ބޮލީވުޑް

ބޮލީވުޑްގެ ރަން ޖޯޑުތަކަށް ނަޒަރެއް!

ބޮލީވުޑްގައި މިހާރު އެންމެ ގިނައިން ދެކެވޭ ވާހަކައަކީ ދީޕިކާ އާއި ރަންވީރް ސިންގްގެ ކައިވެނީގެ ވާހަކައެވެ. އެ ކައިވެންޏާ ހިސާބަށް ވާހަކަތައް ދިޔައިރު ފިލްމު ސެޓުތަކުގައި ބޮލީވުޑްގެ އެހެން އެކްޓަރުން ފޮޅުވި މާތައް ވެސް މަދެއް ނޫނެވެ.

ދަރްމެންދުރާ އާއި ހެމާ މާލިނީ

ދަރްމެންދްރާގެ ފުރަތަމަ ކައިވެނި ރޫޅުމަށް ފަހު އިސްލާމްދީނަށް ވަދެ ހެމާ މާލިނީ އާ ކައިވެނި ކޮށްގެން އުޅޭތާ މިހާރު 38 އަހަރު ވެއްޖެ އެވެ. މި ދެ އެކްޓަރުންގެ ލޯބީގެ ފެށުމަކީ 'ތޫ ހަސީ މޭ ޖަވާން"ގެ ސެޓުތައް ކަމަށް މީހުން ބުނެ އެވެ. ހެމާ މާލިނީ ދަރްމެންދްރާއާ ކައިވެނި ކުރީ ސަންޖީވް ކުމާރް އަދި ޖީތެންދްރާ ފަދަ މަޝްހޫރު އެކްޓަރުުންނަށް ނޫނެކޭ ބުނުމަށްފަހު އެވެ.

އަބީޝޭކް ބަޗަން އާއި އައިޝްވާރިޔާ ރާއި

މި ޖޯޑަކީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި ޖޯޑެކެވެ. އަމީތާބް ބަޗަންގެ ދަރިއަކާ ކައިވެނި ކުރުމުގެ އަސްލު މަގްސަދަކީ ލޯބި ނޫން ކަމަށް ބުނެ އައިޝްވާރިޔާއަށް އެކި ގޮތްގޮތުން ފާޑުކި އެވެ. އަދި އަބީޝޭކްގެ މަޖާ ކޮމެޑީ ސިފަތަކަކީ އައިޝްވާރިޔާއާ އެއްގޮތަކަށް ވެސް ނުގުޅޭ ސިފަތަކެއް ކަމަށް މީހުން ބުންޏެވެ. މި ޖޯޑަށް މިހާރު ދަރިއަކު ލިބިފައިވާއިރު ކައިވެންޏަށް 11 އަހަރު ވެއްޖެ އެވެ.

އަޖޭ ދޭވްގަން އާއި ކާޖޮލް

"ހަލްޗަލް" ފިލްމުގެ ސެޓުން ގުޅުނު މި ޖޯޑު ކައިވެނި ކުރީ ހަތަރު އަހަރު ރައްޓެހި ވެގެން އުޅުމަށްފަހު އެވެ. ކާޖޮލް އާއި އަޖޭ ދޭވްގަންގެ ކައިވެނިން ގިނަ ބަޔަކު ސިއްސުވާލައި ސުވާލު އުފެއްދީ، ފިލްމުތަކުން ކާޖޮލް އާއި ޝާހްރުކް ހާން ދެއްކި ކެމިސްޓްރީ މާ ފުރިހަމަ ވުމުންނެވެ. އެކަމަކު ޝާހްރުކް ޚާން އަކީ ގާތް ރައްޓެއްސެއް ކަމަށް ބުނެ އަޖޭ ދޭވަގަންއާ ކައިވެނިކޮށް، މި ކައިވެންޏަށް މިހާރު 19 އަހަރު ވެއްޖެ އެވެ.

އަކްޝޭ ކުމާރް އާއި ޓްވިންކަލް ކަންނާ

މި ދެ އެކްޓަރުން އެކުގައި މާގިނަ ފިލްމެއް ކުޅެފައެެއް ނެތެވެ. އެކަމަކު، އިންޓަރނޭޝަނަލް ކިލާޑީ އާއި ޒުލްމީއިން މި ދެ އެކްޓަރުން ދެއްކި ލޯބި ބެލުންތެރިން ބަލައިގަނެ ބޮލީވުޑްގައި އާ ޖޯޑެއް އުފެދުނެވެ. މި ދެ އެކްޓަރުން ކައިވެނި ކުރީ 2001 ގައެވެ.

ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރު

މިއީ ކަރިނާ ކަޕޫރުގެ ފުރަތަމަ ކައިވެނި ކަމުގައިވިޔަސް ސައިފް އަލީ ޚާން ވަނީ މީގެ ކުރިން ކައިވެންޏެއްކޮށް ދެ ދަރިންވެސް ލިބިފަ އެވެ. މި ދެ އެކްޓަރުންގެ ފަސް އަހަރުގެ ލޯބީގެ ގުޅުން ކައިވެންޏަކަށް ބަދަލުވެ ހަ އަހަރު ވެފައިވާ އިރު މިހާރު ވަނީ ދަރިއަކުވެސް ލިބިފައެވެ.

ރިތޭޝް ދޭޝްމުކް އާއި ޖެނީލިއާ ޑި ސޫޒާ

މަޖާ ކޮމެޑީ ފިލްމުތަކުން މަޝްހޫރުކަން ހޯދި ރިތޭޝް ދޭޝްމުކް އާއި ތަމަޅަ ފިލްމުތަކުން ކުރިއެރި ތަރި ޖެނީލިއާއާގެ ކައިވެންޏަށް މިހާރު ހަ އަހަރުވެފަ އެވެ. މާ ގިނަ ފިލްމްތަކުން އެކުގައި ނުފެނުނު ކަމުގައި ވިޔަސް ދެތިން ފިލްމެއްގައި އެކުގައި މަސައްކަތް ކޮށްފައިވެ އެވެ.

ކެމެރާގެ ފުރަގަހުގަހުން އުފެދުނު މި ޖޯޑުތަކުގެ ލިސްޓަށް އެންމެ އަަވަހަށް ދެން އިތުރުވާނީ ދީޕިކާ އާއި ރަންވީރް ސިންގް ކަމާމެދު ޝައްކެއް ނެތެވެ.