މި އަހަރުގެ އެފްއޭ ކަޕުވެސް ނުބާއްވަން އެފްއޭއެމުން ނިންމައިފި އެވެ.
ރޭ، ދަންވަރު މީޑިއާތަކާ އެފްއޭއެމުން ހިއްސާ ކުރި ބަޔާނުގައި ބުނެފައި ވަނީ، މިއަހަރުގެ ސީޒަން އެކި ސަބަބުތަކާއެކު ހުރެ ލަސްވެފައި ވާތީ، އެފްއޭކަޕު ނުބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ ކުލަބުތަކާއެކު މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އެފްއޭއެމުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭއެފްސީ ކަޕުގައި ވާދަ ކުރުމުގެ ދެ ވަނަ ފުރުސަތު ދެނީ، އެފްއޭކަޕުގެ ޗެމްޕިއަންކަން ހޯދާ ޓީމަށެވެ. ނަމަވެސް މި އަހަރު އެފްއޭކަޕު ކެންސަލު ކުރުމުން އެ ޖާގަ ދޭނީ، ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ހޯދާ ޓީމަށް ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.
މި އަހަރުގެ ސީޒަން، 70 ދުވަހަށް މެދު ކަނޑާލި އެވެ. އެންމެ ފުރަތަމަ ކުރިމަތިވި މައްސަލައަކީ، މިނިވަން ދުވަހުގެ ހަރަކާތްތައް ދަނޑުގައި ކުރިއަށް ގެންދިއުމުން، ދަނޑުގެ ވިނަގަނޑު ހަލާކުވުމުން ލީގްގެ މެޗުތައް ނުކުޅެވޭ ހާލަތަށް ދިއުމެވެ. އެކަމާ ގުޅިގެން މެދުކަނޑާލި ގޮތަށް، ސާފު ސުޒުކީ ކަޕަށް ތައްޔާރު ވުމަށް ލީގް މެދު ކަނޑާލި އެވެ.
ދަނޑުގެ ވިނަގަނޑު އެކީއެކަށްޗަކަށް މަރުވުމުން، 2015 ވަނަ އަހަރުވެސް ވަނީ އެފްއޭކަޕު ކެންސަލް ކޮށްފަ އެވެ. އެފަހަރު، އޭއެފްސީކަޕުގެ ދެ ވަނަ ޖާގަ ދިނީ، އައްޑޫ އާއި ކުޅުދުއްފުށީގައި ބޭއްވި ޕްރެޒިޑެންޓް ކަޕުގެ ޗެމްޕިއަން ޓީމަށެވެ.
މި އަހަރުގެ ޕްރެޒިޑެންޓް ކަޕުވެސް، ވަނީ ކެންސަލް ކޮށްފަ އެވެ. އެހެން ކަމުން މިއަހަރު ބޭއްވުނީ، މާލޭ ލީގާއި، ދިވެހި ޕްރިމިއާ ލީގް އެކަންޏެވެ. މަލޭ ލީގަކީ "ބޭކާރު މުބާރާތެއް" ގޮތުގައި މިދިޔަ އަހަރުން ފެށިގެން ކޯޗުން ފާހަގަ ކުރަމުން ދިޔަ އެވެ.
މިދިޔަ އަހަރާއި މިއަހަރު މާލޭ ލީގް ބާއްވައިގެން ކުރެވުނު ތަޖުރިބާއަށް ފަހު، އެފްއޭއެމުން ވަނީ އަންނަ އަހަރު، މާލޭ ލީގު ނުބާއްވަން ނިންމާފަ އެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ މުބާރާތަކަށް ވާނީ، ޕްރެޒިޑެންޓް ކަޕެވެ.
އެފްއޭ ކަޕު ކެންސަލު ކުރުމުން، ރޭ ޓީސީ އާއި ގްރީން ސުޓްރީޓް ކުޅުނު މެޗަށް ފަހު، އެ ދެ ޓީމުގެ ކޯޗުން ވަނީ، އެފްއޭކަޕު ކެންސަލު ކުރުމުން އެކަމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލާފަ އެވެ.