރާތްތަކުން ފުރުސަތު ހޯދުމުގެ މުހިންމު ކަން ބެޓޯ ފާހަގަ ކުރި އެވެ.