އަލީ އަޝްފާގު (ދަގަނޑޭ)

ދަގަނޑޭ އަށް ސަމާލުވާންޖެހޭނެ: ހޮންކޮންގެ ކެޕްޓަން

ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ދިވެހިރާއްޖެއާ ދެކޮޅަށް ހޮންކޮންގް އަމިއްލަ ނުކުންނައިރު، ރާއްޖޭގެ އެންމެ ނުރައްކާތެރި ކުޅުންތެރިއަކީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކަމަށާއި ހޮންކޮންގް އިން ދަގަނޑޭ އަށް ސަމާލުވާންޖެހޭނެ ކަމަށް ހޮންކޮންގެ ކެޕްޓަން ޗޭން ވައި ހޯ ބުނެފި އެވެ.

ހޮންކޮންގެ ސައުތު ޗައިނާއާ އަށް ކުޅެމުންދާ ޗޭން ވަނީ އޭއެފްސީ ކަޕްގައި ދަގަނޑޭއާ ދެކޮޅަށް ކުޅެފަ އެވެ.

މެޗުގެ ކުރިން ހޮންކޮންގެ ނޫހެއް ކަމަށްވާ "ދަ ސްޓޭންޑަޑް" އަށް ދިން އިންޓަވިއުއެއްގައި ޗޭން ބުނީ ދަގަނޑޭގެ ފެންވަރު އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ހޮންކޮންގް އިން ދަގަނޑޭ އަށް ސަމާލުވާންޖެހޭނެ ކަމަށެވެ.

"އަހަރެން މީގެ ކުރިން އޭއެފްސީ ކަޕްގައި އަޝްފާގްއާ ދެކޮޅަށް ކުޅުނިން. އަޝްފާގަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަހަރެމެން ޖެހޭނެ އަަބަދު ވެސް އޭނާ އަށް ވަރަށް ރަނގަޅަށް ސަމާލުވާން. އަޝްފާގް ހުއްޓުވަން ޖެހޭނެ،" ޗޭން ބުންޏެވެ.

ގުރޫޕް ސީގައި ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން 7-0 އިން ހޮންކޮންގް މޮޅުވިއިރު، ރާއްޖެ ވަނީ އަމިއްލަ ދަނޑުގައި ގަތަރު އަތުން 1-0 އިން ބަލިވެފަ އެވެ.

ބޫޓާން ކޮޅަށް ދެ ލަނޑު ޖެހި ހޮންކޮންގްގެ ފޯވަޑް ޖޭމްސް މިކީ ބުނީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު އުނދަގޫވާނެ ކަަމަށެވެ.

"ރާއްޖެ އަކީ ރަނގަޅު ޓީމެއް. ގަތަރު އަތުން ރާއްޖެ ބަލިވީ ފަހު ވަގުތު ޖެހި ލަނޑަކުން. ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހައެއްނުވާނެ،" އިނގިރޭސިވިލާތަށް އުފަން މިކ ބުންޏެވެ.

ރާއްޖެ އާއި ހޮންކޮންގް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖޭ ގަޑިން 1700ގަ އެވެ. މި މެޗު ޓީވީއެމް އިން ލައިވްކުރާނެ އެވެ. -- ފޮކް ސްޕޯޓްސް