ހަބަރު

އައްޑޫ ހޮސްޕިޓަލަށް ސާމާނު ލިބުމުން މަސައްކަތް ނިމޭނެ: މުއިއްޒު

އައްޑޫ ސިޓީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު، އީސީސީގައި މިހާރު އަޅާ ޓާޝަރީ ހޮސްޕިޓަލްގެ ހުރިހާ މަސައްކަތެއް ގާތް ގަނޑަކަށް ނިމިފައިވާ ކަމަށާއި އެތަނަށް ބޭނުންވާ ސާމާނުތައް ގެނެސް އިންސްޓޯލް ކޮށް ނިމުމުން ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވުދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން އައްޑޫ ސިޓީގައި ބިނާކޮށްދެއްވަމުން ގެންދަވާ ހޮސްޕިޓަލްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ލިބުމުން ނޫނީ ނިންމޭ ކަންކަން ފިޔަވާ އެހެން ހުރިހާ ކަމެއް ނިމިފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

އައްޑޫގައި ގާއިމްކުރި ކޮންވެންޝަން ސެންޓަރަކީ ރައީސް ނަޝީދުގެ ސަރުކާރުން ގާއިމް ކޮށްފައިވާ ސެންޓަރެކެވެ. އެ ހޮސްޕިޓަލް ހަދަނީ ޖުމްލަ 161.8 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އެއީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީއެއްގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އެހޮސްޕިޓަލްގެ މަސައްކަތް ނިމުމަކާއި ހަމައަށް ގޮސްފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ހޮސްޕިޓަލްގެ މަސައްކަތް ވަނީ ބައްލަވާލައްވާފަ އެވެ. އެމަނިކުފާނާއެކު އެމްޑީޕީގެ އިސްވެރިންވެސް ވަޑައިގެންނެވި އެވެ.

އައްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، މިއަދު ރައީސް އަބުދުﷲ ޔާމީން ވަނީ ކޮންވެންޝަން ސެންޓަރު ހަލާކު ކޮށްލާފައި ކަމަށާއި އެތަނުގައި ހޮސްޕިޓަލެއް ހެދުމުގެ ބަދަލުގައި ވަނީ ތަން ރޫޅާލާފައި ކަމަށެވެ.

"އަޅުގަނޑުމެންނަކީ ހަލާކު ކުރާ ބައެއް ނޫން، އަޅުގަނޑުމެންނަކީ ބިނާކުރާ ބައެއް، ރައީސް ޔާމީން އެކުރައްވާން ފެއްޓެވި މަސައްކަތް އަލުން ބަދަލު ކުރުމަކީ އަޅުގަނޑު ނަޒަރުގައި ބުއްދިވެރިކަމެއް ނޫން، ދެނެއް އެ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލެއް ނޫން ތަނަކަށް ހަދަން އުޅޭކަށް އަޅުގަނޑަކަށް ނުފެނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މި ސަރުކާރުން ކޮންވެންޝަން ސެންޓަރުގައި ގާއިމް ކުރާ ހޮސްޕިޓަލްގެ މަސައްކަތް އާ ސަރުކާރުން ހުއްޓާނުލައި ބާރަށް ކުރިއަށް ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ. އަދި ވިދާޅުވީ، މިހާރު އެތަނަށް ކޮށްފައިވާ ހަރަދު ބޭކާރުކޮށްލައި އެތަނަށް ބަދަލު ގެންނަން އުޅުމަކީ އެއްވެސް ބަޔަކަށް ފައިދާވާނެ ކަމެއް ނޫން ކަމަށެވެ. ރައްޔިތުންނަށް ކޮންވެންޝަން ސެންޓަރެއް ބޭނުންވާނަމަ އަލުން އާ ކޮންވެންޝަން ސެންޓަރެއް ގާއިމް ކުރާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އެސެންޓަރުގައި މިސަރުކާރުން އަންނަނީ ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރަމުންނެވެ. އެތަނަކީ 100 އެނދުގެ ހޮސްޕިޓަލެއް ކަމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނާ އެވެ. އެ ހޮސްޕިޓަލް ހުޅުވާއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި އޮޕަރޭޝަން ފަސް ތިއޭޓަރު އަދި މޯޗަރީގެ ހިދުމަތް ވެސް ލިބޭނެ އެވެ. މި އަހަރުގެ މެދު ތެރޭގައި ހުޅުވާނެ ކަމަށް އިއުލާން ކުރި އެ ހޮސްޕިޓަލްގެ ހުޅުވާނެ ބަކި ތާރީހެއް އަދިވެސް ހާމައެއް ނުކުރެ އެވެ.