ހަބަރު

އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަން މޯދީ ނިންމަވައިފި

Nov 9, 2018
6

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށް ބާއްވާ ހަފްލާއަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވާނެ ކަމަށް، އެ ގައުމުގެ ސަރުކާރުން ރަސްމީކޮށް މިއަދު ހާމަކޮށްފި އެވެ.

އިބޫ ހުވާކުރެއްވުމުގެ ހަފްލާ އޮންނާނީ، ނޮވެމްބަރު 17 ވަނަ ދުވަހު، ގަލޮޅު ބޯޅަދަނޑުގަ އެވެ. އެ ހަފްލާއަށް އެތައް ހާސްބަޔަކަށް މިހާރު ވަނީ ދައުވަތު ދީފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރައްވާ ޖަލްސާއަށް ވަޑައިގަތުމަށް އެމަނިކުފާނު މޯދީއަށް ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވާ އެ ހަފްލާއަށް ވަޑައިގަތުމަށް މޯދީ ނިންމަވާފައިވާ ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް ދެ ގައުމު ގުޅިގެން ފަށާފައިވާ ކަމަށް ވެސް އެ ނޫސް ކޮންފަރެންސްގައި ބުންޏެވެ. އަދި ބުނީ، ހުވާކުރައްވާ ހަފްލާއަށް މޯދީ ރާއްޖެ ވަޑައިގަތުމަށް ފަހު ހަމަ އެ ދުވަހު އެމަނިކުފާނު އެނބުރި އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށެވެ.

"އިންޑިއާއިން އަމަލުކުރާ ނެއިބާ ފަސްޓް ޕޮލިސީގެ ދަށުން ދެ ގައުމުގެ ގުޅުން މި ދަތުރުފުޅުގެ ސަބަބުން ބަދަހިވެގެން ދިއުމަށް އިންޑިއާއިން އުންމީދުކުރަން،" އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސްޕާސަން ވިދާޅުވި އެވެ.

އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ޔަގީކަން އިންޑިއާއިން ދީފައިވާއިރު، ރާއްޖެއަކީ ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން މޯދީ މިހާތަނަށް ވަޑައިނުގަންނަވާ ހަމަ އެކަނި ގައުމެވެ.

މަގާމަށް ވަޑައިގެންނެވުމަށްފަހު ރާއްޖެއަށް މޯދީ ކުރައްވާ ފުރަތަމަ ދަތުރުފުޅު މިހާރު ޔަގީންވެފައިވާއިރު މޯދީ ވަޑައިގަތުމުގެ ކަންކަން އިންސްޕެކްޓްކުރުމަށް އިންޑިއާގެ އެޑްވާންސް ޓީމެއްވެސް މިހާރު ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ. އެހެން ބައެއް ގައުމުތަކުގެ ވެރިންނަށް ވެސް އެ ރަސްމިއްޔާތުގެ ދައުވަތު ވަނީ އަރުވާފަ އެވެ.