ހަބަރު

އަދީބު މިނިވަނެއް ނުވޭ، ހުރުމަތް ކެނޑި ހުކުމް ތަންފީޒުކުރާނެ: ކަރެކްޝަން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ކުރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމް އަދިވެސް އެބަ އޮތް ކަމަށާއި އެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

އެ ހުކުމް ކަރެކްޝަނަލް ސާވިސްއިން ތަންފީޒު ކުރަމުގެ މަސައްކަތް ފެށީ، އަދީބުގެ މައްޗަށް އިއްވާފައިވާ އެހެން ހުރިހާ ހުކުމްތައް ބާތިލް ކުރުމާ ގުޅިގެންނެވެ. ހައިކޯޓުން މިއަދު ވަނީ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައިިވާ އަށް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލްކޮށްފަ އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އަޮފިޝަލް، އަހުމަދު ނަސީމް މިއަދު އަވަސްއަށް ވިދާޅުވީ ކަރެކްޝަނަލް ސާވިސްއިން އަމަލު ކުރާ އުސޫލަކީ ގިނަ ހުކުމްތަކެއް އެކެއްގެ މައްޗަށް އޮތްނަމަ، އެންމެ ފުރަތަމަ ތަންފީޒު ކުރަނީ އެންމެ ބޮޑު ހުކުމް ކަމަށެވެ. އެ ބޮޑު ހުކުމް ބާތިލުކޮށްފިނަމަ، ދެން ތަންފީޒު ކުރަން ފަށާނީ އެއާ ޖެހުނު ހުކުމް ކަމަށެވެ.

އެހެންވެ، އަށް އަހަރުގެ ޖަލު ހުކުމް މިއަދު ބާތިލްކުރުމާ ގުޅިގެން އަދީބުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރާނެ ނަސީމް ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ކުރިމިނަލް ކޯޓުން އެ 15 ދުވަހުގެ ޖަލު ހުކުމްގެ ޗިޓް ކަރެކްޝަނަލް ސާވިސްއަށް ފޮނުވާފައިނުވާތީ މިއަދުން މިއަދަށް އެ ހުކުމް ތަންފީޒު ކުރަން ފެށިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާނާތުގެ ހުކުމްގެ ކުރިން ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އޭނާގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް މި ހަފުތާގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލާގައި އަދީބުގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށް، އަލުން އެ މައްސަލަ ބަލަން އަންގާފަ އެވެ.

ފަނަރަ ދުވަހުގެ ޖަލުގެ ހުކުމްގެ އިތުރުން ލޯންޗުކޮޅު މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގީ، އަދީބު 15 ދުވަހު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އެ 15 ދުވަސް އަދި ހަމައެއް ނުވެ އެވެ. އެ 15 ދުވަސް ހަމަވުމުން ބަންދު އިތުރު ކުރަން ބޭނުންނަމަ އެކަމަށް ދައުލަތުން ކުރިމިނަލް ކޯޓަށް ހުށަހަޅަން ވާނެ ކަމަށް ވެސް ހައިކޯޓުން އަންގާފައިވެ އެވެ. ނަސީމް ވިދާޅުވި ގޮތުގައި މިހާރު އަދީބު ބަންދުގައި ހުންނެވީ އެ އަމުރުގެ ދަށުންނެވެ. އެ އަމުރުގެ ބާކީ ފަސް ދުވަސް އަދި އެބަ އޮތެވެ.

އަދީބު މިހާރު ހުންނެވީ ގޭބަންދުގަ އެވެ. އެއީ އޭނާގެ ސިއްހީ ހާލަތަށް ބަލައި ގޭބަންދުގައި ބެހެއްޓުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެފައިވާތީ އެވެ.