ވާހަކަ

ބުނެދޭށޭރުހެމޭ

(8 ނޮވެމްބަރ 2018 އާ ގުޅޭ) -- "ސްކާލެޓް، މައި ސްވީޓް އެންގްރީބާޑް" ހެމުންހެމުން އަރްސަލް ބުނެލިއެވެ. ކުރިއަށްވުރެ ނިމްރާގެ ތުންކޮޅު އޫކޮށްލިއެވެ. އެހެންނަމަވެސް ދާން އުޅޭ މަންޒިލާ މެދު ނިމްރާއަށް ވިސްނުނެވެ. ހަތަރު ދުވަސް ސިސިލީގައި ހޭދަ ކުރުމަށްފަހު ދާންއޮތީ ގްރީސްއަށެވެ. ގްރީސްގެ ސަންޓޯރިނީ "ވެކޭޝަން" ކޮޓޭޖްގައި ހަނީމޫނުގެ ބާކީ ދުވަސްތައް ހޭދަކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ގޮތަށެވެ. އެ ކޮޓޭޖްގައި ހަމައެކަނި ދިރިއުޅޭނެ ބަޔަކީ ރާދިންމެންގެ ދެމަފިރިންނާއި އަރްސަލްމެންގެ ދެމަފިރިންނެވެ. ދެ ކޮޓަރީއާއި ކޯޓްޔާޑަކާއި ޕްރައިވެޓް ޖަކޫޒީއެއް ކޮޓޭޖްގައި ހިމެނެއެވެ. ހުރިހާކަމަށްވުރެ ނިމްރާއަށް ވިސްނެމުންދިޔައީ އަރްސަލްގެ ލާނެތްކަން ހުންނާނޭ ވަރު އެނގޭތީ އެކަމާއެވެ.

ރާދިންގެ ފަރާތުން ނުފެންނަ ސިފައެއް ހުރިކަން ޝިހާނާއަށް އެނގުނީ ހަނީމޫނުގެ ދުވަސްތައް ހޭދަކުރުމުގެ ތެރޭގައެވެ. ލޯބިދޭން އެނގޭ ފިރިއަކަށް ރާދިން ވިއެވެ. އޭނާގެ އެ ސިފަ ދައްކަން ބޭނުންވީ ހަމައެކަނި ޝިހާނާއަށެވެ. އޭނާގެ ލޯބިވާ އަލަތު އަނބިމީހާއަށެވެ. ދެ ދުނިޔޭގައި ވެސް ރާދިންގެ ބައިވެރިއެއްގެ ގޮތުގައި ހަމައެކަނި ހުންނާނީ ޝިހާނާ ކަމުގައި ރާދިން ހާމަކުރިއެވެ. ދުވަހަކުވެސް ނުލިބޭހާ އުފަލާއި ހިތްހަމަޖެހުން ރާދިންގެ ފަރާތުން ޝިހާނާއަށް ލިބިގެންދިޔައެވެ.

ހަނީމޫނުގައި ގޮސް ހުރިއިރު ވެސް ދޭތެރެއަކުން އަރްސަލް އޮފީހުގެ ކޯލުތައް ނަގައި މަސައްކަތް ކުރިއަށްދާ ގޮތް އޮޅުންފިލުވާ ހަދައެވެ. ނިމްރާ ބޭނުންނަމަ އޮފީހަށް ނުނިކުމެ ގޭގައި ހުރުމަށް އަރްސަލް ޚިޔާލުފާޅުކުރީ ވެސް ގްރީސްގައި ހުރެއެވެ. އެގޮތް ނިމްރާ ބޭނުންނުވުމުން ދެން އަރްސަލް ޚިޔާލު ދިނީ ނިމްރާ އަމިއްލަ މަސައްކަތެއް ފެށުމަށެވެ. އެގޮތާ ވެސް ނިމްރާ ރުހޭގޮތެއް ނުވިއެވެ. އޭނާ ބޭނުންވަނީ އަރްސަލްއާއި ރާދިންއާއެކު މަސައްކަތް ކުރާށެވެ. ފައިނޭންސްއާ ބެހޭ ކަންކަން ކުރުމަކީ އޭނާގެ ޝައުގުވެރިކަން ހުރި ދާއިރާއަށް ވާތީ މިހާރު އޭނާ ހުރި މަޤާމުގައި އަރްސަލްމެންނާއެކު މަސައްކަތް ކުރުމުގައި ދެމިހުންނާނީކަމުގައި ނިމްރާ ނިންމިއެވެ. ހަނީމޫނުގެ ދުވަސްތައް ނިންމާފައި ރާއްޖެ ދެވުމުން އަރްސަލްމެންނެކޭ އެއްގޮތަށް ނިމްރާ ވެސް ވަޒީފާއަށް ނުކުންނަން ފަށާނަންކަމުގައި އޭނާ ބުންޏެވެ. ނިމްރާގެ އެ ނިންމުން އަރްސަލް ޤަބޫލުކުރިއެވެ. އޭނާއަށް މުހިންމީ ނިމްރާގެ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ހަމައެއާއެކު ނިމްރާ ހުންނާނީ އޭނާއަށް ފެންނަ ހިސާބުގައިކަން އެނގޭތީ އެއީ އިތުރަށް ނިމްރާއާ ޖަދަލުކުރަން ބޭނުންނުވި ސަބަބެކެވެ.

