ކުޅިވަރު

ޑޯޓަމުންޑުން ބަޔާން ލަދު ގަންނަވާލައިފި

ބަޔާން މިޔުނިކްގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ވާދަވެރި ބުރޫޝިއާ ޑޯޓަމުންޑުން ބަޔާން މިޔުނިކު ލަދު ގަންނަވާލައިފި އެވެ.

ޑޯޓަމުންޑުން، މެޗުން ހޯދި ތިން ޕޮއިންޓާއެކު، އެ ޓީމު ވަނީ މިދިޔަ ފަސް އަހަރުގެ ޗެމްޕިއަން ބަޔާންގެ މައްޗަށް ހަތް ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. ޑޯޓަމުންޑް އެއް ވަނައިގައި އޮތީ 27 ޕޮއިންޓާއެކު އެވެ. ބަޔާން ތިން ވަނައިގައި އޮތީ 20 ޕޮއިންޓް ލިބިގެންނެވެ. މިރޭ ބަޔާން ލެވަކޫސަންއާ ދެކޮޅަށް އާރްބީ ލައިޕްޒިގް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ބަޔާން ހަތަރު ވަނަ އަށް އަށް ވެއްޓޭނެ އެވެ.

ޑޯޓަމުންޑްގެ ދަނޑުގައި ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީ ބަޔާނުންނެވެ. އެ ޓީމުގެ ލަނޑު 26 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ރޮބަޓް ލެވަންޑޮސްކީ އެވެ. ބަޔާން ލީޑްގައި އޮވެގެން ފުރަތަމަ ހާފު ނިންމާލިނަމަވެސް، ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި މާކޯ ރިއުސް ވަނީ ޑޯޓަމުންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ނަމަވެސް އޭގެ ތިން މިނެޓް ފަހުން، ލެވަންޑޮސްކީ ވަނީ ބަޔާންއަށް އަލުން ލީޑް ނަގައިދީފަ އެވެ. އަނެއްކާވެސް ރިއުސް ޑޯޓަމުންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެއީ މެޗުގެ 67 ވަނަ މިނެޓްގަ އެވެ.

އޭގެ ފަހުން ބަޔާންއަށް ލީޑެއް ނުހޯދުނެވެ. ލީޑް ނެގީ ޑޯޓަމުންޑުންނެވެ. މެޗުގެ 73 ވަނަ މިނެޓްގައި ޑޯޓަމުންޑް މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ ޕަކޯ އަލްކާސާ އެވެ.