ހޮލީވުޑް

ޖޯން ސްނޯ މަރެއް ނުވާނެ!

މިއީ އެޗްބީއޯގެ ހިޓް ޑްރާމާ "ގޭމް އޮފް ތްރޯންސް" ގެ ފަސް ވަނަ ސީޒަން މި ހަފުތާގައި ނިމިގެންދިޔަ އިރު މި ޝޯގެ ހުރިހައި ފޭނުން ރޮއި ހޭރި އެއްއަޑަކުން ބުނަމުން ދިޔަ ވާހަކަ އެވެ.

އާދައިގެ މަތިން "ގޭމް އޮފް ތްރޯންސް" ގެ ކޮންމެ ސީޒަނެއް އޭގެ މުހިންމު ކެރެކްޓާތަކެއްގެ މަރާއެކު ނިންމާލާއިރު މިފަހަރު ބެލުންތެރިން ރޮއްވާލީ ޝޯގެ އެންމެ ފެވަރިޓް އެއް ކެރެކްޓާ ކަމުގައިވާ ޖޯން ސްނޯގެ ކުއްލި މަރުންނެވެ. މި މަރު ވެގެން ދިޔައީ އެއްވެސް ބަޔަކަށް ގަބޫލުކުރެވުނު މަރަކަށް ނޫނެވެ.

"ޖޯން ސްނޯ" މަރެއް ނުވާނެ ކަމަށް މި ޝޯގެ ފޭނުން ބުނަމުން ދަނީ މި ސަބަބާ ހެދި އެވެ.

ނަމަވެސް ކުރީ ރޭގެ އެޕިސޯޑް ނިމިގެންދިޔައިރު އަހަރެމެންނަށް ފެނިގެން ދިޔައީ ޖޯން ސްނޯ ހިމާޔަތްކުރަން ތިބި ނައިޓްސް ވޮޗުގެ މެމްބަރުން ބަޣާވާތެއް ހިންގައި އޭނާގެ ގަޔަށް ވަޅި ހަރައި މަރާލާ މަންޒަރެވެ.

އެހެންވީމަ އޭނާ ހަމަ އަސްލަށް ވެސް މަރުވީ ހެއްޔެވެ؟ ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ބޯ ބުރިކޮށްނުލަނީސް "ގޭމް އޮފް ތްރޯންސް" ގައި އެއްވެސް މީހެއްގެ މަރު ކަށަވަރުކުރަން ނޭނގޭނެ ކަމެވެ.

ނަމަވެސް މި ޝޯގެ އަސްލާ ގުޅިގައިވާ ފޮތުގެ ސިލްސިލާގައި ވެސް ޖޯން ސްނޯގެ މަރުގެ ގެނެސްދީފައި ވަނީ "މަދާސް މާސީ" އެޕިސޯޑުން ފެނިގެން ދިޔަ ފަދަ ގޮތަކަށެވެ. މި ސަބަބާ ހެދި ޖޯން ސްނޯގެ ދުވަސް ދިޔައީ ކަމަށް ގަބޫލުކުރާ ފޭނުން ވެސް އެބައުޅެ އެވެ.

ދެން ތިބި ފޭނުން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ސީޒަނުގައި ވެސް ޖޯން ސްނޯ އެނބުރި އަންނާނެ އެވެ. ޖޯން ސްނޯގެ ކެރެކްޓާ މި ޝޯ އަށް އެނބުރި އަޔަސް މި ރޯލުން އިނގިރޭސި އެކްޓަރު ކިޓް ހެރިންޓޮން ދެން ފެނިގެންދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

އެންޓަޓެއިންމަންޓް ވީކްލީ އަށް މިފަހުން ދިން އިންޓަވިއުއެއްގައި ހެރިންޓޮން ބުނެފައި ވަނީ "ޝޯގައި އޭނާގެ ކެރެކްޓާ މަރުވެއްޖެކަމުގެ ޚަބަރު ލިބިއްޖެ" ކަމަށާއި ކުރިއަށް އޮތް ސީޒަނަށް އޭނާ އެނބުރި އައުމެއް ނެތް ކަމަށެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ހެރިންޓޮން އަކީ މި ސިލްސިލާގެ ސީޒަން ހައެއް އަދި ހަތެކާ ހަމަ އަށް ކޮންޓްރެކްޓް ހަދާފައިވާ މުހިންމު މަދު އެކްޓަރުންގެ ތެރެއިން އެކަކެވެ.