* * * * *

ދެ ހަފްތާ ފަހުން ރާދިންމެންގެ ދެމަފިރިންނާއި އަރްސަލްއާއި ނިމްރާ ވެސް ހަނީމޫނު ދަތުރު ނިންމާ ރާއްޖެ އަތުވެއްޖެއެވެ. އެ މީހުން ބަލައި އެއާޕޯޓަށް ޢާއިލާގެ މެންބަރުން އައިސް ތިއްބެވެ. ބިލާލުއާއި ޝަރުމީނާއި ހަލަފްއެވެ. ޝިހާނާގެ ޢާއިލާއިން މުއްޠަލިބާއި އަފީފާގެ އިތުރުން ހަގަށް ހުންނަ އަންހެންކުއްޖާ ޝިފްނާ ތިއްބެވެ. ހަލަފްގެ އެއްފަރާތުގައި ހުއްޓިލައިގެން ޒިވަން ހުއްޓެވެ. އެކުވެރިން އެނބުރި އައުމުން މަރުޙަބާކިޔަން ތައްޔާރަށެވެ. އެންމެން އެކުގައި އައިސް އެރީ މުއްޠަލިބު ހަމަޖައްސާފައި އޮތް ދެ ވޭނަށެވެ. އެއާއެކު ދެ ވޭން ވެސް މިސްރާބު ޖެހީ ބިލާލުމެން ގެއަށެވެ.

ޕެންޓްހައުސްގައި ހުރި ނިމްރާ ބޭނުންކުރާ ހުރިހާ އެއްޗެއް ބިލާލުމެން ގެއަށް ބަދަލު ކުރީ ޖެހިގެން އައި ދުވަހުއެވެ. އެ އެޕާޓްމެންޓަކީ އަރްސަލްއާއި ނިމްރާ އެކަނިވެލަން ބޭނުންވާ ފަހަރަކު ދާން ހުރި ތަނެއްގެ ގޮތުގައި އެ ދެ މީހުން ނިންމިއެވެ. އެ ފުރުސަތު ރާދިންއާއި ޝިހާނާއަށް ވެސް އޮތްކަން ނިމްރާ ބުނެލީ އޭނާއާއެކު ފޮށިތައް ބަންދުކުރުމުގައި އެހީތެރިވެދިން ޝިހާނާގެ ގާތުގައެވެ. ހަނީމޫނުގައި ދެ އަންހެންކުދީން ވެސް އެ މީހުންގެ ފިރިންނާއެކު ދިޔައީ އެއްމަންޒިލަކަށްވުމުން އެ ދުވަސްތަކުގެ ތެރޭ ކުރިއަށްވުރެ ވެސް ނިމްރާއާއި ޝިހާނާގެ ދެމެދުގައި އޮތް ގުޅުން ގާތްވެ ވަރުގަދަވެފައިވެއެވެ. ދެ އަންހެންކުދީން ސިއްރު ބަދަލުކޮށް ހަދައެވެ. އެއް ޢާއިލާއެއްގެ ދެ ޅީދަރީންނަށް ވުމުން ވެސް އެ ގުޅުން ވަކިން ބަދަހިވެގެންދާނޭކަން އެންމެންނަށް ވެސް އެނގެއެވެ.

"ބޭބް... ސްކާލެޓް، ފާޚާނާގަތަ؟" ކޮޓަރިއަށް ވަން އަރްސަލްއަށް ނިމްރާ ނުފެނުމުން ގޮވާލިއެވެ. އޭނާގެ ކޮޓަރީގެ ހުރިހާ ފަރުނީޗަރެއް ބިލާލުއާއި ޝަރުމީނު ހުރީ އައުކޮށްދީފައެވެ. އަދި ދެމަފިރިންނަށް ބޭނުންކުރެވޭނޭ ގޮތަށް އެ ކޮޓަރި ހުރީ މުޅިން ބަދަލުކޮށްލާފައެވެ. ފާޚާނާ ވެސް ބޮޑުކޮށްދީފައެވެ.

