ސާފް ޗެމްޕިއަންޝިޕް

ސާފުގެ ހަގު މުބާރާތުގައި މަކަރާއި އޮޅުވާލުން!

މިދިޔަ ހޮނިހިރު ދުވަހު، ނޭޕާލުގައި ނިމިގެން ދިޔަ 15 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕް މުބާރާތަށް ފުރުމުގެ ކުރިން، ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓް ކޯޗް ފަރީދު މުހައްމަދު (ފަރިއްޓޭ) ގާތު، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ޣަނީ (ސާންތީ) އިޝާރާތް ކުރި ތަފާތު، އެހެން ނަމަވެސް ސަމާލުކަން ދޭން ޖެހޭ ވާހަކައެއް އެބައޮތެވެ.

"މޮޅު ނުވިޔަސް މާޔޫސް ނުވާތި، އެ ޓީމުތަކާ ދެކޮޅަށް މި ތިބަ ކުޅުންތެރިންނަށް ވާދައެއް ވެސް ނުކުރެވޭނެ." މިއީ ސާންތީ ފަރިއްޓޭއަށް ދިން ނަސޭހަތެކެވެ.

ކޯޗިން ދާއިރާގެ ޅަފަތުގައި ހޭދަ ކުރަމުންދާ ފަރިއްޓޭއަށް މި ނަސޭހަތްވީ އޭނާ މާޔޫސް ކުރުވި ކަމަކަށެވެ. އޭނާގެ ހިތްމަރުވި އެވެ. ކުޅުންތެރިޔެއްގެ ގޮތުގައި އޭނާއަށް އެ ޓީމުތަކާ ދެކޮޅަށް ކާމިޔާބު ނުހޯދުނަސް، ކޯޗެއްގެ ގޮތުގައި ރާއްޖެއަށް ކާމިޔާބު ހޯދައިދޭން އޭނާ ބޭނުންވި އެވެ. އުމުރު ފުރާތަކުގެ ގައުމީ ޓީމުގައި އޭނާ ވެސް އެ ޓީމުތަކާ ދެކޮޅަށް ނިކުތެވެ. ކާމިޔާބެއް ނުލިބުނެވެ. އެހެންނަމަވެސް ކޯޗެއްގެ ގޮތުގައި ދެކުނު ހުވަފެން، އޭނާއަށްވުރެ ސީނިއާ ކޯޗަކު ދެއްކި ވާހަކައަކުން ފަނޑުވެގެން ދިޔައީ އެވެ.

ސާންތީ، އެދުވަހު އެ ބުނީ ކީކޭކަން، އޭނާއަށް އެނގުނީ މުބާރާތް ކުޅެން ފެށުމުންނެވެ. މުބާރާތުގައި ވާދަ ކުރާ އެހެން ޓީމުތަކުން، ވާދަ ކުރުވާ ޓީމުތަކަކީ ކަނޑައެޅިފައި އޮންނަ އުމުރު ފުރާއަށްވުރެ ދޮށީ ކުޅުންތެރިން ހިމެނޭ ޓީމުތަކެކެވެ. މިއީ ތުންތުން މަތިން މާ ކުރިންސުރެ ދެކެވޭ ވާހަކަ އެކެވެ.

އުމުރުފުރާތަކުގެ ލެވަލުގައި ރާއްޖެއަށް ކާމިޔާބު ނުހޯދޭނީ ކީއްވެގެންތޯ އެންމެންވެސް ސުވާލު ކުރެ އެވެ. އެކަމުގެ ސަބަބާއި ސިއްރު ގުޅިފައި ވަނީ، މުބާރާތުގައި ވާދަ ކުރާ އެހެން ގައުމުތަކުން ހަދާ މަކަރު ދެނެގަތުމުގައި ސާފަށް ކާމިޔާބު ނުހޯދޭތީ އެވެ. އެކަމަށް އެކަށީގެންވާ ހެކި ވެސް ލިބެން ނޯންނާތީ އެވެ.

މިދިޔަ އަހަރު ބޭއްވި 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި، ރާއްޖެއަށް ކޯޗު ކޮށްދިން، އެފްއޭއެމްގެ ކޯޗިން ޑިޕާޓްމެންޓްގެ ހެޑް މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ އެ މުބާރާތުގެ ތެރޭގައި އެ ވާހަކަ ދައްކާފަ އެވެ. މުބާރާތުގައި ވާދަ ކުރާ އެހެން ގައުމުތަކުން ކަނޑައަޅާފައި އޮންނަ އުމުރުފުރާއަށްވުރެ ދޮށީ ކުޅުންތެރިން ގެންނަ ވާހަކަ އެންމެ ފުރަތަމަ އާންމުކޮށް ދެއްކީ ޝާޒް އެވެ.

