ހަބަރު

ސައުދީގެ ވެރިންނާއި ދިވެހި ކިޔަވާ ކުދިންނާ އިބޫ ބައްދަލުކުރައްވައިފި

ސައުދީ ސަރުކާރުގެ އިސްވެރިންނާއި މައްކާގެ އުންމުލްގުރާ ޔުނިވަސިޓީގައި ކިޔަވާ ދިވެހި ދަރިވަރުންނާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބައްދަލުކުރައްވައިފި އެވެ.

އުންމުލްގުރާ ޔުނިވަސިޓީގެ ދަރިވަރުންނާ އިބޫ ބައްދަލުކުރައްވާފައި ވަނީ އެމަނިކުފާނު މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެވެ. މިމަހުގެ ހަތްވަނަ ދުވަހު އިބޫގެ ދެކަނބަލުން މައްކާއަށް ފުރާވަޑައިގެންނެވީ އުމްރާއެއް ކުރެއްވުމަށެވެ. މި ދަތުރުފުޅުގައި އިބޫގެ އަރިހުގައި ގާސިމް އިބްރާހީމް އާއި އަދާލަތު ޕާޓީގެ އިސް އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ދެބޭފުޅުން ސައޫދީ އަށް ވަޑައިގެންނެވުމުން ސައޫދީ ސަރުކާރުގެ އިސް ބޭފުޅުން ވަނީ ބައްދަލުކުރައްވައި މަރުހަބާ ދަންނަވާފަ އެވެ.

އެހެން ނަމަވެސް، އިބޫ ބައްދަލު ކުރެއްވީ ސައުދީ ސަރުކާރުގެ ކޮން އިސްބޭފުޅުންނަކާ ކަމެއް އިބޫގެ އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

އުއްމުލްގުރާގައި ކިޔަވަމުން އަންނަ ދިވެހި ކުދިންނާ އިބޫ ބައްދަލު ކުރެއްވީ ރޭގެ ވަގުތެއްގަ އެވެ، އެ ބައްދަލުކުރެއްވުުގައި ބައިވެރިވި ދަރިވަރަކު ބުނި ގޮތުގައި އިބޫ ވަނީ އެ ކުދިންގެ ކިޔެވުމުގެ ކަންކަމުގައި އެއްވެސް ދަތިތަކެއް ދިމާވޭތޯ އޮޅުން ފިލުއްވައި އެ ކުދިންގެ ކިޔެވުމަށް ހިތްވަރު ދެއްވައިފަ އެވެ. މައްކާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ އާއި ވަފުދު މިއަދު މާލެ ވަޑައިގަންނަވާނެ އެވެ.