ރާދިންއާއި އަރްސަލްއަށް ޓަކައި ބިލާލުއާއި ޝަރުމީނުގެ ފަރާތުން ދިން ހަދިޔާ އަކީ އެ ކުދީންގެ ކޮޓަރިއެވެ. ދެ ފިރިހެން ދަރީން މީހުންނާ އިނުމުން އެ މީހުންގެ ކޮޓަރިއާއި ފާޚާނާ ބޮޑުކޮށްދިނީއެވެ. އެއީ އެ ކުދީންގެ ކައިވެނި ހަމަޖެހުނު ދުވަހު ބިލާލު ނިންމި ނިންމުކެވެ. މާމުއިހަނދުވަރުގެ ދުވަސްތައް ނިންމާފައި އެ ކުދީން އެނބުރި އަންނަންވާއިރަށް ކޮޓަރިތައް ނިންމާފައި ބެހެއްޓެމުގެ ޕްރޮޖެކްޓްގައި ބިލާލު އުޅުނީ އަވަދިނެތިއެވެ. މަސައްކަތްތައް ރާވާލައިގެން ކުރިއަށް ގެންދިޔައީތީ ބަރާބަރު ދުވަހަށް ހުރިހާ ކަމެއް ނިންމާލެވި ކުދީން ވަންނަން ކޮޓަރިތައް ހުރީ ތައްޔާރުވެ ނިމިފައެވެ. ކޮޓަރިއާ މެދު ހުރިހާ ކުދީން ހިތްހަމަޖެހި ޝުކުރު އަދާކުރިއެވެ. ފިރިހެން ދަރީންނަށްވުރެ ބޮޑަށް ބިލާލުއާއި ޝަރުމީނު ގާތު ޝިހާނާއާއި ނިމްރާ އުފާފާޅުކުރަމުންދިޔައެވެ.

"ވޯޑްޑްރޮބްގަ... އާދެބަލަ" ހެދުންތައް އަޅުވަން ހުރި ނިމްރާ ބުނެލިއެވެ. ނިމްރާގެ ގާތަށް އައި އަރްސަލްއަށް އޭނާ ހެދުންތައް އަޅުވާތަން ފެނުމުން އެކަމުގައި އެހީތެރިވެދޭން ކައިރިވެލިއެވެ.

"އައި މިސްޑް ޔޫ" އިރުއޮއްސުމާ ހަމައަށް އެކި ކަންކަމުގައި އުޅެން ޖެހުނު އަރްސަލްއަށް އަނބިމީހާ ފެނުމުން ބުނެލެވުނެވެ. އަދި ނިމްރާ ހެދުން އަޅުވަންވެގެން އެނބުރިލި ވަގުތު އޭނާގެ ފަހަތުން އަރްސަލް ބައްދާލިއެވެ.

"ދެން އިހަށް ބްރޭކެއް ނަގާބާ" ނިމްރާގެ ކަނދުރާގައި ބޮސްދެމުން އަރްސަލް ބުނެލިއެވެ.

"އަރްސަލް، މި ނިމެނީއޭ... މި ފޮށިގަނޑު އެކަންޏެއްނު ހުރީ" ނިމްރާ ހުރީ މަސައްކަތް އަވަހަށް ނިންމާލަން ބޭނުންވެފައެވެ. ނަމަވެސް އަރްސަލްގެ ހަރާކާތްތައް ހުރީ އޭނާގެ މަސައްކަތަށް ހުރަސް އެޅޭ ފަދައިންނެވެ.

"ސްކާލެޓް" ނިމްރާގެ ކަންފަތްދޮށުގައި އަރްސަލް ސިއްރުން ގޮވާލިއެވެ. އަދި މަޑުމަޑުން ހުރެ ނިމްރާ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުންދިޔައެވެ. އެކަން ނިމްރާއަށް ރެއަކާލީ ބަނޑުގައި އަރްސަލްގެ އަތްތިލަ ބީހިލުމުންނެވެ.

"އެހާ ލޯބިން އުޅެފައި މާލެ އާދެވުނީމަ ތިއުޅެނީ މާ ދުރުން އުޅެންވެގެން" ނިމްރާ ގަމީހަށް ދަމާލަމުން އަރްސަލްގެ ދެއަތް ނައްޓުވާލަން އުޅުނު ވަގުތު އަރްސަލް ބުނެލިއެވެ. އަރްސަލް ބުނި އެއްޗަކުން ނިމްރާ ކުރަން ހުރި މަސައްކަތް ހުއްޓާލިއެވެ. އަދި އަރްސަލްއާ ކުރިމަތިލިއެވެ.

"ސޮރީ... ކުރަން ހުރި ކަންތައްތައް ގިނަކަމުން..." އަރްސަލްގެ މޭގައި ފިރުމާލަމުން އޭނާއަށް ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ނިމްރާ ބުނެލިއެވެ. އަރްސަލް އިތުރު އެއްޗެއް ނުބުނެ އަނބިމީހާގެ ތުންފަތުގައި ލޯބިކޮށްލިއެވެ. ނިމްރާގެ އުނަގަނޑުގައި ހިފައި އުރާލިއެވެ. ހަމައެވަގުތު ކޮޓަރިތެރެއިން ހަލަފްގެ އަޑު އިވިގެންދިޔައެވެ. ނިމްރާ ތެޅިގަތް ގޮތުން އަރްސަލް އޭނާ ވަގުތުން ތިރީގައި ބެހެއްޓިއެވެ. އަދި ނިމްރާގެ ހުޅުވިފައި ހުރި ގަމީހުގެ ގޮއްފަތީގައި ދެފަރާތުން ހިފައި ގެނެސް ކައިރިކޮށްލިއެވެ. ނިމްރާއަށް ގޮވަމުން އައި ހަލަފްގެ އަޑު އެ މީހުން ތިބި ތަނާ ކައިރިވާން ފެށުމުން އަރްސަލް ކުއްލިއަކަށް ނުކުތެވެ.