މިއީ އޭނާ ޝޯ އަށް އެނބުރި އަތުވެދާނެ ކަމަށް ބެލެވޭ ސަބަބެއް ކަމަށް ހީވިޔަސް ޖޯން ސްނޯގެ ގޮތުގައި އޭނާ ދެން އެނބުރި އަންނާނެ ގޮތެއް ބުނެދޭކަށް ނޭނގެ އެވެ. ވަރަށް ގިނަ ފޭނުން ލަފާކުރާ ގޮތުން ޖޯން ސްނޯގެ ދެން ބެލުންތެރިންނާ ބައްދަލުކުރާނީ އޭނާ އަށް އޮޅު ހިޔަޅު، ގޯސްޓްގެ ސިފައިގަ އެވެ.

ފޮތުގައި ޖޯން ސްނޯގެ މަރުގެ ވާހަކަ ކިޔައިދީފައިވާ ގޮތުން ވެސް ބޮޑަށް ބެލެވެނީ އޭނާ ދެން ފެންނާނީ "ގޯސްޓް" ގެ ސިފައިގައި ކަމަށެވެ. އެއީ ކުޑައިރުއްސުރެން ފެށިގެން ޖޯން ސްނޯ އޮޅުކޮށްގެން ގެންގުޅޭ ހުދުކުލައިގެ ބޮޑު ހިޔަޅެކެވެ.

ޖޯން ސްނޯގެ މަރުގެ ހަމަލާ ފޮތުގައި ކިޔައިދޭ ޗެޕްޓާގައި، އޭނާ "ގޯސްޓް" ގެ އެހީ އަށް އެދެ އެވެ. މި ސަބަބާ ހެދި ޝޯގެ ފޭނުން ބުނަނީ ޖޯން ސްނޯގެ ފުރާނަ "ގޯސްޓް" ގެ ހަށިގަނޑު ތެރެއަށް ވަދެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މީގެ އިތުރުން ވެސް އެތައް ތިއަރީއެއް އެބަ ގެންގުޅެ އެވެ. އެގޮތުން އަނެއް މަޝްހޫރު ތިއަރީ އަކީ ޖޯން ސްނޯ އަލުން ދިރިގެން އޭނާގެ ގޮތުގައި އެނބުރި އަންނާނެ ކަމަށް ބުނެވޭ ވާހަކަ އެވެ.

މި ވާހަކަ އަކަށް ބާރުދެނީ މަދަ އޮފް ޑްރެގަންސް ނުވަތަ ކުއީން ޑައެނެރީސް އެވެ.

ބުނެވޭ ގޮތުގައި ޖޯން ސްނޯ އަކީ ވެސް ޑައެނެރީސް ފަދައިން ޓާގޭރިއަން ލޭ ހިނގާ ދަރިއެކެވެ. އެހެންވީމަ ޖޯން ސްނޯ ވައިޓް ވޯކާއަކަށް ބަދަލުވުމަށް ފުރުސަތު ނުދީ ނައިޓްސް ވޮޗުން އޭނާ އަންދާލާނެ ކަމަށް ބެލެވޭއިރު މިއީ އޭނާގެ އެނބުރި އައުން ފެނިގެންދާނެ ހިސާބެވެ.

ޓާގޭރިއަން ލޭ ހިނގާ މީހަކު އަލިފާނުން އެނދުމުގެ ބަދަލުގައި އަލުން ދިރިގެން އަންނަ ކަމަށް ޑައެނެރީސް ހެކިވެ އެވެ.

މިފަދަ އެތައް ތިއަރީއެއް އިންޓަނެޓުގައި އެނބުރެމުންދާއިރު ޖޯން ސްނޯ އެނބުރި އަންނާނެ ކަމަށް ގަބޫލުކުރުމަކުން މައްސަލައެއް ނެތެވެ. ބެލެވޭ ގޮތުގައި އޭނާ އަންނާނީ ސީޒަން ހަތެކަށެވެ.

ބައެއް ފޭނުން ބުނާ ގޮތުން ވައިޓް ވޯކާއިންގެ ލީޑަރެއްގެ ގޮތުގައި ވެސް ޖޯން ސްނޯ ފެނުމުގެ ފުރުސަތު އެބައޮތެވެ.