ވިޔަފާރި

މަންތާ އެއާގެ ފުރަތަމަ ބޯޓު ރާއްޖެއަށް ދަތުރު ފަށައިފި

ރާއްޖޭގައި އަލަށް ދަތުރު ފަށާ އެއާލައިން، މަންތާ އެއާގެ ފުރަތަމަ ފްލައިޓް ރާއްޖެ އަންނަން ފުރައިފި އެވެ.

މަންތާ އެއާއިން ބުނީ އެ ކުންފުނިން ގަނެފައިވާ އޭޓީއާރް 600-72 މަރުކާގެ ދެ ބޯޓްގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެއަށް އައުމުގެ ދަތުރުމަތީގައިވާ ކަމަށެވެ. އެ ބޯޓް ރާއްޖެ އައުމަށް ދަތުރު ފަށާފައި ވަނީ ޑެންމާކްގެ ބިލަންޑް އެއާޕޯޓުން ރާއްޖެ ގަނޑިން އިއްޔެގެ ވަގުތެއްގަ އެވެ. އެ ބޯޓަށް ރާއްޖެ އާދެވޭނީ، މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ބެލެވެ އެވެ.

އެ އެއާލައިނުން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ދެވަނަ ބޯޓް، މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ގެންނާނެ އެވެ.

މަންތާ އެއާގެ ޗީފް އޮޕަރޭޓިން އޮފިސާ، ސީއޯއޯ އެޑްވާޑް އެލްސްފޯޑް ވިދާޅުވެފައިވާ ގޮތުގައި، އޭޓީއާރް 600-72 މުޅިން އާ ދެ ބޯޓް ގަނެގެން ރާއްޖެ ގެނައުމުގެ ބޭނުމަކީ އެ އެއާލައިނުން ދަތުރު ކުރާ ފަރާތްތަކަށް އެންމެ މަތީ ފެންވަރުގެ ހިދުމަތެއް ދިނުމެވެ. އަދި އެ އެއާލައިން މެދުވެރިކޮށް ޕެސެންޖަރުން ކުރާ ކޮންމެ ދަތުރަކީ ވެސް އަމާން، ފަސޭހަ އަދި ހިތްހަމަ ޖެހޭ ތަޖުރިބާއަކަށް ހަދައިދިނުމަކީ ވެސް އެ އެއާލައިންގެ އަމާޒެއް ކަމަށް އެޑްވާޑް ވިދާޅުވެފައިވެ އެވެ. އޭނާ އަދި ވިދާޅުވި ގޮތުގައި، ފްލައިޓްގައި ފަސޭހަކަމާ އެކު ޕެސެންޖަރުންނަށް ތިބެވޭނެ ގޮތް ހެދުމަށް ފްލައިޓްގެ އެއް ގޮނޑިބަރި ވަނީ ނަގައި ކެބިންގެ ޖާގަ ތަނަވަސްކޮށްފަ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އެންމެ މަތީ ފެންވަރުގެ ހިދުމަތް ދިނުން،" މަންތާ އެއާގެ ސީއީއޯ، ސީއޯއޯ އެޑްވާޑް އެލްސްފޯޑް ވިދާޅުވެފައިވެ އެވެ.

ފުރިހަމަ ހިދުމަތްތަކާއެކު ފަށާ މި އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަތަމަ އުދުހޭނީ ދ. ކުޑަހުވަދޫ އާއި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓަށެވެ.