ހަބަރު

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު ވެސް މިނިވަންކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ސުޕްރީމް ކޯޓުން ދޫކޮށްލައިފި އެވެ.

ތޮލްހަތުގެ މައްޗަށް ކްރިމިނަލް ކޯޓުން 10 އަހަރުގެ ހުކުމެއް އިއްވީ އެޕްރީލް 10، 2015 ގަ އެވެ. އެ ހުކުމް ތޮލްހަތު މައްޗަށް އިއްވީ އޭނާގެ ޑިފެންސް މިނިސްޓަރުކަމުގައި އޭރުގެ ކްރިިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ސިފައިން މެދުވެރިކޮށް ހައްޔަރުކޮށް ސިފައިންގެ މިލިޓްރީ ބޭސް ގިރިފުށީގައި ބެހެއްޓި މައްސަލަ އޭނާގެ މައްޗަށް ސާބިތުވުމުންނެވެ.

އެ ހުކުމް ތޮލްހަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނިންމީ އެ ހުކުމް ރަނގަޅު ކަމަށެވެ. އެހެންވެ، މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި އެވެ. ނަމަވެސް އޭރު ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ބަލައިގަންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ރިޔާސީ އިންތިހާބަށްފަހު ތޮލްހަތު ވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދިފަ އެވެ. މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނީ، ތޮލްހަތު ދޫކޮށްލީ އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފަށް ހުށަހަޅާފައިވާތީ އެ މައްސަލާގައި ގޮތެއް ނިމެންދެނެވެ. އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަންގާފައިވާއިރު، އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަނީ އަމުރުކޮށްފަ އެވެ.

އެ މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދު ވަނީ ކޮށްފަ އެވެ. އެހެން ނަމަވެސް، ރިޔާސީ އިންތިހާބުގެ ފަހުން ދައުލަތުގެ ފަރާތުން ވަނީ އެ މައްސަލަ މުރާޖައާކޮށް ދިނުމަށް އެދިފަ އެވެ. އެހެންވެ ސުޕްރީމް ކޯޓުން ވަނީ ރައީސް ނަޝީދުގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ ހުކުމް ވެސް ވަނީ ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފަ އެވެ.