ބާސެލޯނާ

މެސީ އެނބުރި އައި މެޗުގައި ބެޓިސްއިން ބާސާ ބަލިކޮށްލައިފި

އަނިޔާގައި 22 ދުވަހު ހޭދަ ކުރުމަށްފަހު ކެޕްޓަން، ލިއޮނަލް މެސީ އެނބުރި އައި މެޗުގައި، ރެއާލް ބެޓިސް އަތުން ބާސެލޯނާ ބަލިވެއްޖެ އެވެ. ބެޓިސް މެޗު ކާމިޔާބު ކުރީ 4-3 ންނެވެ.

މެސީ ދެ ލަނޑު ޖެހި ނަމަވެސް، އެއީ ބެޓިސް އަތުން ބަލިވުމުން ސަލާމަތް ވެވޭނެ މިންވަރަކަށް ނުވި އެވެ. ބާސާގެ ކޭމްޕް ނޯ ސުޓޭޑިއަމްގައި ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނަގައި ލީޑް ފުލާ ކުރީވެސް ބެޓިސް އިންނެވެ.

އަރުތޫރު މެލޯ އާއި އީވާން ރަކިޓިޗް އަދި ސާޖީއޯ ބުސްކެޓްސް ބަލަހައްޓަމުން ދިޔަ މިޑްފީލްޑް ފުއަޅުވާލުމަށް ފަހު، ބެޓިސްގެ ކްރިސްޓިއަން ޓެލޯ އާއި ޖޫނިއާ ފިރުޕޯ ގެންދިޔައީ ބާސާގެ ޑިފެންސަށް ބާރު ބޮޑު ކުރަމުންނެވެ.

މެޗުގެ 20 ވަނަ މިނެޓްގައި، ވިލިއަމް ކާވަލިއޯ ދިން އާދައިގެ ޕާހަކުން ލިބުނު ބޯޅަ ހިފައިގެން ގޮސް، ޖޫނިއާ ވަނީ ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން، ސާޖިއޯ ރޮބާޓޯ ކަޓުވާލުމަށް ފަހު ގޯލް ކާމިޔާބު ކޮށްފަ އެވެ. ޖޫނިއާ ބޯޅަ ވައްދާލީ ބާސާގެ ކީޕަރު އެންޑްރޭ ޓާސްޓެގަން ހުރި ފަޅި އަށެވެ.

ދެ ވަނަ ލަނޑު، މެޗުގެ 34 ވަނަ މިނެޓްގައި، ބެޓިސްގެ ވޯކިން ސަންޗޭޒް ކާމިޔާބު ކުރީ، ޓެލޯ ހުރަސްކޮށްދިން ބޯޅަ އަކުންނެވެ.

ބާސާގެ ފުރަތަމަ ލަނޑު މެޗުގެ 68 ވަނަ މިނެޓްގައި މެސީ ކާމިޔާބު ކުރީ، ލިބުނު ޕެނަލްޓީ އަކުންނެވެ. އޭގެ ދެ މިނެޓް ފަހުން ޖިއޮވާނީ ލޮސެލްސޯ ވަނީ ބެޓިސްގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ބާސާގެ ދެ ވަނަ ލަނޑު މުނީރު އަލް ހައްދާނީ ތަނަވަސްކޮށް ދިން ފުރުސަތަކުން ކާމިޔާބު ކުރީ، އަރުތޫރު ވިޑާލް އެވެ.

ބެޓިސްގެ ހަތަރު ވަނަ ލަނޑު، ސާޖިއޯ ކޭނަލެސް ކާމިޔާބު ކުރީ ޖޫނިއާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އެ ލަނޑު ޖެހީ 83 ވަނަ މިނެޓްގަ އެވެ. މެސީ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ، މެޗުގެ 92 ވަނަ މިނެޓްގަ އެވެ.

ބާސާބަލިވުމުން، ދެ ވަނައިގައި އޮތް، ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ.