ހަބަރު

އަދީބުގެ ހެބިއަސް ކޯޕަސް މައްސަލާގެ ޝަރީއަތަށް ހާޒިރުކޮށް ނުދިން: ވަކީލް

Nov 12, 2018

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހެބިއަސް ކޯޕަސް މައްސަލާގެ މިއަދުގެ އަޑުއެހުމަށް އޭނާ ހާޒިރުކޮށް ނުދިން ކަމަށް ވަކީލް ވިދާޅުވެއްޖެ އެވެ.

ހެބިއަސް ކޯޕަސް މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުރިމިނަލް ކޯޓަށް ހުށަހެޅޭނެ މައްސަލައެކެވެ. އަދީބުގެ ފަރާތުން އެ މައްސަލަ ހުށަހެޅީ ޑޮކްޓަރުންގެ ލަފައާ އެއްގޮތުގެ މަތިން ބޭސްފަރުވާ ކަރެކްޝަނަލް ސާވިސްއިން ފޯރުކޮށް ނުދޭތީ އެވެ. އަދި އަދީބަކީ ހުކުމް ތަންފީޒުކުރަމުންދާ ބޭފުޅަކަށްވާއިރު އޭނާ ފުލުހުންގެ ދޫނިދޫ ޖަލުގައި ބަހައްޓާފައިވާތީ އެވެ.

އަދީބުގެ ހެބިއަސް ކޯޕަސް މައްސަލާގެ މިއަދުގެ އަޑުއެހުން އޮތީ 1:00 އަށް ތާވަލްކޮށްފަ އެވެ.

ނަމަވެސް އޭނާގެ ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވީ އެ ގަޑިއަށް ކަރެކްޝަނަލް ސާވިސްއިން އަދީބު ކޯޓަށް ހާޒިރުނުކޮށްދިން ކަމަށެވެ. އެހެންވެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ ކަމަަށެވެ.

ސިއްހީ ހާލަތު ގޯސްވެގެން އަދީބު މިހާރު އޮންނެވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ. އޭނާގެ ސަލާމަތީކަންކަން ބަލަހައްޓަމުން ދަނީ ކަރެކްޝަނަލް ސާވިސްއިންނެވެ.

އަދީބަށް ތަފާތު ސިއްހީ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން އަދީބުގެ އެތެރެ ހަށީގައި ސިސްޓު އަދި ހިލަަތަކެއް އުފެދި ސިއްހީ ހާލު މާ ބޮޑަށް ގޯސްވެފައިވާ ކަމަށް އޭނާގެ ސީޓީ ސްކޭނުން ދައްކާ ކަމަަށް އަދީބުގެ ވަކީލުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މީގެ އިތުރުން އަދީބުގެ ލޮލުގެ ހާލަތު ގޯސްވެފައިވަނީ ލޮލުގެ ނުރައްކާތެރި މައްސަލައެއް ކަމަށްވާ ގޮލޮކޮމާ ޖެހިފައިވާތީ އެވެ. އެކަން އައިޖީއެމްއެޗްގެ ޑޮކްޓަރުން އަދީބަށް އެންގިތާ މިހާރު އެތައް މަހެއް ވަނީ ވެފަ އެވެ. ލޮލުގެ ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. މިހާރުވެސް އަދީބު އޮންނެވީ ކިޑްނީއަށް ތަދުވާތީ އައިޖީއެމް ހޮސްޕިޓަލުގައި އެދުމަތި ކުރެވިފައެވެ.