ބޮލީވުޑް

ޒީރޯގެ ޓްރެއިލާއަށް ވެސް އެތައް ބައެއްގެ ސަމާލުކަން

ޝާހްރުކްހާންގެ ފިލްމް ޒީރޯގެ ޓްރެއިލަރއަށް ހަފްތާއެއްތެރޭ 100 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިއްޖެ އެވެ.

ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކްހާންގެ 53 ވަނަ އުފަންދުވަހު ރިލީޒް ކުރި ޓީޒާ ޓްރެއިލާ އަށް އެެންމެ ހަތަރު ދުވަސްތެރޭ 100 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބި ރެކޯޑް ހަދަމުން ދާއިރު، މި ފިލްމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ސަބަބުތަކެއް ނެތި އެއްވެސް ނޫނެވެ. ޑްވާފެއް ނުވަތަ ކުޑަ ކުއްޖެއްގެ ގޮތުގައި މި ފިލްމުން ޝާހްރުކްހާން ފެނިގެން ދާއިރު މިއީ އޭނާގެ އަސްލު ހަށިގަނޑާމެދު ސޯޝަލް މީޑިއާގައި މިހާރު ބަހުސް ކުރެވެއެވެ. ފިލްމުގައި ބޭނުންކޮށްފައިވަނީ ޝާހްރުކްހާންއާ އެއްގޮތް 'ޑަބަލް' އެއް ކަމަށް ބައެއް މީހުން ގަބޫލް ކުރާ އިރު މިއީ ޓެކްނޮޮޖީގެ އެހީގައި ގެނެސްފައިވާ އިލޫޝަންއެއް ކަމަށްވެސް ސުވާލު އުފައްދަ އެވެ.

ބޮލީވުޑްގައި މިކަހަލަ ފިލްމެއް އުފެއްދި މިއީ ފުރަތަމަ ފަހަރެވެ. ހޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމުގައިވާ ލޯޑް އޮފް ދަ ރިންގްސް އާއި ހޮބިޓް އިން މިކަހަލަ މަންޒަރުތައް ވަނީ ކުރިން ފެނިފަ އެވެ. ޝާހްރުކްހާންގެ އިތުރުން އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކެއިފް ކުޅެފައިވާ މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 21ގަ އެވެ.