ހަބަރު

ރައީސް ނަޝީދު މާދަމާ ދިއްދޫއަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅަށްފަހު މާދަމާ ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސް ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަންނަވާނެއެވެ. ބޮޑު ތިލަދުންމަތިން ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ހއ. ދިއްދޫއަށެވެ. ދިއްދޫއިން ދަނީ ރައީސް ނަޝީދަށް ވަރުގަދަ މަރުހަބާއެއް ދެންނެވުމަށްޓަކައި ތައްޔާރުވަމުންނެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަދި ދިއްދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަލީ ހާޝިމް "އަވަސް" އަށް ވިދާޅުވީ ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގަންނަވާތީ ރަށުތެރެ ޒީނަތްތެރިކޮށް، ތައްޔާރީތަށް ވަމުން އަންނަ ކަމަށެވެ. އެގޮތުން މައިގަނޑު އިވެންޓަކަށް އޮތީ ދިއްދޫ ރައްޔިތުންގެ ފަރާތުން އަރުވާ ޖާފަތެއް ކަމަށެވެ.

ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބުދުﷲ މުހައްމަދު ގަވާއިދާ ހިލާފަށް ހައްޔަރު ކުރި ކަމަށްބުނެ އެމަނިކުފާނުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާކަމަށް ނިންމާ 13 އަހަރަށް ޖަލަށްލާން ހުކުމް ކުރިފަހުން، ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ތިން އަހަރު ފަހުން ނަޝީދު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ މިހާރު ވަނީ ސުޕްރީމްކޯޓަށް ރިވިއުއަށް ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ވަކި ގޮތަކަށް އެކޯޓުން ނިންމަންދެން އެހުކުމް ތަންފީޒު ކުރުން ވަގުތީގޮތުން މަޑުޖައްސާލުމަށް ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް ސްޕްރީމްކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރާއްޖެ ވަޑައިގަތުމަށްފަހު އެމަނިކުފާނު އެންމެ ފުރަތަމަ އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅުގައި ވަޑައިގެންފައިވަނީ އައްޑޫ ސިޓީއަށެވެ. އައްޑޫ ސިޓީއިން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ނަޝީދުގެ އެ ދަތުރުފުޅުގައިވަނީ އައްޑު ސިޓީގައި ހަދާ ހޮސްޕިޓަލާއި، އެހެނިހެން ތަންތަންވެސް ބައްލަވާފައެވެ.