"މި ކޮޓަރިއަށް ވަނުމުގެ ހުއްދަދިނީ ކާކު؟ ދޮރުލައްޕާފައި ހުރީމަ ވެސް ވަންނަން ޖެހޭތަ؟" އަރްސަލް ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެކަމުން ހަލަފްއަކަށް އަސަރެއް ނުކުރިއެވެ.

"ދޮރުހުރީ ތަޅުނުލައޭ... އެހެންނޫނަސް މިއައީ ރެޑް ހޯދަން" ހަލަފް ބުނެލިއެވެ. ވޯޑްޑްރޮބް ކޮޓަރިން އަރްސަލް ނިކުތްތަން ފެނުމުން އެތަނުގައިކަން ނިމްރާ ހުރީ ހަލަފް ދެނެގަތެވެ. އަރްސަލް އަތްދަމާލި ނަމަވެސް އޭނާގެ އަތުން ރެކިގަނެގެން ހަލަފް އައެވެ. އޭރު ނިމްރާ ހުރީ ދޮރާ ފުރަގަސްދީގެންނެވެ.

"ހޭ ރެޑް... މަންމަ ބުނެގެން މިއައީ" ނިމްރާ ފެނުމުން ހަލަފް ބުނެލިއެވެ. އޭނާގެ ފަހަތުން ހަލުވިކޮށް ކައިރިވެލި އަރްސަލްއަށް ނިމްރާ ފެނުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

"ސްކާލެޓް، އޭނާއަށް އަންގާ މިކޮޓަރިއަށް ނުވަންނަން... ފޯނު އޮންނަނީ ކަމެއްވެގެން ދޯ، ބުނޭ ކަމެއް ޖެހިއްޖެއްޔާ ގުޅާށޭ" އަރްސަލްގެ މޫޑު ގޯސްވެއްޖެކަން ނިމްރާ ނަގައިގަތެވެ. އެހެންނަމަވެސް މިފަހަރު އޭނާއަށް ހުރެވުނީ ފާޑަކަށް ހިނިއައިސްފައެވެ. އަރްސަލްއަށް ވީގޮތް އޭނާއަށް އެނގޭތީއެވެ.

ހަލަފްއާއެކު ނިމްރާ ކޮޓަރިން ނުކުމެގެން ދިއުމުން އަރްސަލް އުޅުނީ ނިމްރާ ކުރަން ފަށާފައި ހުރި މަސައްކަތް ނިންމާލަ ދިނުމަށެވެ. އެ މަސައްކަތާ ހުރެ ނިމްރާއަށް އޭނާއާއެކު ވަގުތު ހޭދަކުރަން ދަތިވެދާނޭ ހީވެގެންނެވެ.

ހަލަފްއާއެކު ސިޑިން ފައިބައިގެން އައި ނިމްރާ އޭނާއަށް ވިސްނައިދިނެވެ. އިނދެގެން އުޅޭ ދެ މީހުންގެ ކޮޓަރީގެ ދޮރު ތަޅުނުލާ ހުއްޓަސް ކުއްލިއަކަށް ނުވަނުމަށެވެ. އެކަހަލަ ކަމެއް ކުރަނިކޮށް ނުބައި މަންޒަރެއް ފެނިދާނޭ ކަމުގައެވެ. ކަންތައްވީގޮތް ހަލަފްއަށް ނަގައިގަނެވުނީ ދެނެވެ. އޭނާ ފެށީ ޕަކަޕަކަލާފައި ހޭށެވެ. ނިމްރާއާ ދިމާކޮށްލުމުން އޭނާ ލަދުގަންނަ ގޮތްވިއެވެ. ހަލަފްގެ ކޮނޑުގައި ނިމްރާ ތަޅައިގަތުމުން ކުރީބައިގައި ސިޑިން ދުވަމުން ކަހަލަ ގޮތަށް ހަލަފް ފައިބައިގެން ދިޔައެވެ. ނިމްރާ އޭނާގެ ފަހަތުން ދުއްވައިގަތެވެ.

* * * * *

އަރްސަލްގެ ޢާއިލާގައި ނިމްރާ ހަމަޖެހެން ގިނަދުވަހެއް ނުނެގިއެވެ. ބިލާލުއާއި ޝަރުމީނަކީ އަމިއްލަ ބައްޕައާއި މަންމަ ފަދައިން ނިމްރާ ދުށްޓެވެ. ހެނދުނު އޮފީހަށް ދާން ހުރިހާ ކުދީން ނުކުންނަން ވާއިރު ޝަރުމީނު ހުންނަނީ ސައި ހަދާފައެވެ. ކޮންމެ ކުއްޖެއްގެ ރަހަތައް އެ މަންމައަށް އެނގެއެވެ. ފިރިމީހާއާއި ކުދީންނަށް ކަމުދާ ހުރިހާ އެއްޗެއް ހެނދުނުގެ ސުފުރާއަށް ނަގައެވެ. އެންމެން ކާމޭޒުދޮށުގައި ހަމަވާފަހުން ނޫނީ އަރްސަލްއާއި ނިމްރާއަކަށް ނާދެވެއެވެ. އަރްސަލްއާ ދެބަސްވަމުން ނިމްރާ އައިސް ބަދިގެއަށް ވަނުމަކީ އެންމެންނަށް އާދައަކަށް ވެއްޖެއެވެ. އެ ދެ ކުދީންގެ ދެމެދުގައި އޮންނަ ލޯބީގެ ބައެއްކަމުގައި ޚިޔާލުތަފާތުވުމާއި ދެބަސްވުން ހިމެނެއެވެ.

