ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ ސަރުކާރު ހިންގަން ދަތިވާނެ: ނަޝީދު

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ، ސަރުކާރު ހިންގަން އުނދަގޫވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި އެމަނިކުފާނުގެ އޮފީސް ހުޅުއްވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ ކަންކަން ހިންގުމަށް ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ރައްޔިތުން ހޯއްދަވައި ދެއްވަން ޖެހޭ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގެ އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ، ސަރުކާރު ހިންގުމަށް ދަތިވާނެ އެތައް ކަމެއް ހިނގުމުގެ ފުރުސަތު އޮންނާނެ އެވެ. އެފަދަ ހާލަތެއް އައިސްފި ނަމަ، ރައްޔިތުން މަޖިލީހަށް ސިފައިން ވައްދައިގެން ސަރުކާރު ހިންގުމަކީ އެމްޑީޕީއިން ގަބޫލު ވާނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއަށް ވުރެ، ޖަލުގައި ތިބުން ވެސް މާ ރަނގަޅުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިކަންކަން ކުރުމަށް ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު އަޅުގަނޑުމެންނަށް އެބަ ލިބެން ޖެހޭ. އެހެން ނޫނީ އަނެއް ދުވަހަކު ވަޒީރަކު ވަކިކުރާނެ އަނެއް ކަމެއް ކުރާނެ. ރައްޔިތުން މަޖިލީހަށް ސިފައިން ވައްދައިގެނެއް ސަރުކާރު ހިންގާކަށް އަޅުގަނޑުމެން ތިބެގެނެއް ނުވާނެ. އަޅުގަނޑުމެންނަށް ކޮންމެ ހާލެއް ޖެހުނަސް ކޮންމެ ތަނެއްގައި ޖެހުނަސް އެކަން ކޮށްގެނެއް ނުވާނެ. އެއަށް ވުރެ މާ ރަނގަޅު ޖަލުގައި ތިބެން ޖެހުން ވެސް،" ނަޝީދު ވިދާޅުވި އެވެ. "ދެމެހެއްޓެނިވި ތަރައްގީއަށް ގާނޫނުތައް އެބަ ބޭނުންވޭ. އެކަން ކުރުމަށް ގާނޫނު ހަދާ މަޖިލިސް އެބަ ބޭނުންވޭ. އެކަމަށް ޓަކައި ތިބޭފުޅުން ތިލަފަތަށް ވޯޓް ޖައްސަވައި ދެއްވާ،"

ނަޝީދު ވިދާޅުވީ، ތިލަފަތަށް ވޯޓް ދޭން އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެމްޑީޕީގެ މީހަކަށް ވާތީ ކަމަށާއި އެކަމާ ބައެއް ފަރާތްތަކުން ސުވާލުވެސް ކުރާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކިފާނު ވަކާލާތު ކުރާނީ އެމްޑީޕީގެ ހައްގުގައި ކަމަށާއި އެކަމުގައި އެމަނިކުފާނުގެ ހައިސިއްޔަތެއް ނެތް ކަމަށް ބައެއް މީހުން ބުނި ނަމަވެސް ފަރުވާލެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް މި ސަރުކާރުގެ ކުރާނެ މަސައްކަތެއް ނެތިދާނެތީ ވަރަށް ގިނަ ބޭފުޅުން ކަންބޮޑުވުން ފާޅު ކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގައި ކުރާނެ މަސައްކަތެއް ނެތިދާނެތީ އެމަނިކުފާނު ކަންބޮޑުވެ ވަޑައި ނުގަންނަވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ދުނިޔެއަށް މިސާލު ދައްކައިދޭ ފަދަ ގައުމަކަށް ވުމަށް ރާއްޖެއަށް ކުރެވިދާނެ އަދިވެސް ވަރަށް ގިނަ ޒާތުގެ އަދި ބާވަތުގެ މަސައްކަތް އެބަ ހުއްޓެވެ. އެމަނިކުފާނުގެ މަސައްކަތަކަށް ވާނީ ރާއްޖެއަކީ އެހެން ގައުމައް މިސާލު ނަގާ ގައުމެއްގެ ގޮތުގައި ހެދުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ވަރަށް ގިނަ ބޭފުޅުން އައްސަވާ މި ސަރުކާރުގައި ކުރާނީ ކޮން މަސައްކަތެއްހޭ؟ މި ސަރުކާރުގައި ކުރާނެ މަސައްކަތެއް ނޭނގިގެނެއް ވެސް އަޅުގަނޑެއް ނޫޅެން. ހަގީގަތުގައި އެކަމާ ކަންބޮޑެއް ވެސް ނުވޭ އަޅުގަނޑު. ހަގީގަތުގައި ދުނިޔޭގައި ކުރަން ޖެހޭ މަސައްކަތް ބައިވަރު. އަދި މި ދިވެހިރާއްޖެ ދުނިޔެއަށް ދައްކައިދެން އޮތް މިސާލުވެސް ކުޑައެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކިފާނުގެ ވިދާޅުވީ ޑިމޮކްރަސީގެ ކިތަންމެ ރީތި މިސާލެއް ރާއްޖެއިން ދައްކައިދީފައިވާ ކަމަށެވެ. ހުދުމުހުތާރުވެރިކަމަށް ރާއްޖެ މިސްރާބު ޖަހާފައިވަނިކޮށް ޑިމޮކްރަސީގެ މަގަށް އަނބުރާ ރާއްޖެ ގެނެސްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ ރާއްޖެއަށް ލިބުނު ދެވަނަ ފުރުސަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މިފުރުސަތުގެ ބޭނުން ހިފައިގެން ރާއްޖެއިން މަސައްކަތް ކުރަންވީ، ރަނގަޅު ހެޔޮވެރިކަމުގެ ނިޒާމު ދެމެހެއްޓުމަށެވެ. އެއާ އެކު ދެމެހެއްޓެނިވި ތަރައްގީއެއް ރާއްޖެއަށް އަންނަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މި މަސައްކަތް އަޅުގަނޑުމެން ކުރަމުން ދާއިރު ތަފާތު އެކި ފާޑުތައް ވެސް ކިޔާނެ. އެކަން ވެސް ކުރަން ޖެހޭނެ. މިހުރިހާ ކަމެއްގެ ތެރެެއިން ދެމެހެއްޓެނިވި ތަރައްގީއެއް އަޅުގަނޑުމެންނަށް ހޯދޭނެ،" ނަޝީދު ވިދާޅުވި އެވެ.

އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ އެތަން ތަރައްގީ ނުވެގެން އުޅެނީ ޕްރައިވެޓް ސެކްޓަރުގެ ކުޑަ ޕަސެންޓޭޖެއް އޮންނާތީ ކަމަށާއި ޕްރައިވެޓް ސެކްޓަރުގެ ބޮޑު ބައިވެރިވުމެއް މިފަދަ މަޝްރޫއުތަކުގައި އިތުރު ކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން "ވަގު ގައުމެއް"ގެ ގޮތުގައި ރާއްޖެ އެ އޮންނަ އޮތުން ބަދަލުވާން ޖެހޭ ކަމަށާއި އޭރުން ރާއްޖެއަށް ރަނގަޅު އިންވެސްޓްމަންޓްތައް ހޯދޭނެ ކަމަށެވެ. އަދި އައްޑޫ އެއާޕޯޓްގެ ތަރައްގީގައި ސިޓީ ކައުންސިލްގެ ހިއްސާ ވެސް އޮންނަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.