ހަބަރު

ފްލެޓްތަކުގެ މައްސަލައިގައި ސީލައިފް އާއި އެޗްޑީސީ އަދި ސަރުކާރުގެ މައްޗަށް ދައުވާކޮށްފި

ސީލައިފްގެ ފްލެޓްތަކުގެ މައްސަލާގައި، އެކުންފުންޏާއި، އެޗްޑީސީ އަދި އެކޮނޮމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ސީލައިފް އާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ ކުރިން އެޓާނީ ޖެނަރަލްގެ އޮފީހުގައިވެސް މަސައްކަތްކުރެއްވި ވަކީލް މަރިޔަމް ޝުނާނާ އެވެ. އެޑްވާންސް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ރިފަންޑް ނުލިބިވާ މީހުންނަށް، އެ މައްސަލައިގައި ސުނާނާ ވަކާލާތުކޮށް ދެއްވާނީ ހިލެ އެވެ. އޭނާއަކީ ވެސް ސީލައިފުން ފްލެޓެއް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރޭގައި ވެސް ހިމެނޭ މީހެކެވެ.

ސީލައިފް ކުންފުނިން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމަންޓް ގަންނަން 280 މީހެއްގެ އަތުން ވަނީ ބުކިން ފީގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން 50،000ރ. ނެގި އެވެ. މިއީ ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ
އެވެ.

ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައިނުވާތީ ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށާއި، އެޗްޑީސީ އަދި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ފްލެޓްތަކަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައިދިނުމަށާއި، ފެލްޓް ބޭނުން ނުކުރެވި ދިޔަ މުއްދަތުގެ (މާކެޓް ވެލިއު) ކުއްޔަށްވާ ފައިސާ ނަގައިދިނުމަށެވެ.

މީގެ އިތުރުން، އެ ފްލެޓްތަށް އަޅަން ދީފައިވާ ބިމުގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ފްލެޓް އަޅައި، އެ ފްލެޓްތަށް ގަތުމުގެ ފުރުސަތު އެންމެ ފުރަތަމަ އެ މައްސަލައިގެ ޝިކާރައަކަށްވި ފަރާތްތަކަށް ދިނުމަށް އެޗްޑީސީގެ މައްޗަށް އަމުރު ކޮށްދިނުމަށްވެސް ވަނީ އެދިފައެވެ. އެ ފުލެޓްތަށް ވިއްކާ އިރު، ރިފަންޑްގެ ގޮތުގައި ސީލައިފުން ނަގައިދޭން އެދިފައިވާ ފައިސާ އާއި ފެލެޓް ބޭނުން ނުކުރެވި ދިޔުމުން އެ މުއްދަތުގެ ކުއްޔަށްވާ ފައިސާ ވެސް އުނިކުރުމަށް ވަނީ އެދިފަ އެވެ.

ބައެއް ފަރާތްތަކުން ފެލެޓަށް ފައިސާ ދައްކަން ލޯނު ނަގާފައިވާތީ އެ ލޯނާއި ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި ފައިސާ އަރަމުންދާތީ، އެކަމުގައި ގެއްލުންވެފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ފުރުސަތު އޮތްކަން ސިވިލް ކޯޓުން ނިންމައިދިނުމަށް ވެސް ވަނީ އެ މައްސަލާގައި އެދިފަ އެވެ.

ސީލައިފް ކުންފުނީގެ ޑިރެކްޓަރުންނަށް އެ ވަރު ބޮޑު އޮޅުވާލުމެއް ނުވަތަ ފްރޯޑެއް ހިންގިފައިވަނީ އެޗްޑީސީގެ އިހުމާލުން ކަމަށް ނިންމައި، އެޗްޑީސީ އާއި ސަރުކާރުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ނިންމައިދޭން ވެސް ސިވިލް ކޯޓުގައި ވަނީ އެދިފައެވެ. އަދި އެކަމުގެ ސަބަބުން އެޗްޑީސީ އާއި ސަރުކާރަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ސީލައިފްގެ ޑިރެކްޓަރުންނާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތު އޮތްކަން ނިންމައިދޭން ވެސް ވަނީ އެދިފަ އެވެ.

ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވާއިރު މީގެކުރިން ހަމަ މި މައްސަލަ ފުލުހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ވަނީ ހުށަހަޅާފަ އެވެ.