ވިޔަފާރި

މިދިޔަ މަހު މީރާ އަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފި

Nov 12, 2018

މިދިޔަ މަހު ދައުލަތަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
އިން ބުނެފި އެވެ.

މީރާއިން މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 3.9 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 9.6 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން ބުނީ މި އަހަރު އެ އޮތޯރިޓީ އަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 61.7 ޕަސެންޓް ނުވަތަ 636.93 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީއިން ނެވެ. އެއީ 5.8 ޕަސެންޓް ނުވަތަ 59.94 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 56.77 މިލިއަން ރުފިޔާ (5.5 ޕަސެންޓް)، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 46.32 މިލިއަން ރުފިޔާ (4.5 ޕަސެންޓް ) އެއާޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 43.18 މިލިއަން ރުފިޔާ (4.2 ޕަސެންޓް ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 188.71 މިލިއަން ރުފިޔާ (18.3 ޕަސެންޓް ) ހިމެނެ އެވެ.

މީރާއިން ބުނީ މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 38.5 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.