ހަބަރު

ކޯޓުގެ އެންގުމާ އެއްގޮތަށް އަދީބަށް ބައްދަލުވުން ނުދޭ: ވަކީލް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވަކީލުންގެ ބައްދަލުވުން ނުލިބޭތާ މަހެއްވެފައިވާތީ ބައްދަލުވުން ހަމަޖައްސައިދޭން ކުރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް އެންގެވި އެންގުވުމާ އެއްގޮތަށް ބައްދަލުވުންތައް އަދިވެސް ހަމަޖައްސައިނުދޭ ކަމަށް ވަކީލުން ވިދާޅުވެއްޖެ އެވެ.

ވަކީލު މޫސާ ސިރާޖު ވިދާޅުވީ، މީގެކުރިން އަދީބުގެ ވަކީލް ބައްދަލުވުން ނުދޭން ކަރެކްޝަނަލް ސާވިސްއިން ދެއްކި އުޒުރަކީ ވަކީލް ބައްދަލުވުން ދެވޭނީ މައްސަލަ ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ ކަމުގެ ލިޔުމާއި ވަކީލުން އައްޔަން ކުރެވިފައިވާ ލިޔުން ދެއްކުމުން ކަމަށް ކަމަށެވެ. ނަމަވެސް ކޯޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިޔުމަކީ ކޯޓުން ދޫކުރާ ލިޔުމެއް ނޫނެވެ. އެހެންވެ ވަކީލް އައްޔަންވި ކަމުގެ ލިޔުން ކަރެކްޝަނަށް މިހާރު ހުށަހަޅާފައިވާނެ ކަމަށެވެ.

"މިހާރު ކަރެކްޝަނުން އަންގަނީ މައްސަލަ ޝެޑިއުލްކުރި ކަމުގެ ޗިޓް ލިބުނީމަ ކަމަށް މީޓިން ދެވޭނީ، ކޯޓުން ވަނީ މީޓިން ހަމަ ޖެއްސުމަށް އަމުރުކޮށްފައި،" މޫސާ ސިރާޖު ވިދާޅުވި އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދުމުގެ ދައުވާގެ 10 މައްސަލާގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަކީލް ބައްދަލުވުން ނުދޭ ކަމުގެ ޝަކުވާ މޫސާ ސިރާޖު ކުރެއްވުމުން އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފު ވިދާޅުވީ، އަދީބާމެދު ވެސް އަމަލުކުރަން ޖެހޭނީ އެހެން މީހުންނާމެދު ވެސް އަމަލުކުރާ ގޮތަށް ކަމަށާއި ތަފާތުކުރުން ގެންގުޅިގެން ނުވާނެ ކަމަށެވެ.

ގާޒީ ވިދާޅުވީ، ވަކީލް ބައްދަލުވުން ހަމަޖައްސައިދިނުމަށް ކަރެކްޝަނަށް ސިޓީއަކުން އަންގާނެ ކަމަށާއި އަދީބަށް ތައްޔާރުވުމަށް އިތުރު 10 ދުވަސް ދެއްވާ ކަމަށެވެ. އެ 10 ދުވަސް ތެރޭގައި ދެ ވަކީލް ބައްދަލުވުން ދިނުމަށް އަންގާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. ދެން އަޑުއެހުން ބާއްވާނީ ދެ ވަކީލް ބައްދަލުވުން ލިބުންތޯ ޔަގީންކޮށްފަ ކަމަށް ވެސް ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ، ކަރެކްޝަނުން ޗިޓް ލިބުމުން ބައްދަލުވުން ހަމަޖައްސައިދޭނެ ކަމަށް ބުނުމުން ކުރިމިނަލް ކޯޓަށް އޭނާ ގުޅި ކަމަށާއި އެ ކޯޓުން ބުނީ މައްސަލަ ޝެޑިއުލް ކުރާނީ ބައްދަލުވުން ދޭކަން ޔަގީންވީމަ ކަމަށް ކަމަށެވެ. އަޑުއެހުންތައް ގާޒީ ތާވަލުކުރަން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ހައްގުތައް ލިބޭކަން ކަށަވަރުކުރުމަށްފަހު އެވެ.

އަދީބަށް ވަކީލް ބައްދަލުވުން ނުލިބޭ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް މިހާރު ވަނީ ހުށަހަޅާފަ އެވެ. ސިރާޖު ވިދާޅުވީ، އަދީބާމެދު ކަރެކްޝަނުން އަމަލުކުރަމުން ދަނީ ވަރަށް ތަފާތު އުސޫލަކުން ކަމަށާއި އެހެން ގައިދީންނަށް ވަކީލް ބައްދަލުވުން ހޯދަން ކުރަން ނުޖެހޭ ކަންކަން އަދީބަށް ކުރަން އަންގާފައިވާ ކަމަށެވެ.

އަދީބު މިހާރު ވެސް ޖަލުގައި ހުންނެވީ 33 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އަދިވެސް އޭނާގެ ބައެއް މައްސަލަތައް ކުރިމިނަލް ކޯޓުގައި ކުރިއަށްދާއިރު ހައިކޯޓަށް ވެސް މައްސަލަތަކެއް ވަނީ ވައްދާފަ އެވެ.