"މިއަދު އަރްސަލް ކީއްކުރީ" ނިމްރާގެ ކުރިމަތީ ޖޫސްތަށި ބަހައްޓަމުން އޭނާގެ ބުރަކަށީގައި ފިރުމާލި ޝަރުމީނު އަހާލިއެވެ.

"ނުހޭލީމަ ފެންތަށި އަޅާލީ" ސައިބޯން އުޅުނު ނިމްރާ ބުނެލިއިރު އެއީ ބޮޑުކަމެއްހެން ހިޔެއްނުވެއެވެ. މޭޒުދޮށުގައި އިން ބިލާލު ހިނިގަނޑު ކޮންޓްރޯލު ކުރިއެވެ. ރާދިންއަކަށް އެކަމެއްނުވިއެވެ. ޝިހާނާއާއި ދެ މީހުންގެ ހިނގަނޑު ދިޔައީ ފަޅައިގެންނެވެ.

"ވަރަށް ރުޅިގަދަވެފައި ހުންނާނީ" ހެވިފައި ހުރެ ޝަރުމީނު ބުނެލިއެވެ. އޭރު ރާދިންއާއި ޝިހާނާގެ އިތުރުން ބިލާލު ސައިބޮއެ ނިމިއްޖެއެވެ.

"ކޮބާ ދާކަށްނުވޭތަ؟" އޮފީހަށް ދާން ތައްޔާރުވެގެން ހުރި އަރްސަލްގެ އަޑު އިވުނެވެ.

"ދަރިފުޅު ސައިނުބޯނަންތަ؟" ހިނިއައިސްފައި ހުރެ ޝަރުމީނަށް އަހާލެވުނެވެ.

"ކުރެވުނު މޮޅުކަންތަކުގެ ވާހަކަ އެންމެނަށް ކިޔައިދިނީ ދޯ" އެންމެން ހިނިއައިސްފައި އަރްސަލްއަށް ބަލަން ތިބުމުން އޭނާ ވާހަކަދެއްކީ ނިމްރާއާއެވެ.

"މަންމަ އެހީމަ ބުނުން އެއީ މައްސަލައެއްތަ؟" ނިމްރާ ޕާންފޮތި ތައްޔާރުކޮށް އެއިން އެތިކޮޅެއް ކާލަން އުޅެފައި ބުންޏެވެ.

"ވަޓްއެވާ... އައި އޭމް ލީވިންގް، ދަންޏާ އާދޭ" އަރްސަލް ބުނެލިއެވެ. އަދި ބަދިގެ ދޮރުމަތީ ހުރެފައި އެނބުރިލީ ދާށެވެ. އެއާއެކު ނިމްރާ ގޮނޑިން ތެދުވީ ކުސްތަޅާލަމުންނެވެ.

"ޑެވިލް" ނިމްރާ ކުދިކިޔާލިއެވެ. އަރްސަލްގެ ފަހަތުން ހަލުވި ފިޔަވަޅުގައި ދިޔައެވެ.

"އަރްސަލް... މަޑުކޮށްބަލަ... ކޮންމެވެސް އެއްޗެއް ކައިގެންނު ދާންވާނީ، ނިމް، ދަރިފުޅު މި ބިސްގަނޑާއި ޖޫސްތަށި އަވަހަށް ހުސްކޮށްލާ" ތަށިތައް ހިފައިގެން ނިމްރާގެ ފަހަތުން އައި ޝަރުމީނު ބުންޏެވެ. އަދި އަތުގައި އޮތް ޖޫސްތަށި ނިމްރާއަށް ދިނުމަށްފަހު ބިސްގަނޑު ލާފައި އޮތް ތަށިން ބިސްގަނޑުކޮޅެއް ނައްޓައި ނިމްރާގެ އަނގަށް ލަވައިދޭންފެށިއެވެ. ބިލާލަށް އިތުރަށް ހީނލެވުނީ އެ މަންޒަރު ފެނިފައެވެ. ރާދިންމެން ދެމަފިރިންނަށްވުރެ ގޭގެ ދިރުން ގުޅިފައިވަނީ ނިމްރާއާއި އަރްސަލްއާއެވެ.