"ގިނަ ފަހަރަށް އެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ވެސް ނޭނގޭނެ އެ ކުޅުންތެރިންގެ އަސްލު އުމުރަކީ ކޮބައި ކަމެއް، އެ ގައުމުތަކުގެ ވިލެޖު ހިސާބުތަކުގައި އުޅޭ ކުދިން، އުފަން ދުވަހުގެ ސެޓްފިކެޓެއް އަދި ޕާސްޕޯޓެއް ވެސް އެއިން ކުޅުންތެރިޔަކު އަތުގައި ނޯންނާނެ، ދެން އެ ގައުމުތަކުގެ އެފްއޭގެ ތެރެއިން އެ ކުޅުންތެރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ވަކި ތާރީހެއް ޖަހައިގެން އެތޯރިޓީއަށް ހުށަހަޅައިގެން ހައްދަނީ، ހަގީގަތުގައި އެއީ އެއުމުރުފުރާތަކުގެ ކުޅުންތެރިންނެއް ނޫން،" ޝާޒް ވާހަކަ ދެއްކި އެވެ. "އެ ޓީމުތައް އެހެން ހަދާއިރު، އުމުރުފުރަތާކުގެ ލެވެލްގައި ރާއްޖެއިން މިދާ 13 އަހަރު 14 އަހަރުގެ ކުޅުންތެރިންނަށް އެ ޓީމުތަކާ ވާދަ ވެސް ނުކުރެވޭނެ، އެހެން ނަމަވެސް ރާއްޖޭގެ ކުޅުންތެރިންނަށް ކުރިމަގަށް ބަލާއިރު އެ މެޗުތަކުން ތަޖުރިބާ ލިބޭނެ."

މިފަހަރުގެ މުބާރާތުގައި ވާދަ ކުރި ރާއްޖޭގެ ޓީމުގެ އޮފިޝަލަކު، ބުނި ގޮތުގައި ނޭޕާލުގައި އޮތް މުބާރާތް ތެރޭގައި، ބަންގުލަދޭޝްގެ ޓީމުގެ އިސް މީހަކާ ސުވާލު ކުރުމުން އެމީހުން ކަންކަން ކުރާގޮތް ކިޔައިދިނެވެ.

"ނޭޕާލުގައި މުބާރާތްތެރޭގައި ބަންގުލަދޭޝް ކޯޗާ ދިމާވެގެން އަހަރެމެން އެހިން، އުމުރުފުރާގައި ބަނގުލަދޭޝްގެ ޓީމު މިހާ ވަރުގަދަ އިރު ސީނިއާ ލެވަލުގައި ކާމިޔާބު ނުހޯދެނީ ކީއްވެހޭ؟ އެމީހުން އަހަރެމެންނަށް ކިޔައިދިން ވާހަކަތަކުން ހައިރާންވެސް ވި،" އަވަސް އާ ވާހަކަ ދެއްކި ޒުވާން ޓީމުގެ އޮފިޝަލު ބުންޏެވެ.

"އެމީހުން ބުނި މުބާރާތް ފެށެން ތިން މަހަށްވީމަ އެކި ސަރަހައްދުތަކުން ކުޅުންތެރިންތަކެއް ގެނެސް ޓްރަޔަލް ބާއްވާލާފައި އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިންތަކެއް ނަގަނީއޭ، އެމީހުން ބުނޭ ވިލެޖު ހިސާބުތަކުން އަންނަ ކުޅުންތެރިން އަތުގައި ޕާސްޕޯޓެއް ވެސް އުފަންދުވަހުގެ ސެޓްފިކެޓެއް ނެތީމަ، ތިމަންނަމެން އަމިއްލައަށް ވަކި އުމުރު ޖަހައިލައިގެން އެ ކުޅުންތެރިންގެ ޕާސްޕޯޓް ހައްދަނީއޭ، އެމީހުން ބުނި ތިމަންނަ މެން ނުބަލަމޭ އުމުރުފުރާއަކަށް، އައިޑެންޓިފިކޭޝަނެއް ނެތް ކުޅުންތެރިންތަކެއް ގެނެސް އެ އޮންނަ މުބާރާތުގައި ވާދަ ކުރުވަނީ، އޭރުން ރާއްޖެ ކަހަލަޓީމުތަކާ ދެކޮޅަށް ކުޅެފާނެ އުމުރުން 19 އަހަރުގެ ކުޅުންތެރިޔެއް ވެސް."

