ހަބަރު

އެމްޑީޕީގެ ޗެއާ ހަސަން މަޖިލީހަށް ކުރިމަތިލާން ނިންމަވައިފި

މޯލްވިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ހަސަން ލަތީފު ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމަވާފައިވާ ކަން އިއުލާން ކުރައްވާ، ހަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. ހެންވޭރު ހުޅަނގު ދާއިރާއަކަށް އަލަށް މަޖިލީހަށް އިތުރު ކުރި ދާއިރާ އެކެވެ.

ހަސަން ލަތީފު ވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގައި އެމަނިކުފާނުގެދިފާއީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރައްވާފަ އެވެ. އަދި އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރުކަންވެސް ހަސަންލަތީފު ވަނީ ކުރައްވާފަ އެވެ.

ހަސަންގެ އިތުރުންވެސް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވާދަ ކުރުމަށްޓަކައި ގިނަ ފަރާތްތަކަކުން އަންނަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ރައީސް ނަޝީދުގެ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރެއްވި ހިސާން ހުސައިންވެސް ހިމެނެ އެވެ. ހިސާން ވާދަ ކުރައްވަން ނިންމަވާފައިވަނީ ތުޅާދޫ ދާއިރާއަށެވެ.