ހަބަރު

އަބުރުގެ ގާނޫނު އުވާލުމުގެ ބިލު ބަލައިގެންފި

އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނު އުވާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

އަބުރުގެ ގާނޫނު އުވާލުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 48 މެންބަރުންނެވެ. އަދި ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓު ދެއްވި އިރު ދެ މެންބަރަކު ވޯޓު ދެއްވީ ވަކި ގޮތަކަށް ވޯޓު ނުދިނުމަށެވެ. އެހެންކަމުން އެ ބިލު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

އަބުރު ރައްކާތެރިކުރުމުގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. އަބުރުގެ ގާނޫނު އުވާލުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ވައުދެކެވެ. އިބޫ ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަބުރުގެ ގާނޫނު އުވާލާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.