ވިޔަފާރި

ގެސްޓްހައުސް އެސޯސިއޭޝަނުން އިބޫއަށް މަރުހަބާ ކިޔަން ހާއްސަ އިވެންޓެއް

Nov 11, 2018

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލހު (އިބޫ) އަށް މަރުހަބާ ކިޔަން ހާއްސަ ހަފުލާއެއް ބާއްވައިފި އެވެ.

ހުޅުމާލޭގައި އިއްޔެ ބޭއްވި މި ހަފުލާގައި އިންތިހާބީ ރައީސް އިބޫ އާއި އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވަޑައިގަތެވެ.

ގޭމްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ މި ހަފުލާގެ މަގުސަދަކީ އިބޫ ވެރިކަމަށްވަޑައިގަތުމުން ގެސްޓް ހައުސްތަކުން މަރުހަބާ ކިޔުން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިބޫ ހޮވިވަޑައިގަތުމަކީ މި ވިޔަފާރިއަށް ލިބިގެން ދިޔަ އުންމީދެއް. އެއީ މެނިފެސްޓޯ އެކުލަވާލުމުގައި ވެސް އަޅުގަނޑުމެންނާ ވަރަށް ކައިރިން މަސައްކަތް ކުރެއްވީ،" ކަރަމް ވިދާޅުވި އެވެ.

"ގެސްޓްހައުސް ވިޔަފާރިއަށް އާ އުންމީދެއް" މި ނަމުގައި ބޭއްވި ހަފުލާގައި މާލެ ކައިރީގެ ގެސްޓް ހައުސްތަކުން ބައިވެރިވެފައިވެ އެވެ.

ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއް ބައެވެ. މިހާރު ރާއްޖޭގައި 700 އެއްހާ ގެސްޓްހައުސް ހިންގަ އެވެ.