"ރަނގަޅަށް ކައިގެން ހުންނައްޗޭ، އެހާ ބުރަކޮށް ނޫޅެއްޗޭ" ހުރިހާ ކުދީން ގެއިން ނުކުތުމުން ބޮޑުކޮޓަރީގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރެ އަތްހޫރާލަމުން ޝަރުމީނު ބުނެލިއެވެ. ކުޑަކުއްޖެއް ފަދައިން ނިމްރާ އެނބުރި ޝަރުމީނަށް ޓާޓާ ކިޔާލިއެވެ. އަދި އަރްސަލްގެ އަތުގައި ހިފާލުމާއެކު ގޭގެ ދޮރޯށިން ނުކުންނަން ދިޔައެވެ.

"އައި ލަވް ޔޫ" ކާރު ދުއްވާލި ވަގުތު ނިމްރާ ބުނެލިއެވެ. އަރްސަލް އިނީ އެ އަޑު ނީވޭކަމަށް ހަދައިގެންނެވެ.

"ޑެވިލް... އައި ލަވް ޔޫ" އަނެއްކާ ވެސް ނިމްރާ ބުނެލިއެވެ. އަރްސަލް އަނގައިން ނުބުނުމުން އޭނާއަށް ކުދި ގޯނާ ނިމްރާ ކުރަން ފެށިއެވެ.

"ސްޓޮޕް އިޓް ސްކާލެޓް، އެކްސިޑެންޓްއެއްވާންތަ ބޭނުންވަނީ" އަރްސަލް ހަރުކަށިކަމާއެކު ބުނެލިއެވެ. އެއާއެކު ވަގުތުން ނިމްރާ ހިމޭންވިއެވެ. ތުންކޮޅު އޫކޮށްލަމުން އަރްސަލްއަށް ބަލާލާފައި މޫނު އަނބުރާލިއެވެ. ދޮރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

ސްކާލެޓް ގޮމަ ހޮޓެލްގެ ޕާކިން ސަރަހައްދުގައި ކާރު މަޑުކޮށްލުމާއެކު ނިމްރާ ފައިބަން އުޅުނެވެ. އެވަގުތު އޭނާގެ އަތުގައި އަރްސަލް ހިފެހެއްޓިއެވެ. އަދި ގާތަށް ދަމާލިއެވެ.

"އައި ލަވް ޔޫ ޓޫ" ނިމްރާގެ ކޯތާފަތުގައި ބޮސްދީފައި އަރްސަލް ބުނެލިއެވެ.

"އައި މިސްޑް މައި މޯނިންގް އެކްސަސައިޒް، ސޯ... ވެން ވީ ގެޓް ހޯމް، އައި އޭމް ގޮއިން ޓު ޑޫ ވެރީ ނޯޓީ ތިންގްސް ވިތް ޔޫ" އެއްމިޔަކަނުން ހިނިތުންވެލަމުން ނިމްރާގެ ކޯތާފަތުގައި ފިރުމާލި އަރްސަލް ބުންޏެވެ.
"ދެން އިޓްސް އަ ޕްރޮމިސް... އައި ވިލް ބީ ވެއިޓިންގް" ތިރީތުންފަތުގައި ދަތްއަޅާލައިގެން އިނދެ ނިމްރާ ހިނިތުންވެލިއެވެ. އެއާއެކު އަރްސަލް އެއްލޯ މަރާލިއެވެ.

"ޕްރޮމިސް" އަރްސަލް ބުންޏެވެ. އަދި ދެ ޒުވާނުން އެކުއެކީ ކާރުން ފޭބިއެވެ. އަރްސަލްއާއެކު ހޮޓެލަށް ވަނުމަށް ނިމްރާ ހިނގައިގަތްއިރު ދެ ޒުވާނުން ވެސް ތިބީ ހިނިތުންވެލައިގެންނެވެ.

އަރްސަލް ކެބިންއަށް ވަންތާ އިރުކޮޅެއް ފަހުން ރާދިން އައިސް ވަނެވެ. އެއާއެކު ޝިހާނާ ހޮސްޕިޓަލަށް ލާފައިތޯ އައީ އަރްސަލް އަހާލިއެވެ. ރާދިން އޭނާއަށް ޖަވާބުދެމުން އައިސް މޭޒުދޮށުގައި އިށީނެވެ. ދުވަހުގެ މަސައްކަތްތައް ދެ ޒުވާނުން ވެސް ފަށައިގަތީ ދެނެވެ.

"އަންނާނަން ބަނޑަށް ކާއެއްޗެއް ލައިގެން" މަސައްކަތުގައި އިނދެފައި އަރްސަލް ބުނެލިއެވެ.

"މަންމަ ބުނީމަ ވެސް ސައިނުބޮއެ އައީނު" ރާދިން ބުންޏެވެ. އޭނާ މީހުންގެ ގާތުގައި ޝަރުމީނުއަށް ނިސްބަތްކޮށް މަންމަ ކީ ނަމަވެސް ޝަރުމީނުގެ ކުރިމަތީ މަންމައެއް ނުކިޔައެވެ. އޭނާ އަމިއްލަ ނަފްސަށް ވަޢުދުވީ ޝަރުމީނަށް މަންމާއޭ ކިޔާ އަރްސަލް ގޮވާލި ދުވަހަކުން އޭނާ ވެސް ޝަރުމީނަށް މަންމަ ކިޔާނެކަމެވެ. ޝަރުމީނާ މެދު އަރްސަލްގެ ހިތުގައި ނަފުރަތު ނެތްނަމަވެސް މަންމަ ކިޔަން އޭނާއަށް އަދިވެސް ވަގުތު ބޭނުންވަނީ ކަމުގައި އެންމެން ވެސް ޤަބޫލުކުރެއެވެ.

