ދިވެހި ޕްރެމިއާ ލީގް

ރިޒޭގެ ހެޓުރިކުން އީގަލްސް ދެ ވަނަ އަށް!

އަހްމަދު ރިޒުވާން ‘ރިޒޭ’ ހެދި ހެޓްރިކުން، ށ. ފޯކައިދޫގެ މައްޗަށް 5-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ކުލަބު އީގަލްސް ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި، އީގަލްސްގެ ލަނޑުތައް ކާމިޔާބު ކުރީ، ރިޒޭގެ އިތުރުން މުހައްމަދު ނާއިމް އެވެ. ނާއިމްވެސް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން ލަނޑު ޖަހާނެ އެހެން ފުރުސަތުތައްވެސް އޭނާއަށް ތަނަވަސް ވިއެވެ.

އީގަލްސްގެ ފުރަތަމަ ލަނޑު ރިޒޭ ކާމިޔާބު ކުރީ މެޗުގެ 13 ވަނަ މިނެޓްގައެވެ. ނާއިމް އޭރިއާގެ އަރިމަތިން، ބޯޅަ ބޭރަށް ދިއުމުގެ ކުރިން އޭރިއާ ތެރެއަށް ނެގި ބޯޅަ ރިޒޭ ވަނީ މުޅިން ހުސްކޮށް ހުރެ ގޯލްތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. އެވަގުތު ފޯކައިދޫގެ ޑިފެންޑަރުންނަށް ތިބެވުނީ ރިޒޭ މާކު ނުކޮށެވެ.

އީގަލްސްގެ ދެ ވަނަ ލަނޑުވެސް ރިޒޭ ކާމިޔާބު ކުރީ ހުސްކޮށް އަރައި، ބޮލުން ފޮނުވާލި ބޯޅައިންނެވެ. އޭރިއާގެ ބޭރުން އީގަލްސްގެ އުޒްބުކިސްތާންގެ ކޮމިލޯވް އަބްދުރަސުލް އަށް ލިބުނު ބޯޅަ އޭނާ އޭރިއާ ތެރެއަށް ނެގީ، ރިޒޭ އޭރިއަަތއރެއަށް ހުސްކޮށް އަރަން ދިއުމުން ވަރަށް ބަލާލާފަ އެވެ. އެ ލަނޑު ޖެހީ މެޗުގެ 20 ވަނަ މިނެޓްގަ އެވެ.

ޑެ ވަނަ ހާފު ފެށިގެން އަށްވަނަ މިނެޓްގައި، ނާއިމް ވަނީ އީގަލްސްގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ހަސަން ރާއިފް އަހްމަދު ‘ހަންނަ’ ދިން ބޯޅަ، ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރެފައި ނާއިމް ގޯލްތެރެއަށް ފޮނުވާލީ ބޯޅަ ދިފާއު ކުރަން އެރި، ފޯކައިދޫގެ ޕާކިސްތާންގެ ކީޕަރު ސާބިގް ހަނީފު ކަޓުވާލުމަށް ފަހު އެވެ.

ރިޒޭގެ ތިން ވަނަ ލަނޑުވެސް އޭނާ ޖެހީ، ބޮލުންނެވެ. ހަންނަ ނަގައިދިން ބޯޅަ ރިޒޭ އެރިއރު، މިފަހަރުވެސް ފޯކައިދޫގެ ކުޅުންތެރިންނަށް ތިބެވުނީ އޭނާ މާކު ނުކޮށެވެ. އީގަލްސްގެ ފަސް ވަނަ ލަނޑު ނާއިމް ކާމިޔާބު ކުރީ 88 ވަނަ މިނެޓްގަ އެވެ.

އީގަލްސް ދެ ވަނައަށް ޖެހިލީ، ކުރިން ދެ ވަނައިގައި އޮތް މާޒިޔާއަށް ވުރެ އިތުރަށް މެޗެއް ކުޅެގެންނެވެ. މިރޭ ވުކްޓަރީއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުން މޮޅުވެ އަނެއްކާވެސް މާޒިޔާއަށް ތާވަލުގެ ދެ ވަނަ މަގާމު ލިބޭނެ އެވެ.