ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ގާނޫނީ ވަކީލުންގެ ބައްދަލުވުން ދިނުމަށް ކަރެކްޝަނަލް ސާވިސްއިން ހުރަސްތަކެއް އަޅާފައިވާތީ މިއަދުގެ ޝަރީއަތުގެ މަޖިލިސް ކުރިއަށް ނުގެންދަން ގާޒީ ނިންމަވައިފި އެވެ.
މިއަދު ކުރިމިނަލް ކޯޓުގައި އޮތީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދުމުގެ ދައުވާގެ 10 މައްސަލައެކެވެ. އެ ދައުވާތައް އަދީބަށް ކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ތެރެއިން ދޫކޮށްފައިވާ ރަށްތަކެއްގެ މައްސަލާގަ އެވެ.
މިއަދުގެ އަޑުއެހުން ފެށުމާއެކު އަދީބުގެ ވަކީލް މޫސާ ސިރާޖު ވަނީ ވޭތުވެދިޔަ 25 ދުވަހުގެ ތެރޭގައި އަދީބަށް އެއްވެސް ވަކީލް ބައްދަލުވުމެއް ލިބިފައިނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދީބާމެދު ކަރެކްޝަނުން އަމަލުކުރަމުން ދަނީ ވަރަށް ތަފާތު އުސޫލަކުން ކަމަށާއި އެހެން ގައިދީންނަށް ވަކީލް ބައްދަލުވުން ހޯދަން ކުރަން ނުޖެހޭ ކަންކަން އަދީބަށް ކުރަން އަންގާފައިވާ ކަމަށެވެ.
ވަކީލް ބައްދަލުވުން ދެވޭނީ މައްސަލަ ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ ކަމުގެ ލިޔުމާއި ވަކީލުން އައްޔަން ކުރެވިފައިވާ ލިޔުން ދެއްކުމުން ކަމަށް ކަރެކްޝަނުން ބުނެފައިވާކަން ސިރާޖު ފާހަގަކުރެއްވި އެވެ. ނަމަވެސް އެފަދަ ލިޔުމަކީ ކޯޓުން އެއްވެސް އިރެއްގައި ދޫކުރާ ލިޔުމެއް ނޫން ކަމަށް ސިރާޖު ވިދާޅުވި އެވެ. އަދި އެ ލިޔުމަކީ އެހެން އެއްވެސް ގައިދީއަކު ހުށަހަޅަންޖެހޭ ލިޔުމެއް ނޫންކަން ފާހަގަކުރެއްވި އެވެ. ސިރާޖު ވިދާޅުވީ، މައްސަލަތަކަށް އައްޔަން ނުވެ ޝަރީއަތަށް ވަޑައިނުގަންނަވާ ވަކީލުންނަށް ވެސް ގައިދީންއާ ބައްދަލުކުރެވޭ ކަމަށާއި ނަމަވެސް އަދީބާ އެގޮތަށް ބައްދަލުނުކުރެވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
ސިރާޖުގެ ވާހަކަތާ ގުޅިގެން ދައުލަތުގެ ވަކީލް އިސްމާއިލް ޝަފީއު ވިދާޅުވީ، ދައުވާ ލިބޭ ފަރާތްތަކަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބެންޖެހޭނެ ކަމަށް ދައުލަތުން ވެސް ގަބޫލު ކުރައްވާ ކަމަށެވެ. އަދީބަށް އިތުރު ވަގުތު ދިނުމަށް ދައުލަތުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.
މި މައްސަލަތައް ބައްލަވަނީ ކުރިމިނަލް ކޯޓުގެ ހިންގުމާ މީގެކުރިން ހަވާލުވެ ހުންނެވީ އާދަމް އާރިފެވެ. ގާޒީ އާރިފު ވިދާޅުވީ، އަދީބާމެދު ވެސް އަމަލުކުރަން ޖެހޭނީ އެހެން މީހުންނާމެދު ވެސް އަމަލުކުރާ ގޮތަށް ކަމަށާއި ތަފާތުކުރުން ގެންގުޅިގެން ނުވާނެ ކަމަށެވެ. ނަމަވެސް ލިޔުންތައް ދިނުމަށް ކަރެކްޝަން އެންގުމަކީ އެ އިދާރާގެ އިދާރީ އެންގުމެއް ކަމަށާއި އެކަމާ ގުޅިގެން އެންގޭނެ އެންގުމެއް ނެތް ކަމަށެވެ.
ގާޒީ ވިދާޅުވީ، ވަކީލް ބައްދަލުވުން ހަމަޖައްސައިދިނުމަށް ކަރެކްޝަނަށް ސިޓީއަކުން އަންގާނެ ކަމަށާއި އަދީބަށް ތައްޔާރުވުމަށް އިތުރު 10 ދުވަސް ދެއްވާ ކަމަށެވެ. އެ 10 ދުވަސް ތެރޭގައި ދެ ވަކީލް ބައްދަލުވުން ދިނުމަށް އަންގާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. ދެން އަޑުއެހުން ބާއްވާނީ ދެ ވަކީލް ބައްދަލުވުން ލިބުންތޯ ޔަގީންކޮށްފަ ކަމަށް ވެސް ވިދާޅުވި އެވެ.
އަދީބު މިހާރު ވެސް ޖަލުގައި ހުންނެވީ 33 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އަދިވެސް އޭނާގެ ބައެއް މައްސަލަތައް ކުރިމިނަލް ކޯޓުގައި ކުރިއަށްދާއިރު ހައިކޯޓަށް ވެސް މައްސަލަތަކެއް ވަނީ ވައްދާފަ އެވެ.