ދިވެހި ޕްރެމިއާ ލީގް

އާ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތަށް ލީގު މެދުކަނޑާލައިފި

އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމު ހުވާ ކުރުމުގެ ރަސްމިއްޔާތު އަންނަ ހޮނިހިރު ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވަން ހަމަޖެހިފައި ވުމުން، ދިވެހި ޕްރިމިއާ ލީގް ގިނަ ދުވަސްތަކަކަށް މެދުކަނޑާލަން ޖެހިއްޖެ އެވެ.

ލީގްގެ ދެ ވަނަ ބުރުގެ މެޗުތައް މިހާރު ކުރިއަށްދާއިރު، މިއީ ގިނަ ދުވަސްތަކަކަށް ލީގް މެދު ކަނޑަލަން ޖެހުނު ދެ ވަނަ ފަހަރެވެ. ކުލަބުތަކަށް އެފްއޭއެމުން ފޮނުވާފައިވާ ސާކިއުލާގައި ބުނެފައި ވަނީ، އާ ރައީސް އާއި ނައިބުރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނުވަ ދުވަހަށް ރައްޔިތުންގެ މަޖީލިހުގެ އިދާރާއިން ދަނޑު ނަގާފައިވާ ކަމަށެވެ. އެއީ އިއްޔައިން ފެށިގެން މިއަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

ދަނޑުގައި ބާއްވާ ރަސްމިއްޔާތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، އެ މުއްދަތުގައި އެމްއެންޑީއެފްގެ ހުއްދަނެތި އެއްވެސް މީހަކު ދަނޑަށް ނުވަނުމަށްވެސް ރައްޔިތުގެ މަޖިލީހުގެ އިދާރާއިން އަންގާފައިވާ ކަމަށް އެފްއޭއެމުން ކުލަބުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައި ވެއެވެ.

އެހެންވެ އެކަމާ ގުޅިގެން، ލީގްގެ 12 ދުވަހަށް ވަނީ މެދުކަނޑާލާފަ އެވެ. ކުރިން އޮތް ގޮތުންނަމަ، ލީގްގެ މެޗުތައް މާދަމާގެ އިތުރުން ހޯމަދުވަހުގައިވެސް އޮންނާނެ އެވެ. އޭރު އޮތްގޮތުން ނަމަ ކުލަބު އީގަލްސް އާއި ވިކްޓަރީ ސުޕޯޓްސް ކުލަބު ކުޅޭ މެޗު މާދަމާ ހަވީރު ކުޅޭނެ އެވެ.

ސާކިއުލާއާއެކު. އާންމުކޮށްފައިވާ ޝެޑިއުލުގައި ވަނީ، މި މަހު 23 ވަނަ ދުވަހު ލީގް އަލުން ފަށާ ގޮތަށެވެ. ލީގް ކުއްލިއަކަށް މެދުކަޑާލަން ޖެހުމުން ޓީމުތަކަށް އުނދަގޫތައް ކުރިމަތި ވެއެވެ. މި އުނދަގޫ އެންމެ ބޮޑަށް އުފުލަން ޖެހޭ ބަޔަކީ ރާއްޖެތެރޭގެ ޓީމުތަކެވެ.

"ހަގީގަތުގައި މީގެ އުނދަގޫ އެންމެ ބޮޑަށް އުފުލަން ޖެހޭނެ ބަޔަކީ އަޅުގަނޑުމެން ހަތަރު ޓީމު،" ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ އަތޮޅު ތެރޭގެ ޓީމެއްގެ އޮފިޝަލަކު ޖުލައި މަހު މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކާ ގުޅިގެން ލީގް މެދުކަނޑާލަން ޖެހުމުން، ބުނެފައިވެ އެވެ.

"އަޅުގަނޑުމެން ކުރާނެ އެއްވެސް ކަމެއް ނެތް، އިތުރު ހަރަދުތަކެއް ހިނގާނީ، ސަރުކާރު ކުންފުނިތަކުން ލިބެންޖެހޭ ފައިސާ ހޯދަން އުފުލަން ޖެހޭ އުނދަގޫ އެހާ ބޮޑު، މިކަހަލަ ހާލެއްގައި އުޅޭއިރު އަދި ގިނަ ދުވަސްތަކަކަށް ލީގް މެދުކަނޑާލަން ޖެހުމުން މިއީ ވަރަށް ބޮޑު ގެއްލުމެއް."

މިހާރު ނިމެން ކައިރިވެފައިވާ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގަލޮޅުދަނޑުގައި އެކިހަރަކާތްތައް ހިންގުމުގެ ސަބަބުން ލީގްގައި ވާދަ ކުރާ ޓީމުތަކަށް ލިބޭ ގެއްލުންތަކާ ބެހޭގޮތުން ފުޓްބޯޅައިގެ ބައެއް ފަރާތްތަކުން މީގެ ކުރިން ވަނީ ވާހަކަ ދައްކާފަ އެވެ.