"އެ ސްކާލެޓްއަށް ދޫނުކުރަންވެގެން ސައިނުބޮއެ އައީ... މިހާރު ވަރަށް ބަނޑުހައިވެއްޖެ، ހުވާ އަހަރެންގެ އަންހެނުންގެ ވޭކްއަޕް ކޯލްގައި އަސަރު ހުރޭ އިނގޭ" ބަނޑުގައި އަތްޖައްސާލައިގެން އިން އަރްސަލް ބުނެލިއެވެ. ރާދިން ހީނލީއެވެ.

"ހަލަފްއެކޭ ނިމްއެކޭ ތަފާތެއްނެތް، އެ ދެ މީހުން އެހާ ގުޅެނީ އެހެންވެކަންނޭނގެ، މިޒާޖު އެއްގޮތްކަމުން، ޅަކުދީން އުޅޭހެން އެ ދެ މީހުން އަދިވެސް އުޅެނީ، އެހެންވެ ކަންނޭނގެ ބައްޕައާއި މަންމަ އެހާ ލޯބިވަނީ ނިމްދެކެ" ހިނިތުންވެލައިގެން އިން ރާދިން ބުނެލިއެވެ.

"އެހާ އަވަހަށް ރޮވޭނެ، ރުޅިގަދަވިޔަސް ކަމަކާ ކަންބޮޑުވިޔަސް ހުންނާނީ ރޮވިފައި... އަދި ވަރަށް އުޅޭނެ ލާނެތްކަންކަން ކޮށްލާހިތުން، ޖެއްސުމެއްވިއްޔާ ކޮށްލާނެ" އަރްސަލް ވެސް ހިނިތުންވެލިއެވެ.

"އާނާއާއި މަންމަ މިއަދު ކީ ހެނދުނު ރަނގަޅަށް ހޭ ވެސް ނުލެވޭނެއޭ އަރްސަލްއާއި ނިމްރާގެ ކޯޅުން ނުފެށެންޏާ... ކޮންމެ ދުވަހަކު ކޮންމެވެސް މޮޅުކަމެއް ކޮށްފައި ޝަކުވާކުރަމުން އަންނާނެއޭ" ހެނދުނު ކާމޭޒުދޮށުގައި ދެކެވުނު ވާހަކައެއް ހަނދާންކުރަމުން ރާދިން ބުނެލިއެވެ. އަރްސަލް ހީނލާފައި ގޮނޑިން ތެދުވީއެވެ.

"އަންނާނަން އޭނާއާއެކު ގޮސް ސައިބޮއެގެން" އަރްސަލް ބުންޏެވެ. ރާދިން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީއެވެ.

އަރްސަލް ނުކުމެގެން ދިއުމުން ރާދިން ބަލަން އިން މެއިލްތަކަށް ސަމާލުކަން ދިނެވެ. ހައިރާންކަމެއް ލިބިގެންދިޔައީ ކީފާގެ މެއިލްއެއް ލިބިފައި އޮތުމުންނެވެ. އޭނާ ކީފާއާ ގުޅުން ކަނޑާލިއެއްކަމަކު ސޯޝަލްމީޑިއާ އާއި އެހެނިގެން ވަސީލަތްތަކުން ވެސް ބްލޮކްއެއް ނުކުރެއެވެ. އެއީ މުހިންމުކަމަކަށް އެވަގުތު ރާދިންއަށް ނުވީއެވެ. ނަމަވެސް އަރްސަލް ކަންތައްކުރީ އެއާ ދިމާ އިދިކޮޅަށެވެ. އޭނާއާ އެއްވެސް ގޮތަކުން ކީފާއާ ބައްދަލުނުކުރެވޭނޭހެން ހުރިހާ ގުޅުމެއް އޭނާ ކަނޑާލީއެވެ. މެއިލްގެ ނަން ލިޔާބައިގައި "އަހަރެންގެ އެންމެ ފަހު މެއިލް" ލިޔެފައި އޮތެވެ. ދެ ޚިޔާލެއްގައި އިނދެފައި ވެސް ރާދިން އެ މެއިލް ހުޅުވިއެވެ. އޭގައި ކީފާ ލިޔެފައި އޮތީ މުހިންމު ލިޔުންތަކެއް ރާދިންއަށް ފޮނުވާނެކަމަށެވެ. އެ ލިޔުންތަކަކީ ނިމްރާއަށް ވަރަށް މުހިންމު ލިޔުންތަކެއްކަމުގައެވެ. އަރްސަލްއާއި ނިމްރާގެ ދިރިއުޅުމަށް ވަންނާކަށް އޭނާ ގަސްދުނުކުރާކަމާއި ރާދިންއާ ހުރިހާ ކަމަކާ ވާހަކަދައްކަން ބޭނުންވީ އެހެންވެ ކަމަށެވެ. އިތުރަށް އެއްވެސް އެއްޗެއް ކީފާ ލިޔެފައެއްނެތެވެ. ދެ ފަހަރަށް އެ މައިލް ރާދިން ކިޔާލިއެވެ. ކީފާ ބުނަން އުޅޭ އެއްޗެއް އޭނާއަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ.