ސާފު ޗެމްޕިއަންޝިޕުގެ 15 އަހަރުން ދަށުގެ މި އަހަރުގެ މުބާރާތަށް ގެންދިޔަ ރާއްޖެ ޓީމުގައި އެވްރެޖްކޮށް ހިމެނެނީ 13 އަހަރާއި 14 އަހަރާ ދެމެދުގެ ކުޅުންތެރިންނެވެ. އެގޮތަށް ޓީމް އެކުލަވާލާފައި އޮތީ، އަންނަ އަހަރު އޮންނަ އޭއެފްސީ 15 އަހަރުން ދަށުގެ މުބާރާތަށް ދާންވާއިރަށް އެ ޓީމަށް ތަޖުރިބާ ހޯދައިދިނުމުގެ ބޭނުމުގަ އެވެ.

"ރާއްޖޭގެ ފުރަތަމަ 11 ގައި ކުޅުނު 13 އަހަރުގެ ކުޅުންތެރިން، ދެން އެކޮޅުން 19 އަހަރުގެ ކުޅުންތެރިން ކުޅެންޏާ މެޗުއަރިޓީ ވެސް އަދި އަންޑަސްޓޭޑިން ވެސް މާބޮޑަށް ވެސް ތަފާތު ވާނެ ރާއްޖޭގެ ކުޅުންތެރިންނަށްވުރެ، ދެން އެ ޓީމުތަކުން ރާއްޖޭ ކޮޅަށް ހަތެއް ނުނީ 10 ގޯލް ޖެހިޔަސް ހައިރާން ވާނެ ކަމެއް ނެތްތާ."

ފަނަރަ އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން މިފަހަރު ހޯދީ ބަންގުލަދޭޝް އެވެ. ރަނަރަފު ޓީމަކީ ޕާކިސްތާނެވެ. މި ދެ ޓީމުގައި ވެސް، އެ އުމުރުފުރާއަށް ވުރެ ދޮށީ ކުޅުންތެރިން ތިބޭނެ ކަމަށް ތުހުމަތު ކުރެވެ އެވެ.

އެ އުމުރުފުރާގެ ކުޅުންތެރިޔަކު އުޅޭ އުޅުމާއި، އުފެދުމުގައި ހުންނަ އާދަ ހުންނަ ގޮތަށްވުރެ ދޮށީ ކުދިން އުޅޭ އުޅުމާ ވައްތަރު ކަމުން އެހެން ބުނުމުގެ ފުރުސަތު އެބައޮތެވެ. އުމުރުފުރާ ލެވަލުގައި ބަންގުލަދޭޝް އާއި ޕާކިސްތާން އަދި ނޭޕާލުން ކާމިޔާބު ހޯދި ނަމަވެސް ސީނިއާ ލެވަލުގައި ކާމިޔާބެއް ނުހޯދެ އެވެ. އުމުރުފުރާތަކުގެ މުބާރާތުގައި ވާދަ ކުރާ ކުޅުންތެރިންގެ ތެރެއިން ސީނިއާ ޓީމަށް އަންނަނީ މަދު ކުޅުންތެރިޔެކެވެ. އިންޑިއާގައި ވެސް މިކަން އެގޮތަށް ހިނގަ އެވެ.

ނަމަވެސް، ރާއްޖެއިން، މީގެ 10 ނުވަތަ 15 އަހަރުން ކުރިން އުމުރުފުރާތަކުގެ ލެވަލުގައި ވާދަ ކުރި ކުޅުންތެރިން ސީނިއާ ޓީމުގައި މޮޅަށް ކުޅެ އެވެ. ގައުމީ ޓީމުގެ މިހާރުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި ގައުމީ ޓީމުގެ ޒުވާން ފޯވަޑް ހަމްޒާ މުހައްމަދު (ހަމްޕު) އަދި އަލީ ފާސިރު (ސެންޓޭ) އަދި އަހްމަދު އިމާޒު (އާއްކޮ) އާއި އެހެން ބައެއް ކުޅުންތެރިންނަކީ އުމުރުފުރާގެ ގައުމީ ޓީމުގައި ކުޅުނު ކުޅުންތެރިންނެވެ.

ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމުގެ އޮފިޝަލު ބުނި ގޮތުގައި ރާއްޖޭގެ އެ ޓީމުގައި ހިމެނޭ ދެތިން ކުޅުންތެރިން ކުރިއަށް އޮތް އަށެއްކަ އަހަރުތެރޭ ސީނިއާ ޓީމަށް ކުޅޭނެ އެވެ.

ސާފުގެ މި ގައުމުތަކުން ހަދާ މަކަރުތައް ބެލޭނެ ގޮތެއް އެބައޮތް ހެއްޔެވެ؟ އެ އޮޅުވާލުންތަކުގެ ވާހަކަ އެންމެން ދައްކާއިރު ރާއްޖެއިން އެ މައްސަލަ ސާފަށް ހުށަނާޅަނީ ކީއްވެ ހެއްޔެވެ؟

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވި ގޮތުގައި ސާފުގެ މުބާރާތްތަކުގައި އެކަން އެގޮތަށް ހިނގާ ވާހަކަ މީގެ ކުރިންވެސް ފެތުރެ އެވެ. ނަމަވެސް އެކަށީގެންވާ ހެއްކެއް ނުލިބެ އެވެ.

"އޭއެފްސީގެ އުމުރު ފުރާގެ މަުބާރާތްތަކުގައި އެކަން އޮންނަނީ ތަންކޮޅެއް ހަރުކަށިކޮށް، އޭއެފްސީގައި އެކަމަށް ޝައްކު ކުރެވޭނަމަ ޑީއެންއޭ އާއި ބޯން މެރޯ ޓެސްޓް ވެސް ހައްދާ،" ޖަވާޒު ފާހަގަ ކުރި އެވެ. "ނަމަވެސް ސާފު އަދި އެފެންވަރަކަށް ނުދޭ، އެހެންވެ ސާފުގައި ނޯވޭ އެކަން ބެލޭނެ ގޮތެއް ވެސް."

އެފްއޭއެމްގެ ކޯޗިން ޑިޕާޓްމެންޓްގެ ހެޑް ޝާޒް ބުނި ގޮތުގައު އެކަން އެންމެ ރަނގަޅަށް ގެންދަނީ ރާއްޖެ އެވެ. ސާފުގެ އޮފިޝަލުންނާއި، މުބާރާތުގައި ވާދަ ކުރާ އެހެންޓީމުތަކަށް ވެސް ރާއްޖެއާ މެދު އެކަހަލަ އެއްވެސް ޝައްކު ކުރުމެއް ނުގެންގުޅެ އެވެ.

"އެއީ ރާއްޖޭގައި ނާންނާނެ އުފަން ދުވަހުގެ ސެޓްފިކެޓް ނެތް ހާލަތެއް، އުފަންވާތާ ފުރަތަމަ ހަފުތާގައި ރާއްޖޭގައި އުފަންދުވަހުގެ ސެޓެފިކެޓް ހައްދާނެ، ދެން ލަންކާ އާއި ބޫޓާންވެސް ރަނގަޅު."

"ސާފުގެ އޮފިޝަލު އަޅުގަނޑުމެން ކައިރީގައި ބުނި ރާއްޖެ ލޯޔަލް ވާނެކަން ތިމަންނަ މެންނަށް އެނގެޔޭ، އެހެންވެޔޭ ރާއްޖޭގެ ސީނިއާ ޓީމުގައި އެ ކާމިޔާބު ލިބެނީ، އުމުރުފުރަތާކުން ތަޖުރިބާ ލިބިގެން ސީނިއާ ޓީމުގައި ކުޅެނީ."

އެހެން ގައުމުތަކުން މި ބޮޑު މަކަރުހަދާ ކަމުގެ ތުހުމުތަކު ކުރެވޭއިރު އެކަމުގެ ކަންބޮޑުވުންތަކެއް ސާފުގެ ފަރާތުން އަދި މިހާތަނަށް ހާމަކޮށްފަ އެއް ނުވެ އެވެ. ސަބަބަކަށް ވަނީ ސާފުގެ ފުޓްބޯޅައިގެ ކަންކަން ހިންގުމުގައި ވެސް އެންމެ އިސްކޮށް ތިބީ، އިންޑިއާ އާއި ބަންގުލަދޭޝްގެ ފަރާތްތަކެވެ.