ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެމަނިކުފާނާއި ގުޅޭ ގޮތުން ހައްދަވާފައިވަނީ އިތުރުފުޅެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމަށްބުނެ ނާޒިމްގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ވަގުތީގޮތުން މަޑު ޖައްސާލުމަށް ސްޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ސްޕްރީމްކޯޓުން އެ އަމުރު ނެރެފައިވަނީ ކާނަލް ނާޒިމްގެ މައްސަލައިގައި ސުޕުރީމްކޯޓުން ނިންމާފައިވާ ނިންމެވުން ރިވިއު ކޮށްދިނުމަށްއެދި ހުށަހެޅި މައްސަލާގައި ގޮތެއް ނިމެންދެކަށެވެ.
ބޭސް ފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރާ މާލެ ވަޑައިގެން ކާނަލް ނާޒިމް ވިދާޅުވީ އެމަނިކުފާނު ފްރޭމްކޮށް ޖަލަށް ލާފައިވަނީ ރައީސް އަބުދުﷲ ޔާމީނާއި، އޭރުގެ ސީޕީ ހުސައިން ވަހީދު ކަމަށެވެ. އެކަމާއި ގުޅިގެން މުއާޒު ކުރައްވާފައިވާ ޓުވީޓްތަކެއްގައި ވިދާޅުވީ، ކާނަލް ނާޒިމް ހައްދަވަނީ އިތުރުފުޅެއް ކަމަށާއި، ކުށެއްގެ ތުހުމަތުގައި ފުލުހުން ތަނެއް ބަލާ ފާސްކުރާއިރު، އެއީ ސަރުކާރުގެ ވަޒީރެއް ދިރިއުޅުއްވާ ތަނެއް ކަމުގައިވީ ނަމަވެސް، ފުލުހުން ރައީސް ޔާމީންގެ ހުއްދަ ހޯދަން ޖެހޭ ގޮތަކަށް އެއްވެސްް އިރެއްގައި އަންގަވާފައި ނުވާނެ ކަމަށެވެ.
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައިވެސް، އެފަދައިން އަމަލުކޮށްފައިނުވާނެ ކަމަަށާއި، ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި ފުލުހުންގެ މަސައްކަތަކީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެފައިވާ، މިނިވަންކަމާއެކު، ކުރެވެންޖެހޭ މަސައްކަތެއް ކަމަށެވެ. އެހެން ކަމުން ވަކި ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ފުލުހުން ވަނުމާއި ނުވަނުން ބިނާވެފައި އޮންނަނީ ރައީސް ޔާމީންގެ އަތްޕުޅު މަތީގައި ނޫން ކަމަށް މުއާޒު ވަނީ ވިދާޅުވި އެވެ.
ކާނަލް ނާޒިމް ވަނީ އޭނާ ފްރޭމްކޮށްފައިވަނީ ރައީސް ޔާމީނާއި، ކުރީގެ ސީޕީ ހުސައިން ވަހީދު ކަމަށާއި، ނުހައްގުން ޖަލުގައި ގެންގުޅުނު މައްސަލަ އިންސާފުވެރިކަމާއެކު ބައްލަވައިދޭން އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއަށް ދަންނަވާނެ ކަމަށެވެ.