އދ. ދިއްދޫ

ދިއްދޫ ހައުސިން ޔުނިޓްތަކާ ގުޅޭގޮތުން ނަޝީދު ހެއްދެވީ އިތުރުފުޅެއް

ދިއްދޫ ހައުސިން ޔުނިޓްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރޭ ދިއްދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ދިއްދޫގައި އެއްވެސް ފްލެޓެއް އެޅިފައިނުވާ ކަމަށެވެ. އަދި އޭގެ ކުރިން އެމަނިކުފާނުގެ ސަރުކާރުގައި އަޅާފައިވާ 250 ފްލެޓްގެ ތެރެެއިން 135 ފްލެޓް ދިއްދޫ ރައްޔިތުންނަށް ދިން އިރު ބާކީ ހުރި ފްލެޓްތައް މިދިޔަ 12 އަހަރު ހުރީ ފަޅަށް ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރަށް މިއަދު އަނެއްކާވެސް ކުރަންޖެހިފައިވަނީ އެ ތަންތަން މަރާމާތު ކުުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

"ދިއްދޫ ރައްޔިތުންނަށް މާ ރަނގަޅަށް އެނގޭނެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އައްސަވާލަ ބައްލަވާ ބާރަ އަހަރުވީއިރުގައި އަޅާ ނިންމާފައިވާ ތަނެއް ނެތީ ކީއްވެގެންތޯ. އަޅުގަނޑުމެން މި ޖެހުނީ އަލުން އަނެއްކާ އެ ތަންތަން މަރާމާތު ކުރަން." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތައް ދޮގު ކުރައްވާ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްލަތީފް ވިދާޅުވީ ދިއްދޫގައި އަޅާފައިވާ 250 ހައުސިން ޔުނިޓްގެ ބިންގާ އަޅުއްވައިދެއްވީވެސް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އެއީ ރައީސް ވަހީދުގެ ވެރިކަމުގައެވެ. އަދި ހުރިހާ ފްލްޓްތަކުގެ މަސައްކަތް ނިންމާފައިވަނީ އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް ލަތީފް ވިދާޅުވިއެވެ.

"ހއ، ދިއްދޫ ރައްޔިތުންގެ ހިތަކުން ނުފިލާނެ އަދި ހަނދާނެއްވެސް ނުނެތޭނެ. ދިއްދޫގައި އަޅާފައިވާ 250 ހައުސިން ޔުނިޓްގެ ބިންގާ އަޅުއްވައިދެއްވީވެސް ހައުސިން މިނިސްޓަރު ޑރ. މުއިއްޒު. ހުރިހާ ފްލެޓް ތަކުގެ އެ މަސައްކަތް ކޮށްދެއްވާ ނިންމަވައިދެއްވީ ރައީސް ޔާމީންގެ ސަރުކާރުން. ޝުކުރިއްޔާ." ލަތީފްގެ ޓްވީޓްގައިވެއެވެ.

ލަތީފް ވިދާޅުވީ ދިއްދޫގައި އަޅާފައިވާ 250 ހައުސިން ޔުނިޠްގެ މަސައްކަތް ނިންމުމަށްފަހު އެ ތަންތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައްވެސް ފުރިހަމަ ކޮށްދެއްވީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ. އެގޮތުން ސާފު ބޯފެނާއި، ނަރުދަމާގެ ނިޒާމު ގާއިމުކޮށް، ކަރަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

"އަދި ބައެއް ޔުނިޓްތައް އޭގެ ހައްގުވެރި ފަރާތްތަކަށް ވަނީ ދޫކޮށްވެސް ނިންމާފައި. ޝުކުރިއްޔާ ރައީސް ޔާމީން."

އެމްޑީޕީގެ ބޮޑު ތާއީދެއް އަބަދުވެސް އޮންނަ ދިއްދޫގައި ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ތަރައްގީގެ މުހިންމު މަސައްކަތްތަކެއް ވަނީ ހިންގާފައެވެ.