"އަރްސަލްއާއި ނިމްގެ ދެމެދަށް ވަންނަންނޫޅެންނާ ކޮން ލިޔުންތަކެއް އެއީ، ކީއްވެ ނިމްއަށް މުހިންމުވާންވީ" ވިސްނުމަކަށް ގެއްލިފައި އިނދެ އަމިއްލަ ޟަމީރާ ރާދިން ސުވާލުކޮށްލިއެވެ.

އެ ދުވަހުގެ މެންދުރުވީ ފަހުން ރާދިންއާ ހަމައަށް އައި ލިޔުންތަކުގެ ތެރޭގައި "ބްރައުން" ސިޓީއުރައެއް އޮތެވެ. ފޮނުވީ ކާކުކަމެއް ސިޓީއުރައިގެ ބޭރުގައި އެނގޭކަށް ނެތެވެ. އެކުއުންޓިން ބަޔަށް ފޮނުވަން ހުރި ބިލުތަކެއް ބަލައި ނޯޓުކުރުމަށްފަހު އީވާއަށް ގުޅައި އެ ބިލްތައް ނިމްރާގެ ގާތަށް ރާދިން ފޮނުވިއެވެ. އަދި ސިޓީއުރައިގައި އޮތް އެއްޗެއް ބަލާލީ ދެނެވެ. އޭގައި ހުރި ލިޔުންތަކާއެކު ކަރުދާސްކޮޅުތަކެއް ވެސް ހުއްޓެވެ. ރާދިން ބަލާލި އިރު އެއީ ކުންފުންޏަކާ ބެހޭ ލިޔެކިޔުންތަކެކެވެ. ފަތްޖަހާލާފައި އޮތް ނޯޓުކަރުދާސްކޮޅު ހުޅުވާލައި ރާދިން ފުރަތަމަ ވެސް ކިޔާލީ އޭގައި އޮތް އެއްޗެކެވެ.

"އިޓްސް ދި ލީސްޓް ދެޓް އައި ކޭން ޑޫ ފޯ ޔޫ، އާފްޓާ އެވްރިތިންގް އައި ޑިޑް ބިފޯ" ކީފާގެ އަތުލިޔުމުން ލިޔެފައި އޮތް ނޯޓުކޮޅު ރާދިން ކިޔާލިއެވެ. އެއަށްފަހު ސިޓީއުރައިގެ ތެރެއިން ނެގި ލިޔުންތަކަށް ރަނގަޅަށް ބަލާލިއެވެ. އެއީ އެން.އާރް ކުންފުންޏާ ބެހޭ ލިޔުންތަކެވެ. އެ ލިޔުންތަކުން ފެންނަން އޮތް ގޮތުގައި އެން.އާރް ކުންފުނީގެ ވެރިޔަކީ މިހާރު ކީފާއެވެ. އެކަމަކު އެހެންވާންވީ ކިހިނެއްބާއޭ ރާދިންގެ ހިތަށް އެރިއެވެ. ވަގުތުން ރާދިންގެ މޫނުމަތިން ފޫހިކަން ފާޅުވެގެންދިޔައެވެ. ކީފާގެ އާ ރޭވުމެއްހެން ރާދިންއަށް ހީވީއެވެ. އެކަމަކު ކުންފުނީގެ ލީގަލް ލިޔުންތައް ފޮނުވައިފައި ހުރުމުން އޭނާއަށް ވިސްނުނު ގޮތް ދެކޮޅު ނުޖެހޭކަމުގައި އަމިއްލަ ޟަމީރު ބުންޏެވެ.

"އަރްސަލް... ޔޫ ހޭވް ޓު ސީ ދިސް" ކަރުދާސްތަކަށް ބަލަން އިނދެ ރާދިން ބުންޏެވެ. އޭނާގެ މޫނުގައިވި އަސަރުން އެއީ ކޮން ލިޔުންތަކެއްތޯ އެނގެން އަރްސަލް ވެސް ބޭނުންވިއެވެ.

"ކޮންކަމަކާ ގުޅޭ އެއްޗެއް" ރާދިންގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަން އިނދެ އަރްސަލް އަހާލިއެވެ. ފަހަތަށް ދަމާލި ގޮނޑިން ރާދިން ތެދުވެގެން އައިސް އަރްސަލްގެ މޭޒުދޮށުގައި ހުއްޓުނެވެ. އަދި ސިޓީއުރައިން ނެގި ހުރިހާ ލިޔުމެއް އަރްސަލްގެ ކުރިމަތީ ބޭއްވިއެވެ. އޭގެ ފަހުގައި މޭޒު ކައިރީ ހުރި ގޮނޑީގައި ރާދިން އިށީނެވެ. (ނުނިމޭ)