ވިޔަފާރި

މަންޓާ އެއާ އިން ކޫއްޑުއަށް ދަތުރުތައް ފަށައިފި

ގއ. ކޫއްޑޫ އިން: މުހައްމަދު އަފްރާހު
Nov 28, 2019

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މަންޓާ އެއާއިން ގއ. ކޫއްޑުއަށް ދަތުރުތައް ފަށައިފި އެވެ.

ކޫއްޑޫ ޑޮމެސްޓިކް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާލެ އިން ކޫއްޑު އަށް މަންޓާ އިން ދަތުރު ފަށަން ބޭއްވި ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވީ ހުވަދު އަތޮޅުގައި ފުޅާ ދާއިރާއެއްގައި އިންވެސްޓްކޮށްފައިވާ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އެވެ.

މި ރަސްމިއްޔާތުގައި މަންޓާ އެއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުހައްމަދު ހަލީލުގެ އިތުރުން ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އެޑްވަޑް އެލްސްފޯޑް އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވަޑައިގަތެވެ. ކޫއްޑޫ އެއާޕޯޓުގެ ލައުންޗުގައި ބޭއްވި މި ރަސްމިއްޔާތުގައި އުފާފާޅު ކުރުމުގެ ގޮތުން ކޭކެއް ފެޅުން އޮތެވެ.

މަންޓާ އިން ހުވަދު އަތޮޅަށް ދަތުރު ފަށާފައިވާއިރު ހަފުތާއަކު ބާއްވާނީ ދެ ފްލައިޓެވެ. އެ ކުންފުނިން ކޫއްޑު/ މާލެ ޓިކެޓު ވިއްކަނީ 829ރ. އަށެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވަމުން، މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ހުވަދު އަތޮޅަށް ފުރަތަމަ އައިއިރު، އެންމެ ބޮޑު ދައްޗަކަށްވީ ދަތުރުކުރެވޭނެ ގޮތެއް ނެތުން ކަމަށެވެ. ކޫއްޑޫ އެއާޕޯޓު ތަރައްގީ ކުރީ އެހެންވެގެން ކަމށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، ސިންގަޕޫރު ވިޔަފާރީގެ ޕާޓްނަރު އަދި ރަހުމަތްތެރިޔާ [ލިޔޯ] ގުޅިގެން މި އެއާޕޯޓް ތަރައްގީ ކުރީ. އޭރު އެއްވެސް މީހަކު ގަބޫލެއް ނުކުރެ މިއީ ސަސްޓޭނަބަލް އެއާޕޯޓަކަށް ވާނެ ކަމަށް. އެކަމަކު މިއަދު މަންޓާ އިން ވެސް ފެށުމާއެކު ކޮންމެ ދުވާހަކު ދަތުރު ކުރާ ފްލައިޓުގެ އަދަދު ހަތަކަށް އަރައިފި. އެކަމަށްޓަކައި ވަރަށް ބޮޑަށް ލިޔޯ އަށް ޝުކުރު އަދާކުރަން،" ޖަނާހު ވިދާޅުވި އެވެ.

މަންޓާގެ ސީއީއޯ ހަލީލް ވިދާޅުވީ އެ ކުންފުނިން ބޭނުންވަނީ ވިޔަފާރީގެ ފައިދާއެއް ހޯދުން އެކަނި ނޫން ކަމަށާ، ބޭނުންވަނީ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ވެސް ދޭން ކަމަށެވެ. ރާއްޖެ އަށް އަންނަ ޓޫރިސްޓު މީހާ އަށް އެންމެ ފުރަތަމަ ރަނގަޅު ހިދުމަތެއް ދޭން ޖެހޭ ހިސާބަކީ އެއާލައިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭނުންވަނީ އެއާލައިން އިންޑަސްޓްރީ އަށް ބޮޑު ބަދަލެއް ގެނައުން. ބޭނުންވަނީ ހަމައެކަނި ވިޔަފާރީގެ ފައިދާއެއް ހޯދުމެއް ނޫން. ކަސްޓަމަރުން އުފާވާނެ ހިދުމަތެއް ދިނުން. ތެދެއް، އަޅުގަނޑުމެންނަކީ ވިޔަފާރި ކުންފުންޏެއް. އެކަމަކު ރަނގަޅު ހިދުމަތެއް ދޭން މި މަސައްކަތް ކުރަނީ. އެކަމަށްޓަކައި ފްލައިޓު ތަނަވަސް ކުރުމަށްޓަކައި ބައެއް ގޮނޑިތައް ވެސް މަދުކޮށްފައިވާނެ،" ހަލީލް ވިދާޅުވި އެވެ.

މަންޓާގެ ސީއޯއޯ އެޑަވަޑް ވިދާޅުވީ މި އަހަރުގެ ފެބްރުއަރީ މަހު އެ ކުންފުނީގެ ކޮމާޝަލް ދަތުރުތައް ފަށައި، މިއަދު ފެނިގެން މި ދަނީ ބޮޑުތަން ކުރިއަރައިގެންދާ ތަން ކަމަށެވެ.

"މަންޓާ އެއާއިން މިވަނީ ދުރާލާ ފްލައިޓް ބުކް ކޮށްލެވޭ ނިޒާމެއް ގެނެސްދީފަ ދަތުރު ފެށި ހިސާބުން. މި ހިދުމަތުގެ ސަބަބުން ޓޫރިސްޓުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދޭ،" އެޑްވަޑް ވިދާޅުވި އެވެ.

މަންޓާ އެއާއިން މިއީ ދަތުރު ފެށި، ތިން ވަނަ މަންޒިލެވެ. އެ އެއާލައިނުން މިހާރު ދަތުރުކުރަނީ ދަރަވަންދޫ އާއި ދާލު އެއާޕޯޓަށެވެ.